ދިވެހީންނަކީ އެއްބައިވަންތަ ބައެކެވެ. ބޮޑުކަމެއް ދިމާވާ އިރަށް އެކަކު އަނެކަކަށް އެހީވުމުގައި ނަމޫނާ ބައެކެވެ. ހާއްސަކޮށް ބޮޑު ހާދިސާއެއް ހިނގައިފިނަމަ އެންމެ ގާތުން އެހީވެ އެކަމެއްގައި ވެވެން އޮތް އެހީތެރިކަމެއް ވާކަން ސާބިތުކޮށްދެމުން އަންނަ އެކުވެރި ބައެކެވެ. މިކަން ވަނީ ފާއިތުވެދިޔަ އެތައް އަހަރަކު ފެނިގެން ގޮސްފައެވެ. އެކި ހާދިސާތަކުގައި އެންމެ ކުޑަ ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވީ މީހާއާ ހަމައަށް މި އެއްބައިވަންތަކަމުގެ މިސާލު ވަނީ ފެނިގެން ގޮސްފައެވެ. މިފަހަރު ވެސް ދިވެހީންގެ ފަރާތުން އަނެއްކާ މިވަނީ އެއްބައިވަންތަކަމުގެ ރީތި މިސާލެއް ފެނިގެން ގޮސްފައެވެ.

މާލެ އާއި ށ. އަތޮޅާ ދެމެދު ދަތުރު ކުރަމުން އަންނަ މުދާ އުފުލާ ބޯޓު "އުޅިއަށި" ބޯޓު އަޑިއަށް ދިޔައީ މީގެ އެއް ދުވަސް ކުރިންނެވެ. މީގެ 17 އަހަރު ކުރިން، 2007ގައި ކަނޑިތީމުގެ އިތުރުން ބިލެތްފައްސާއި ނޫމަރާ އާއި ގޮއިދު އާއި ފޭދުއަށް ވެސް މުދާ އުފުލަން ފެށި "އުޅިއަށި" ބޯޓު އަޑިއަށް ދާން ފެށީ އިއްޔެ ހެނދުނު 7:00 ހާއިރުއެވެ. އެ ބޯޓަކީ ދަތުރުކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޯޓެކެވެ.

އެ ބޯޓު އަޑިއަށް ދިޔައީ މާލެ އިން މުދާ ބަރުކޮށްގެން ށ. އަތޮޅުގެ ރަށްތަކަށް ކުރަމުން ދިޔަ ދަތުރުގެ ތެރޭގައި ށ. ބިލެތްފަހި ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބަނދު ނެރު ފައި ކަށީގައި ޖެހި ބޯޓަށް ގެއްލުންވެގެންނެވެ. އޭގެ ސަބަބުން ބޯޓު ވަރަށް ބޮޑަށް ދިޔަވާން ފަށައި، ބަނދަރާ ގާތްކުރެވުނު އިރު ބޯޓުގެ ބޮޑު ބައެއް ފެތި، އަޑިއަށް ދިޔައީއެވެ. ބޯޓު އަޑިއަށް ދިޔައިރު ގިނަ އަދަދެއްގެ މުދާ ހުއްޓެވެ. އޭގެ ތެރޭގައި ގޭހާއި، ފިހާރަތަކަށް ބޭނުންވާ މުދަލާއި އާންމުންގެ ތަކެތި ވެސް ހިމެނެއެވެ.

ބޯޓު އަޑިއަށް ދިޔުމުން އެހީތެރިވާން އައީ ބިލެތްފައްސާއި ގޮއިދޫ، ކަނޑިތީމުގެ ރައްޔިތުންނެވެ. ށ. ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހުސަން ވިދާޅުވީ މި މަސައްކަތުގައި ގާތްގަނޑަކަށް ހުރިހާ ރަށްތަކުން 200އެއްހާ މީހުން ހަރަކާތްތެރިވި ކަމަށެވެ. އަދި ބޯޓުން މުދާ ހުސްކުރުމާއި މަސައްކަތުގައި ބައިވެރިވި ކަނޑިތީމު، ފޭދޫ، ގޮއިދޫގެ ރައްޔިތުންނަށް ކެއުން ހަމަޖައްސައިދިނީ ބިލެތްފަހިން ކަމަށް ވިދާޅުވިއެވެ.

އުޅިއަށި ބޯޓު އަޑިއަށް ދިޔުމުން، މުދާތައް ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

"ބޯޓުން މުދާ ހުސްކުރުމާއި މަސައްކަތުގައި ބައިވެރިވި ކަނޑިތީމު، ފޭދޫ، ގޮއިދޫގެ ރައްޔިތުންނަށް ކެއުން ހަމަޖައްސައިދިނީ ބިލެތްފަހިން. އަދި މުދާ ބޭލުމަށް ވެސް ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވި. ހުރިހާ ރަށަކުން ގާތްގަނޑަކަށް 200އެއްހާ މީހުން އުޅޭނެ. އިއްޔެ ހެނދުނު 07:30ން ފެށިގެން އިރުއޮއްސެންދެން މަސައްކަތް ކުރި،" އަހުސަން ވިދާޅުވިއެވެ.

ށ. ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ ބޯޓު އަޑިއަށްދާ ވާހަކަ ބުނުމުން ކައުންސިލުން ރަށުގެ ރައްޔިތުންނަށް ގޮވާ، ރައްޔިތުން ނެރެނު ކަމަށެވެ. އަދި ކައުންސިލްގެ އެދުމަށް ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ތިބީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.

އުޅިއަށި ބޯޓު އަޑިއަށް ދިޔުމުން، މުދާތައް ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

ޒިޔާދު ވިދާޅުވީ ބޯޓު ސަލާމަތް ކުރުމުގައި ރަށުގެ ރައްޔިތުންނާއި ހުރިހާ ފަރާތްތަކުން ހަރަކާތްތެރިވި، ސްކޫލު ކުދިންނާއި ސްކައުޓުން ވެސް ހަރަކާތްތެރިވިއިރު ބޯޓު މިހާރު ޕަންޕު ޖަހައިގެން ނަގާފައިވާ ކަމަށެވެ. އަދި ފަޅައިގެން ގޮސް އޮތް ދިމާލުގައި ސަތަރި ޖަހާފައިވާ ކަމަށެވެ.

"ބޯޓު ސަލާމަތް ކުރުމުގައި ރަށުގެ ރައްޔިތުންނާއި ހުރިހާ ފަރާތްތަކުން ހަރަކާތްތެރިވި، ސްކޫލު ކުދިންނާއި ސްކައުޓުން ވެސް ހަރަކާތްތެރި ބޯޓު މިހާރު ޕަންޕު ޖަހައިގެން ނަގާފައި އޮތީ އަދި ފަޅައިގެން ގޮސް އޮތް ދިމާލުގައި ސަތަރި ޖަހާ ހަދާފައި ވަނީ،" ޒިޔާދު ވިދާޅުވިއެވެ.

އުޅިއަށި ބޯޓު އަޑިއަށް ދިޔުމުން، މުދާތައް ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

މިއަދު ވެސް ބޯޓުގެ ވެރިފަރާތުން އެދިގެން، އެހީތެރިވުމަށް ރައްޔިތުން ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯޓު އޮތީ ބަނދަރުގައި ކަމަށާއި ބޯޓުގެ ވެރިފަރާތުން އަދިވެސް އެހީތެރިކަމަށް، ކާޑުގެ ބާވަތްތައް ހުރީ ވަތު އަޑީގައި، އެ އެއްޗެހި އަދިވެސް ނުއެއް ނެގޭ. އެ އެއްޗެހި ނެގުމުގެ މަސައްކަތް ކޮށްދިނުމަށް އެބަ އެދޭ. އެ މަސައްކަތުގައި މިއަދު ވެސް ރައްޔިތުން ހަރަކާތްތެރިވާނެ،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ނެރުގައި ދިމާވި އެކި ކަހަލަ ހާދިސާތަކުގައި މީގެކުރިން ވެސް ރައްޔިތުންގެ ފަރާތުން މިފަދަ އެއްބައިވަންތަކަން ފެނިގެންދިޔަ ކަމަށެވެ. ބިލެތްފައްސަކީ ކޮންމެ ކަމެއް ދިމާވިޔަސް އެކަމެއްގައި ހުރިހާ ރައްޔިތުން ޝާމިލުވެ، މަސައްކަތްކޮށްދޭ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުޖުތަމައު އަކީ ވަރަށް އެއްބައިވަންތަ މުޖުތަމައުއެއް. ކޮންމެ ކަމެއް ދިމާވިޔަސް އެކަމެއްގައި ހުރިހާ ރައްޔިތުން ޝާމިލުވެ، މަސައްކަތްކޮށްދޭ ރައްޔިތުންތަކެއް އުޅޭ ރަށެއް އަޅުގަނޑުމެންގެ ރަށަކީ،" ޒިޔާދު ވިދާޅުވިއެވެ.

އުޅިއަށި ބޯޓު އަޑިއަށް ދިޔުމުން، މުދާތައް ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދެނީ

ޒިޔާދު ވަނީ ބިލެތްފަހީގެ ހުރިހާ ރައްޔިތުން ދިން އެއްބާރުލުމާއި ސްކައުޓް ކުދިން ދެއްކި ނަމޫނާއަށާއި ކައިރި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ބޯޓުގައި ހުރި މުދާތައް ހުސްކުރުމާއި ބޯޓު ފުން ކުރުމުގައި އުޅުނު މީހުންނަށް ކައްކައި ކެއުމުގެ ކަންކަން ހަޖެއްސުމަށް ބިލެތްފަހީގެ އަންހެނުންތައް ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ހިނގާ ދިޔަ ހާދިސާއިން ވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ހިނގައްޖެއެވެ. އެހީތެރިކަމަށް ގޮވާލި ކޮންމެ ވަގުތެއްގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހީން ތައްޔާރަށް ތިބުމަކީ ފެނިގެންދިޔަ ރީތި ނަމޫނާއެކެވެ.

އުޅިއަށި ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން އެ ބޯޓުގެ ވެރިފަރާތަށް ލިބިގެންދިޔައީ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި ބޯޓުން މުދާ ގެނައި މީހުންނަށް ވެސް މެއެވެ. ހުރިހާ އެންމެންނަށް މާލީ ގޮތުން ގެއްލުން ވިޔަސް، ބޯޓުގެ ވެރިފަރާތުގެ ހިތުން ވެސް ފިލައިގެން ނުދާނެ ހަނދާނެއް ހަމަ ގައިމުވެސް ދެމި އެބައޮތެވެ. އެއީ މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމެވެ. ލޯތްބާއި ކުލުނާއި އަޅާލުމާއި އޯގާތެރިކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިލެތްފަހި ސޮރު

    މިއަށް އަހަރެމެންކިޔަނީ ދިވެހިންގެ ރާއްޖެ

    50
    0
  2. ބިލެތްމީރު.

    ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ސުކައުޓު ދަރިވަރުންނަށް ބިލެތްފަހީ ސުކޫލުގެ ސުކައުޓު ދަރިވަރުން ބޯޓު ހުސކޮށްދިނުމަށް ދެއްވި އެހީތެރިކަމުން އިބުރަތްހާސިލް ކުރުމަށް ގޮވާލަން.

    16