ދުންފަތުގެ އިސްތިއުމާލު ކުރުން މިއަދު ވަނީ ވަރަށް އާންމުކަމަށް ވެފައެވެ. އެންމެ ކުޑަ އުމުރުން ފެށިގެން ދޮށީ އުމުރަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް މިހާރު ބޭނުންކުރާ އެކި ޒާތް ޒާތުގެ އެއްޗިސް އެކި ނަން ނަމުގައި މާކެޓުން ލިބެން ހުރެއެވެ. އަގު ވެސް އިންތިހާ ބޮޑެވެ. އެހެންނަމަވެސް ދުންފަތް ބޭނުންކުރާ މީހުންގެ އަދަދަކަށް ބަދަލެއް ނާދެއެވެ. އަގު ބޮޑުވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރަންޖެހެއެވެ. އެއާ ނުލާ ދިރިއުޅުން ވޭތުކުރަން ގިނަ މީހުންނަށް މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ސިއްހީ ވުޒާރާހެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 24 ޕަސެންޓަކީ، ދުންފަތާ ގުޅުންހުރި މަރުތަކެވެ. އެ ތަފާސްހިސާބުތައް ބުނާގޮތުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އަންހެނުންގެ އާބާދީގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ ތިން ޕަސެންޓު މީހުންނެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު އުމުރުކަމުގައި ތަފާސްހިސާބުތަކުން ދައްކަނީ ނުވަ އަހަރެވެ.

އެހެންނަމަވެސް އެ ދަމާލާ ފިލްޓަރު ބުރިން ނުވަތަ ވޭޕުން ހަށިގަނޑަށް ނުރައްކާ ފޯރާ މިންވަރު ވިސްނާލީ ކިތައް މީހުންތޯއެވެ؟ ފެންނަ ފެނުމަށް މި ކުރެވެނީ އާދައިގެ ކަމެއް ހެން ހީވިޔަސް ތިމާގެ އަމިއްލަ ދެއަތުން ތިމާގެ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލެވޭ ކަން ވިސްނަލީ ކިތަން މީހުންތޯއެވެ؟ ވަރަށް ގިނައިން މީހުން ބުނާތީ އަޑުއަހަމެވެ. "މިވެނި ދުވަހަކު" ނޫނީ "ދަރިއެއް ލިބުނީމަ" ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާނަމެވެ. އެހެންނަމަވެސް އެއީ ވަކި ދުވަހަކު ކުރަން އޮންނަ ކަމެއް ނޫނެވެ. އެ ބޭނުންކުރާ ކޮންމެ ދުވަހަކީ ތިމާއަށް ނުރައްކާ އިތުރުވެގެންދާނެ ދުވަހެކެވެ.

ސިނގިރޭޓް ބުއިން މަނާތަނެއް ކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ލިޔުމެއް
ސިނގިރޭޓް ބުއިން މަނާތަނެއް ކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ލިޔުމެއް

ދަމަނަވެށީގެ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަދީލާ މިދިޔަ އަހަރު ޕްރޮގްރާމެއްގައި ވިދާޅުވެފައިވާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ވަރަށް ގިނަ ބަލިތައް ގުޅިފައިވާ ކަމަށެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ 80 ޕަސަންޓު ބައްޔަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެބަލިތަކުގެ ތެރޭގައި ކެންސަރާއި، ލޭހޮޅިތަކަށް ދިމާވާ މައްސަލަތަކާއި، ހަކުރުބައްޔާ އަދި ކިޑްނީގެ ބަލިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ގެއްލުންތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ 17 ވައްތަރެއްގެ ކެންސަރު ބަލި ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އަންދާޒާ ކުރެއެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރާގޮތުގައި ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު އެކަކު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހީ ގޮތުން ވެސް ތިމާއަށް ނުރައްކާ ބޮޑު، އަދި ދީނީ ގޮތުން ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. ދީނީ ގޮތުން މިއީ ކޮން ކަހަލަ ކަމެއްތޯވެސް ބަލަން އެބަ ޖެހެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން "ވަގުތު"އަށް ވިދާޅުވީ ދުންފަތަކީ ކަނޑައެޅިގެން ބޭނުންކުރުން ހަރާމެއް އެއްޗެއް ކަމަށް ސައްހަ ހަދީޘް އަކުން ފެންނަން ނެތްނަމަވެސް ދުންފަތަކީ ބޭނުންކުރުން "ރަނގަޅު އެއްޗެއް ނޫންކަން" ހުރިހާ ދީނީ އިލްމުވެރިން އިއްތިފާޤު ވެވަޑައިގަންނަވާ ކަމަށެވެ.

ބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ! އަދި އިޙުސާންތެރިވާށެވެ! ހަމަކަށަވަރުން އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑީގެންވެއެވެ.".

ޝެއިޙް އިލްޔާސް އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވަނީ--ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލާނުލުމަށް" މާތް ﷲ ވަހީ ކުރެއްވާފައިވާ ކަމަށާއި، ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށްވުމުން އެގޮތުގެ މަތިން ދުންފަތް ބޭނުންކުރުން ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްކަން ކަނޑައަޅާފައިވާ ކަމަށް ޝެއިޙް ވިދާޅުވިއެވެ.

ޝެއިޙް އިލްޔާސް ވަނީ ދުންފަތް ބޭނުންކުރާ ހުރިހާ އެންމެން މިކަމުން ދުރުހެލިވުމަށް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހު އިލްތިމާސް ކުރައްވާފައެވެ.

ޝެއިހް އަބްދުﷲ ރަޝީދު "ވަގުތު"އަށް ވިދާޅުވީ އިސްލާމްދީނުގައި އެއްވެސް ވަރަކަށް ގެއްލުން ދިނުން ނޯންނަ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ޒާތުގައި ގެއްލުން ލިބޭ ކަމެއްކަން އެކި ހޯދުންތަކުންނާއި ޑޮކްޓަރީ ގޮތުން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން ގެއްލުން ލިބޭ ކަންކަމަކީ އިސްލާމްދީނުގައި މުޅިން ނަހީކުރައްވާ، މަނާ ކުރައްވާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވީ ދުންފަތް ގަންނައިރު ވެސް ސިއްހަތަށް ގެއްލުންވާނެކަން އޭގައި ލިޔެފައި ހުންނަ ކަމަށެވެ. ދީނީ ގޮތުން ބަލާއިރު ގެއްލުންވާ އެއްވެސް އެއްޗެއް އެއްވެސް މިންވަރަކަށް ބޭނުން ކުރުން ހުއްދަ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކީރިތި ރަސޫލަ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނަގައި ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހަދީޘް ބަސްފުޅުން ވެސް ގެއްލުންވާ ކޮންމެ އެއްޗަކީ ދުރުވާން ޖެހޭ އެއްޗެއްކަން ސާފުވާ ކަމަށް ޝެއިހް ވިދާޅުވިއެވެ.

"ގެއްލުންތަކާއި އެއްކޮށް ދުރުވުމަކީ އިސްލާމްދީނުގެ ވަރުގަދަ އުސޫލެއް،". ކަމަށް ޝެއިހް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން؛- ވަގުތު އިމޭޖަސް - އަބްދުﷲ އަބީދު

ދުންފަތަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭނެ އެއްޗަކަށް ވީ ހިނދު އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސިނގިރޭޓުން ލިބޭ ގެއްލުން މާ ބޮޑެވެ. ކޮންމެ ސިނގިރޭޓެއްގައި 1000 ވައްތަރުގެ ކެމިކަލް އެކުލެވިގެން ވެއެވެ. އަދި މިއިން ކޮންމެ ކެމިކަލަކީ ހަށިގަނޑަށް ގެއްލުން ހުރި ކެމިކަލެވެ.

އެހެންކަމުން ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ހަށިގަނޑުގެ ތެރެއަށް ތިޔަ ދަމާލާ ދުންކޮޅުގައި ކިހާ ކެމިކަލެއް އެކުލެވޭނެ ކަމާ، ހަށިގަނޑުގެ ގުނަވަން ތަކަށް އެ ދުންކޮޅުގެ ސަބަބުން ގެއްލުން ވާނެ މިންވަރު އަންދާޒާ ކޮށް އެކަމާ މެދު ވިސްނުމަކީ މިއަދު ކުރަން ޖެހިފައި އޮތް މުހިންމު ކަމެކެވެ.

ލިބޭ ފައިސާ ކޮޅުން ކިރިޔާ ދެކޮޅު ޖެހޭއިރު ބޭކާރު ގޮތުގައި އަންދާ އަޅިން ގެއްލުން ވެގެން އެ ދަނީ ކިހާ ފައިސާއެއްތޯއެވެ! ސިއްހީ ގޮތުންނާއި ދީނީ ގޮތުން އަދި ފައިސާގެ ގޮތުން ބެލިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. މިއީ ހަމައެކަނި ތިމާގެ ރައްކަލަކަށް އެކަނި ކުރާ ކަމެއް ނޫނެވެ. ދުންފަތުގެ ދުމުގެ ސަބަބުން ތިމާގެ ވަށައިގެންވާ މީހުންނަށް ވެސް އޭގެ ގެއްލުންތައް ފޯރައެވެ. އެމީހުންނަށާއި ތިމާގެ ސަލާމަތަށް މިއަދު ދުންފަތް ބޭނުންކުރުން ހުއްޓާލަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަބޫ

    ވަރަށް ކުރުކޮށް ޖަވާބުދީފާނަން. އިސްލާމީ ހުރިހާ ގައުމުތަކެއްގައިވެސް ކުރާކަމެއް. އެހީ އިސްލާމް ދީން ބާވާލެއްވި ބިންތައް. އެބިންތަކުގެ އަހުލުވެރިން ދީނަށް އެއްމެ އަހުލުވެރިވާނީ. ރާއްޖޭގެ ތިބި ދީނީ އިލްމުވެރިންނަކީ އަދި ކޮން ބައެއް.

    2
    5
  2. ޏަތި

    ޙަރާން ކަމެއް

    19
    5
  3. ޢަހަންމަދު

    ދުންފަތަށްވުރެ ސުޕާރީ ގެއްލުން ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަ ކޮށްފަ އޮވޭ. އެކަން ސާފުކޮށް ގެނެސްދީބަލަ

    2
    1
  4. ެބެލުންތެރިޔާ.

    ކަނޑައެޅިގެން ޙަރާމް ކަމެެއްނޫނަސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ޙަރާމް ކަމެެއްފަދަ ކަމެއް!

    4
    1
  5. އަސް

    ވޭޕް ސިންގަޕޫރަށް އެތެރެ ނުކުރެވޭ، ހަމަ މިރާއްޖެ އަށް ވެސް އެތެރެ ކުރުން މަނާ ކުރަން ވީނު. ސިއްރުން ވަރަށް އުދަގޫވާނެ ވޭޕް ބޯން ޑްރަގް ގޮތަށް.

    4
    0
  6. އަރީ

    މަކްރޫޙްކަމެއް. ފިގްހް އިލްމުވެރިންގެ މެދުގަ އޮތް ޙިލާފު މައްސަލައެއް ގިޔާމަތާހަމަޔަށްވެސް އޮންނާނީ ޙިލާފު މައްސަލައެއްގެ ގޮތުގަ. ޙުރިހާ އިލްމުވެރިންގެ އިޖްމާއު ނެތްކަމެއްގަ އުއްމަތުގެ އެއްމެންގެ މައްޗައް ކަމެއް ހަރާމް ނުކުރެވޭނެ. ޙަރާމްކަމުގަ ދެކޭމީހުން އެގޮތަށް އަމަލު ކުރަންވާނީ. މަކްރޫޙް ކަމުގަ ދެކޭބަޔަކަށް ދެގޮތަށްވެސް އަމަލު ކުރެވދާނެ.

    3
    2
  7. ފާތުން

    ކޮންމެ ކަމެއް ދީނާ އަޅުވާ ނުކިޔާ، މިރާއްޖޭގެ ވެރިން ފުރަތަމަ ދީންވެރި ވެ ނަމޫނާ ރައްޔިތުންނަށް ދައްކަބަލަ

    • ހަސަން

      މުސލިމެއްގެ ދިރިއުޅުމަކީ ދީން، އިސްލާމްދީން!