ދުންފަތު އިސްތިއުމާލު ކުރުމަކީ ދިރިއުޅުމަށާއި އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ގުނަ ގެއްލުންތައް ލިބޭ އަމަލެކެވެ. ހަށިގަނޑު ބަލިކަށިވެ މުޅި ދިރިއުޅުން ވިއްސި ވިހާލަވެގެންދެއެވެ. އެ ވަބާގައި ޖެހި ރާއްޖޭގައި ވެސް ބަރުބާދުވެފައިވާ ޒުވާނުން ދަނީ ދުވަހަކުން ދުވަހެއް ގިނަވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން ކުރެ އެކަކު ދުންފަތުގެ އިސްތިއުމާލް ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ޒުވާނުންނެވެ. އެންމެ ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލް ކުރާ އުމުރުފުރާގެ ގޮތުގައި ފާހަގަ ކުރެވެނީ އުމުރުން 30 އަހަރާއި 44 އަހަރާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ގިނަ ފަހަރަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމަށް ފަހުގައި އެ ވަކިތަކުން ސަލާމަތް ވެވެނީ މަދު ޒުވާނަކަށެވެ. އެގޮތުން ދުންފަތުގެ ހިތި ތަޖުރިބާކޮށް އެކަމުން ސަލާމަތްވެފައިވާ އަހުމަދު (އަސްލު ނަމެއްނޫން) ވަނީ އޭނާގެ ތަޖުރިބާ "ވަގުތަށް" ހިއްސާކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުނީ ދިމާވި ރަހުމަތްތެރިންގެ ސަބަބުން

އަހުމަދު ކިޔައިދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ ދުންފަތުގެ އިސްތިއުމާލު ކުރަން ފެށީ ގްރޭޑް އަށެއްގައި ކިޔަވަމުން ދިޔައިރު ކަމަށެވެ. އޭނާ ތައުލީމް ހާސިލް ކުރީ އުފަން ރަށުގެ ސްކޫލުންނެވެ.

"އޭރުގައި ސްކޫލްގައި އުޅޭނެ ސިގެރޭޓް ބޯ ކުދިން. ދެން އެ ކުދިންނާއެކު އުޅެ އުޅެ އެކަމުގެ ތެރެއަށް ވަދެވުނީ." އަހުމަދު ކިޔާދިނެވެ.

އަހުމަދު ބުނި ގޮތުގައި އޭނާ ދުންފަތުގެ އިސްތިއުމާލް ކުރަން ފެށިއިރުގައި ސިނގެރޭޓް ލިބެނީ ހަމައެކަނި ސްކޫލްގައި އެކުގައި އުޅުނު އެ ކުދިންގެ ފަރާތުން ކަމަށެވެ. އަދި އެ ކުދިން އޭނާ ބުނާ ކޮންމެ ފަހަރަކު ސިނގެރޭޓް ދޭ ކަމަށް ވެސް ބުންޏެވެ. އެ ހިސާބުން އޭނާ ސިގެރޭޓް ބޯހިތްވެ އެކަމަށް ދެވި ހިފި ކަމަށް އަހުމަދު ބުންޏެވެ.

"އޭރުގައި އަމިއްލައަށް ސިނގެރޭޓް ގަންނާކަން ނުކެރޭ އަދި ގަންނާކަށް ރުފިޔާއެއް ވެސް ނުހުރެ. އެހެންވެ ގޭގައި މަންމަ މެންނަށް ވަގަށް ކަރުދާސް އޮޅައިގެން ބުއީ. އެހެން އުޅެނިކޮށް ބަސްޓް ވެސް ވި. މަންމަ މެން ބުނި ދެން ނުބޯށޭ ވެސް. އެކަމު އޭރުގައި ހުށްޓައެއް ނުލެވުނު." އަހުމަދު ކިޔާދިނެވެ.

ދުންފަތުގެ އިސްތިއުމާލް ބޭނުންކުރަން ފެށުމާއެކު ހަށިގަނޑަށް ބަދަލުތައް އަންނަން ފެށި

އަހުމަދު ބުނީ އޭނާ ސނިގެރޭޓް ބޯން ފެށި ހިސާބުން އެކަމަށް ދެވި ހިފި ކަމަށެވެ. ސިނގެރޭޓްގެ ދުން ހަށިގަނޑުގެ ތެރެއަށް ފޮނުވުމަށް އަބަދު ބޭނުންވެފައި ހުންނަ ކަމަށެވެ.

"އޭރު ތަންކޮޅެއް ފަލަކޮށް ހުންނާނީ. އެކަމު ސިނގެރޭޓް ބޯން ފެށި ހިސާބުން މީހާ އެއްކޮށް ހިކެން ފެށި. މީހުން ވެސް ބުނޭ ހަށިގަނޑަށް ކިހިނެތް ހަދާފަހޭ. އަމިއްލައަށް ވެސް އިނގޭ ބަދަލެއް އައިކަން." އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ އޭނާއަކީ ކުރިން ވަރަށް ގިނައިން ފުޓްބޯޅަ ކުޅޭ މީހެެއް ކަމަށަވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކުރަން ފެށި ހިސާބުން މީހާ ގައިގައި ބުންވަރެއް ނުހުންނަ ކަމަށެވެ. ކުޑަ ދަނޑެއްގައި ދެކޮޅަށް ދުވެލާއިރަށް ވަރުބަލިވާން ފަށާ ކަމަށެވެ.

އޭގެ އިތުރުން ސިނގެރޭޓް ނުބޮއި ގިނަ ވަގުތު ހޭދަ ވެއްޖެނަމަ މީހާ ރުންކުރުވެ އަވަހަށް ރުޅި އަންނަ ގޮތް ވާން ފެށި ކަމަށް ވެސް އަހުމަދު ބުންޏެވެ.

"ދުވާލެއްގެ މައްޗަށް އެއް ޕެކެޓް ހުސްކޮށްލަން އޭރުގައި. އެހެންވެ އަތުން ވަރަށް ލާރި ވެސްދޭ ސިނގެރޭޓަށް. ފަހަށް ރައްކާކުރާނެ އެއްޗެއް ނުހުރެ." އަހުމަދު ބުންޏެވެ.

މި ހުރިހާ ކަމެއް ދިމާވާން ފެށުމުން އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ކަންތައްތަކެއް ބަދަލުވާން ފެށި ކަމަށް އޭނާ ބުންޏެވެ.

ސިނގެރޭޓް ނުބޯތާ 4 އަހަރު، ވަރަށް ފަހުރުވެރިވޭ!

މުހައްމަދު ބުނީ ދުންފަތުގެ އިސްތިއުމާލް ކުރަން ފެށުމުން އަމިއްލް ހަށިގަނޑަށް ބަދަލު އައިސް އެކަން އަމިއްލައަށާއި އެހެން މީހުންނަށް ފާހަގަވާން ފެށި ކަމަށެވެ. އެ ހިސާބުން ސިނގެރޭޓް ބުއިން ހުއްޓާލުމަށް އަޒުމު ހިފި ކަމަށެވެ.

"އެހެންވެ ސިނގެރޭޓް ބުއިން މަދު ކުރަމުން އައިސް 2021 ހިސާބު އެއްކޮށް ހުއްޓާލީ. ހުއުޓާލަން އުޅުނީމާ ވެސް މިހާގެ ހަށިގަނޑު ހަމަ ބޭނުންވޭ ސިިނގެރޭޓް ބޯން. ކޮފީތަކަށް ދާން ބޭނުންވޭ. އާންމުކޮށް ކޮފީތަކަށް ގޮސްފިއްޔާ ވަރަށް ބޮވޭނެ. އެހެންވެ ކޮފީތަކަށް ދާން ބޭނުންވަނީ. ފަހުން އެކަން ވެސް ނުކޮށް ނިދަން ބޭނުންވީ. ނިދީމަ ދުވަސް ދާގޮތް ވެސް ނޭންގޭތީ." އަހުމަދު ބުންޏެވެ.

އަހުމަދު ކިޔައިދިން ގޮތުގައި ސިނގެރޭޓް ބުއިން ހުއްޓާލުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށްވި ކަމަށެވެ. ވަރަށް ބޮޑަށް ހިތްވަރު ކުރަން ޖެހުނު ކަމަށް ބުންޏެވެ. މީހާ ސިނގެރޭޓަށް ދެިވި ހިފުމުގެ ސަބަބުން އަބަދު ވެސް ހުންނަނީ ބޭނުންވެފައެވެ. ހުއްޓާލަން އުޅުނު އިރުގައި ވެސް ސިއްހީ ގޮތުން ވެސް އޭނާއަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ކިޔާދިނެވެ.

"މިހާރު އެއްކޮށް ހަމަ ހުއްޓާލިތާ މިއީ ހަތަރު ވަނަ އަހަރު. ސިނގެރޭޓް އަދި ވޭޕެއް ވެސް ނުބޮން. މިހާރު ދެން ސިނގެރޭޓް ނުބޯތީ ވަރަށް ފަހުރުވެރިވޭ. މަންމަމެން ވެސް ބުނާނެ މިހާރު ހަށިގަނޑު ރީތިވާން ފަށައިފިއޭ. ނުބޮން ދޯ އޭ." އަހުމަދު ބުންޏެވެ.

އަހުމަދު ކިޔާދިން ގޮތުގައި ސިނގެރޭޓް ބުއިން ހުށްޓާލުމުން އޭނާގެ ބަނަވި ދިރިއުޅުން މުޅިން އާ މަންޒިލަކަށް މިހާރު ބަނދަރުވެފައިވާ ކަމަށެވެ. އެއީ ވަރަށް އުފާވެރި މަންޒިލެއް ކަމަށް ވެސް އޭނާ ބުންޏެވެ. ސިއްހީ ގޮތުން ދިމާވި މައްސަލަތަކަށް ހައްލެއް ލިބި މީހާގެ ރޫފަ ރަނގަޅުވާން ފަށާއިފާ ކަމަށް ކިޔާދިނެވެ. އަދި ބުންވަރު ވެސް މިހާރު ހުންނަ ކަމަށެވެ.

ސިނގެރޭޓަށް ކުރި ހޭދަ ހުއްޓާލުމުން އަތުގައި އެހެން މުހިންމު ކަންކަން ކުރުމަށް ފައިސާ ވެސް ހުންނަ ކަމަށް އޭނާ ބުންޏެވެ.

އަހުމަދު ވަނީ މި ޒަމާނުގެ ޒުވާން ޖީލަށް ދުންފަތުގެ އިސްތިއުލްކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވެފައެވެ. އެއީ ކިތަންވެ "ކޫލް" ކަމެއްގެ ގޮތުގައި އެ ކުދިން ދެކުނަސް އެކަމުން މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައް މާ ބޮޑު ކަމަށް އަހުމަދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥަޙީދުބެ

    ދުންފަތުގެ އިސްތިޢުމާލު ކުރެވެނީ އެތަކެތި ސަރުކާރުން ހުއްދަދީގެން ރާއްޖެއަށް އެތެރެކުރާތީ. މަސްތުވާ އެއްޗެތިވެސް އޮންނަނީ ނުސީދާކޮށް ހުއްދަދެވިފަ. ބަޔަކު އަޑީގައިތިބެގެން މިނުރައްކާތަކެތި އެތެރެކޮށް ވިއްކަމުންދާއިރު ކުރެވޭކަމެއްނެތް.

  2. އަމިއްލަ ހިޔާލް

    ވަހީދުބެ ގެ ވާހަކަތަކައް އަޅުގަޑު 100 ދެން، ޔިކަމައް ހޭލުން ތެރިކުރުވާކައް ނުޖެހޭ، ސަރުކާރުން ރާއްޖެ އެތެރެކުރުން މަނާ ކުރީމަ ހައްލުވީ.

  3. އެކުވެރިޔާ

    ހުއްޓާލައިގެން ހުރިއިރު ކުދިކުދި ކަންކަމާވެސް ރުޅިގަދަވަނީ. ދެންހަދާގޮތަކީ އެނދަށްއަރާ ނިދަނީ. ނިދާލާފަ ހޭލާއިރު ރުޅިމަޑުވެ މީހާ ހަމަޖެހޭ. ތަޖުރިބާ ކޮށްފަ

    1
    0
  4. އަބްދޫ

    އަޅުގަނޑު އުފަންވީ 1957 ގަ އުމުރުން 15 އހަރުގަ ސިގިރޭޓް ބިޑި ސުއްޓަާ ބޯންފެށިން ގުޑުގުޑާ ވެސް ބުއިން 555 ފޯރ އެސަސް ޑަންހިލް ބެންސަން ކެމަލް މަލްބަރޯ އަދި ވެސް އިތުރު ސިގިރޭޓް ބުއިން 1986 ގަ އިންޑިޔާގެ މެޑްރާސްގެ ދެވާކީ ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ދެއްކުމުން ފުއްޕާ މޭގެ ޓެސްޓްތަކަކާއި އެކްސްރޭތަކެއް ނެގުމަށްފަހު ސިގިރޭޓް ބުއިން ރަނގަޅުނޫންކަމށާއި ހުއްޓަލަން ބުނުމުން އެ ހޮސްޕިޓަލްގެ އެޑް މީޓްގަ އޮވެ ހުއްޓާލިގޮތަށް އަދިއަދާހަމަޔަށް ވެސް ސިގިރޭޓް ނުބޮން ހުއްޓާލި އިރުވެސް 2 ކާޓަން ސިގިރެޓް ފޮށީގަ އޮތް ވަގުުން 2 ކާޓަން ވިއްކާލީ ބޯހިތްވޭ ވަރަށް ބޮޑަށް އެވަގުތުންފެށިގެން ޖީބަށްލީ ކޮޕީމެޓާ ޕަކެޓެއް ސިގިރެޓް ބޯހިތްވާކޮންމެ ފަހަރަކު ކޮފީމެޓައެއް.މިގޮތަށް 3 ހަފްތާ އެއްހާދުވަހުން ސިގިރޭޓް ބޯހިތް ކެނޑިއްޖެ.ދެން ކާކޮންމެފަހަރަކު ބިލެތާ ފޯއް ބޭނުންކުރަންފެށީ މިވެސް ހުއްޓާލާފަ ދުވެސް ކޮޅަކު ހުރިން ފަހުން ދަތްތައް ބަލިވާހެން ހީވާންފެށީމަ އަލުން ފޯއް ބިލެތް ކައިނިމިގެން ބޭނުންކުރަމުން ދިއުމުން ދަތުގެ ބަލިމަޑުކަން ރަނގަޅު ވެއްޖެ،ސިގިރޭޓް ބުއިން ހުއްޓާލުމަށް ބޭނުންވަނީ ތިމާގެ އަޒުމް. ކޮންމެ ކަމެއްވެސް 3 ހަފްތާ ވަންދެން ހުއްޓާލައި އަޒުމެއްގަ ހުރެއްޖެ ނަމަ އެކަމުންސަލާމަތްވާނެ.