މިއީ ނޭނގި ވާނެ ކަންތަކެއް ނޫނެވެ. މިއީ ފެޝަނެކެވެ. މީހާ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެއެވެ. މިއީ ހަމަ ޒުވާން ޓްރެންޑެއް ކަމަށް ބުނެއެވެ. ނުރައްކާ އެނގެއެވެ. ލިބޭ ގެއްލުންތައް ވެސް އެނގެއެވެ. ހަށިގަނޑުގެ ތެރޭގައި ވިހަ އެ ފަތުރާލަނީ ނޭނގި ތިބެެގެން ނޫނެވެ. އެނގި ތިބެ ހަލާކުގެ ތެރެއަށް ދޫވެގެން ދަނީއެވެ. މާ ބޮޑަށް ހިތްޖެހުނީއެވެ. ރަހުމަތްތެރިން ބޭނުން ކުރާތީ ބޭނުން ކުރާ ހިތްވަނީއެވެ. މިހާރު ގިނަ ބައެއްގެ ޖީބުގައި ވޭޕެއް އޮވެއެވެ. އެކަކު ބޭނުން ކުރާ ވޭޕް އަނެކަކު ބޭނުން ކުރެއެވެ. ރަހުމަތްތެރިންގެ ތެރޭގައި ވެސް އެ ވޭޕް ދައުރުވެއެވެ.

ވޭޕް ބޭނުން ކުރަން ފެށީ ކީއްވެ ހެއްޔެވެ؟

އެއް ބަޔަކު ބުނާ ގޮތުގައި ވޭޕް ކުރަނީ ސިއްހަތަށް ރަނގަޅަކަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުން ނުވަތަ މުޅިން ހުއްޓާލުން ފަދަ އެކި ސަބަބުތަކާ ހުރެ މީހުން ވޭޕް ކުރަން ފަށައެވެ. އަނެއް ބަޔަކު ބުނަނީ ސިނގިރެޓަށް ބޮޑު ހޭދައެއް ކުރާތީ ފައިސާ ރައްކާ ކުރެވިދާނެ އުކުޅެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ބައެއް މީހުން ވޭޕް ކުރުން ފަށަނީ ނުރައްކާ ކުޑަ ކަަމަށް ދެކޭތީއެވެ. އެކަމަކު ވޭޕްއަކީވެސް ނުރައްކާ ބޮޑު އެއްޗެކެވެ. އޭގެ އެތައް ހެއްކެއް މިހާރުވެސް ފެންނަމުން ދެއެވެ. މި ރާއްޖޭގައި ވެސް މިފަދަ އެތައް ކަމެއް ހިނގައިފިއެވެ. އެކަން ޑޮކްޓަރުން ކިޔާދީފިއެވެ.

ދުނިޔޭގެ ވޭޕިން އިންޑަސްޓްރީގެ އަގު އަހަރުން އަހަަރަށް މަތިވާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. 2022 ވަނަ އަހަރު އެ ސިނާއަތުގެ އަގު އުޅެނީ 22.45 ބިލިއަން ޑޮލަރުގައވެ. ވޭޕިން އިންޑަސްޓްރީ މަޑުޖެހުމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި އަހަރުން އަހަރަށް މަގުބޫލުކަން އިތުރުވަމުންދާ ކަމަށް ބޭރުގެ ދިރާސީ ލިޔުންތަކުން ދައްކައެވެ.

ކުޑަކުދިންގެ ޑޮކްޓަރުން ވިދާޅުވާގޮތުންނަމަ ވޭޕް ކުރުމުން ޒުވާނުންގެ ފުއްޕާމެއަށާއި ހިތާއި ސިކުނޑިއަށް ދިގު މުއްދަތަކަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑެވެ.

ވޭޕް ކުރުމާއި ގުޅޭގޮތުން ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތް!

އެމެރިކާގެ ޔުނިވާސިޓީ އޮފް ސިންސިނާޓީގެ އެސޯސިއޭޓް ޕްރޮފެސަރު އެޝްލީ މެރިއާނޯސް ވިދާޅުވުވެފައިވާ ގޮތުގައި ފުއްޕާމެއަށް ގެއްލުންދޭ ވޭޕިން ޕްރޮޑަކްޓްތަކުގައި ހިމެނޭ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި އެކްރޮލިން، ފޯމަލްޑިހައިޑް، ޑައިސެޓައިލް އަދި އަލްޓްރާފައިން ޕާޓިކަލްސް ހިމެނެއެވެ.

މެރިއާނޯސް ވިދާޅުވުވެފައިވާ ގޮތުގައި ވޭޕްކުރުމާ ބެހޭ ގޮތުން ނޭނގޭ އެތައް ކަމެއް އެބަހުއްޓެވެ. ހާއްސަކޮށް ދިގު މުއްދަތަކަށް އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންކަމެވެ.

"އުފެދޭ ހެކިތަކުން އެނގެނީ ވޭޕް ކުރުމަކީ ފުއްޕާމޭގެ މައްސަލަތަކާ ގުޅިފައިވާ ކަމެއް ކަން، އޭގެ ތެރޭގައި އެސްތަމާ ވެސް ހިމެނޭ. މީގެ އިތުރުން، އަޅުގަނޑުމެންނަށް ލިބިފައިވާ ލިމިޓެޑް ދިރާސާތަކުން ދައްކާ ގޮތުގައި ސެކަންޑްހޭންޑް އެރޯސޯލް އެކްސްޕޯޒާއަކީ ނޭވާލާ ނިޒާމުގެ އަލާމާތްތަކާއި ބަލިތަކާ ގުޅިފައިވާ ކަމެއް،".

ވޭޕިން ޕްރޮޑަކްޓްތަކުން އެރޯސޯލްތަކަށް ސެކަންޑްހޭންޑް އެކްސްޕޯޒާވުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށް މެރިއާނޯސް ޑީޑަބްލިއުއަށް ވިދާޅުވިއެވެ.

ސިނގިރޭޓް ބުއިން މަނާތަނެއް ކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ލިޔުމެއް
ސިނގިރޭޓް ބުއިން މަނާތަނެއް ކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ލިޔުމެއް

ވޭޕްގެ ސަބަބުން ފިލިޕީންސްގައި ދިމާވި ހާދިސާއެއް!

ފިލިޕީންސްގައި ވޭޕް ބޭނުން ކުރަމުންދިޔަ މީހަކު ދާދި ފަހުން ވަނީ މަރުވެފައެވެ. އޭނާއާ ގުޅޭ މެޑިކަލް ކޭސް ރިޕޯޓުގައި ވަނީ ވޭޕް ކުރުމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ ބޮޑެތި ނުރައްކާތައް ފާހަގަކޮށްފައެވެ.

ރެސްޕިރޮލޮޖީ ކޭސް ރިޕޯޓްސް ޖާނަލްގައި 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 17 ގައި ޝާއިއުކޮށްފައިވާ ޑރ. މާގަރިޓާ އިޒަބެލް ސީ ފެނާންޑޭޒް ލިޔުއްވާފައިވާ މި ކޭސްގައި، އުމުރުން 22 އަހަރުގެ ފިލިޕީންސް ފިރިހެނަކަށް ހާޓް އެޓޭކެއް ޖެހިފައިވަނީ ފުއްޕާމޭއަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އެ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މޭގާ ރިއްސުމާއި ނޭވާލާން އުނދަގޫވެ، އޭނާގެ ބޮޑު ދެ އާޓަރީގައި ބްލޮކްވުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެންނެވެ.

"މީގެ ކުރިން ހަފްތާއެއް ވަންދެން ކެއްސުމާއި، ހީމޮޕްޓައިސިސް، ހުން އައުމާއި، ބަނޑުގައި ރިއްސުން ފަދަ މައްސަލަތައް ހުރި. އޭނާއަކީ ދެ ވޭޕް ބޭނުން ކުރާތާ ދެ އަހަރުވެފައިވާ މީހެއް. ސިނގިރޭޓް ބުއިމާއި، ރާ ބުއިމާއި، މަސްތުވާތަކެތި ބޭނުން ކޮށްފައި ނުވާނެ ކަމަށް އޭނާ ބުނޭ. އެ މީހާއަކީ މީގެ ކުރިން ކޮވިޑް ވެސް ޖެހިފައިވާ މީހެއް ނޫން،". އެ ރިޕޯޓްގައި ވެއެވެ.

އޭނާއާ ގުޅޭގޮތުން ހެދި އިތުރު ތަހުލީލުތަކުން ފުއްޕާމޭގައި ނިއުމޯނިއާ ފަދަ ސީރިއަސް އަލާމާތްތައް ފެނުނު ނަމަވެސް އިންފެކްޝަނެއް ފެނިފައެއް ނުވެއެވެ. ބްލޮކްވެފައިވާ ހިތުގެ އާޓަރީ ހުޅުވުމަށް ޑޮކްޓަރުން އިމަޖެންސީ ޕްރޮސީޖާއެއް ހެދި ނަމަވެސް، ޑޮކްޓަރުންގެ މަސައްކަތުން އޭނާގެ ހާލު އިތުރަށް ގޯސްވިއެވެ.

މިގޮތުން ނޭވާލާ ނިޒާމު ފެއިލްވެ، މެކޭނިކަލް ވެންޓިލޭޝަނަކަށް ބޭނުންވިއެވެ. އަދި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުން އެ މީހާ ވަނީ މަރުވެފައެވެ.

މިއީ އިތުރު ކުއްޖެއްގެ ވާހަކައެވެ. ބީބީސީގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ އުމުރުން 9 އަހަރުގައި ވޭޕް ކުރަން ފެށި ކުއްޖެއްގެ ވާހަކައެކެވެ. އޭނާއަށް ސިއްހީ ގޮތުން މައްްސަލަތަކާއި ކުރިމަތިވީ 12 އަހަރުގައެވެ. އޭނާ ވޭޕް ކުރަނީ މައިންބަފައިންނަށް ނޭނގިއެވެ. ވޭޕް ގެންގުޅެނީ ފޮރުވައިގެންނެވެ.

"ފުއްޕާމޭ ހަލާކުވެ، އިންޑިއުސްޑް ކޯމާއެއްގައި ހަތަރު ދުވަސް ހޭދަކުރި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ބީބީސީއަށް ބުނީ ކުޑަކުދިން ދުވަހަކު ވެސް ވޭޕް ކުރަން ނުޖެހޭ ކަމަށެވެ،".

ސާރާ ގްރިފިން ނަމަކަށް ކިޔާ އެ ކުއްޖާއަށް މިކަމެއް ދިމާވުމުގެ މަހެއްހާ ދުވަސް ކުރިން ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ އަކީ ވަރަށް ބޮޑަށް ވޭޕް ކުރަމުންދިޔަ ކުއްޖެކެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އޭނާގެ ބޮލުގައި ފިނިކަމެއް އުފެދުނެވެ. އަދި ވޭޕްކުރުމާ އެކު، ސާރާގެ ޑޮކްޓަރު ސިފަކުރާ ގޮތުގައި "ފުރިހަމަ ތޫފާނެއް" ގެ ގޮތުގައި އެ ހުރިހާ ކަމެއް އިތުރުވެގެން ދިޔައެވެ.

"ވަރަށް ގިނަ ރިސްކް ފެކްޓާތައް ދިޔައީ ގޯސް ދިމާލަކަށް،" ރޯޔަލް ބެލްފާސްޓް ހޮސްޕިޓަލް ފޯ ސިކް ޗިލްޑްރަންގެ ކޮންސަލްޓެންޓް ރެސްޕިރޭޓަރީ ޕީޑިއަޓްރިޝަން ޑރ. ދާރާ އޯ ޑޮނޮގޫ ވިދާޅުވެފައި ވެއެވެ.

ސާރާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައިރު، ފުއްޕާމޭގެ އެކްސްރޭ ހެދުމުން އެނގުނީ މަސައްކަތް ކުރަނީ އެންމެ ފުއްޕާމެއެއް ކަަމަށެވެ. އަދި ފަރުވާއަށް އިޖާބަ ނުދޭ ކަންވެސް އެނގުނެވެ. އާއެކު އޭނާއަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ. އިންޑިއުސްޑް ކޯމާއަކަށް އޭނާ ލިއިއިރު، އޭނާގެ ހާލަތު ރަނގަޅުވާން ފެށީ އޭގެ ފަހުންނެވެ.

އެމެރިކާގައި ވޭޕިންއާ ގުޅުންހުރި ފުއްޕާމެއަށް ގެއްލުން ލިބިފައި ހުންނަ މީހުން އާންމުގޮތެއްގައި އިމަޖެންސީ ރޫމްތަކުގައި ފެންނަނީ ރޯގާ ނުވަތަ ނިއުމޯނިއާ ފަދަ އަލާމާތްތައް ފެންނަތާ އެތައް ދުވަހެއް ފަހުން ނޭވާލާން އުނދަގޫވުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާގޮތުގައި އީ-ސިނގިރޭޓް ބޭރުކުރާ މިންވަރުގައި އާންމުގޮތެއްގައި ނިކޮޓިން އާއި އެހެނިހެން ވިހަ މާއްދާތައް އެކުލެވިގެންވާ އިރު، އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށާއި ބޭނުން ނުކުރާ މީހުންނަށް ވެސް ގެއްލުންދެއެވެ. ނިކޮޓިން ފްރީ (އީއެންޑީއެސް) ކަމަށް ބުނާ ބައެއް އުފެއްދުންތަކުގައި ނިކޮޓިން އެކުލެވިގެންވާކަން ވަނީ އެނގިފައެވެ.

ވޭޕް ކުރުމުން އާންމުކޮށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

ކެއްސުން، އަނގަ އާއި ކަރު ހިކުން.
އަނގަޔާއި ކަރުގައި ރިއްސުން.
ނޭވާލާން އުނދަގޫވުން،
ބޮލުގައި ރިއްސުން.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ދާދި ފަހުން ވަނީ މި މައްސަލަ ފާހަގަކުރައްވައިފައެވެ. އޭނާ ގޮވާލެއްވީ ހަށިގަނޑަށް ނުރައްކާތެރި މަސްތުވާތަކެތި އެކުލެވިގެންވާތީ ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރުމަށެވެ. އެހެން ނޫންނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި 31 ވަނަ ދުވަހު ފާހަގަކުރާ ވޯލްޑް ނޯ ޓޮބޭކޯ ޑޭއާ ގުޅިގެން 2022 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި ޕޯސްޓެއްގައި ވަނީ ވޭޕް ކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން ގޮސް އެޅިފައި ހުރި ލޭތައް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ވޭޕުން ފުއްޕާމޭ ފަޅައިގެންދާ ކަމަށެވެ. އަދި މިއީ ކޫލް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ވޭޕް ނުރައްކާ ބޮޑުކަން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު ބޭނުން ކުރަނީ ނޭނގިއެއް ނޫނެވެ. ވޭޕްގެ ކަންތަކުގައި އެހެން ޑޮކްޓަރުން ވެސް ދައްކަނީ މި ނުރައްކަލުގެ ވާހަކައެެވެ. މިކަމުން އަވަހަށް ދުރުވެގަންނާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެޖިންސުގެ މީހުން ވެސް ވޭޕްކުރޭ!

    ފިރިހެނުންނާއި، އަންހެން ކުދިން ވެސް ވޭޕް ކުރެއެވެ.

    8
    3
  2. ޙެހެހ

    ވޭޕް އަދި އޮންނަނީކީނޫން ، ގޮތެއް ފޮތެއް ނުހުރޭ މިބޯ މީހުން ، ސިނގިރެޓްނަމަ ވަކި ތަނެއްގައި ބޮނީ ، އެކަމަކު މިއެއް އައިފަހުން އެއްވެސް ތަނެއް މީހެއް ނުބަލާ ، އެއްވެސް ގޮތެއް ފޮތެއްނެތް ، މީހުންގެ މޫނަށްވެސް ދުންދޫކުރަނީ ، ސިނގިރެޓަށްވުރެ މީގެ ޤަވައިދު ހަރުކަށިކުރަންޖެހޭ

    14
    1
  3. ބެއްޔާ

    ނުރައްކާ އެނގިތިބެ ނުރައްކާތެރި ވެކުސިން އެންމެން ގަތަށްޖެހީ

    6
    3
  4. Anonymous

    ޑޫޔޫ ނޮޓް ގެޓް ދަ ޕޮއިންޓް ބެއްޔާ؟

    2
    3