ގއ.ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވުމުންނެވެ.

މަފާޒްގެ ބައްޕަ މައުސޫމް "ވަގުތު"އަށް ކިޔައިދިން ގޮތުގައި އުމުރުން އެއް އަހަރުގައި މި ބަލީގެ އަލާމާތްތައް ފެނުނުނަމަވެސް ބަލި ދެނެގަނެވުނީ އުމުރުން 2 އަހަރުގައި 2014 ގައެވެ. ފާއިތުވި 14 އަހަރު ތެރޭގައި މަފާޒުގެ 17 އަށްވުރެ ގިނަ ސާޖަރީއެއް ހަދާފައިވާއިރު، މިއިން ކޮންމެ ފަހަރަކުވެސް ސާޖަރީ ހަދަނީ ހޭނައްތައިގެންނެވެ. މަފާޒުގެ ލޮލަށް ބޭސްކުރާތާ މިހާރު 12 އަހަރުވަނީ ވެފައެވެ.

އިންޑިއާ ޑޮކްޓަރުން ބުނާ ގޮތުން ދާއިމީ އޮޕަރޭޝަނެއް ކުރެވޭނީ 20 އަހަރުން މަތި ވީމައެވެ. ޗައިތޭނިއާގެ ޑޮކްޓަރުން ބުނާ ގޮތުން އޮޕަރޭޝަން ކުރެވޭނީ 25 އަހަރުން މަތިވުމުންނެވެ. އާއިލާ މީހަކު ބޭސްފަރުވާއަށް ތައިލެންޑަށް ދިޔަ ދަތުރުގައި މާފާޒުގެ ލިޔުންތައް އެތަނުގެ ޑޮކްޓަރަކަށް ދެއްކުމުން އެ ހޮސްޕިޓަލުން ލަފާދެނީ އެ ތަނަށް ދެއްކުމަށެވެ.

"އިންޑިއާއިން ކޮށްފަހުރި އޮޕަރޭޝަނުގެ ސަބަބުން ކަނާތު ލޮލުގެ ޓިޝޫތައް ހުރީ އެއްކޮށް ހަލާކުވެފައި، އެންމެ ފަހުން އިންޑިއާއިން ކުރި އޮޕަރޭޝަންގައި މިހުންނަނީ އަނގައިން މަސްނަގާފައި ލޮލަށް ލައްވާފައި. ދެން އެ މަސްގަނޑު ކޮންޓްރޯލެއް ނުވެ ބޮޑުވަމުން. ޑޮކްޓަރުން ބުނަނީ އެ މަސްގަނޑު ކޮންޓްރޯލްވެގެން ނޫނީ އެހެން އޮޕަރޭޝަނެއް ނުކުރެވޭނެ ކަމަށް. މިހާރު ވާގޮތަކީ ދެވަނަ ޑޯޒް ފަށައިގެން މިދަނީ އިންޖެކްޝަން އެހާ އަގު ބޮޑު އިންޖެކްޝަނެއް އެއީ." މައުސޫމް ބުންޏެވެ.

މަފާޒްގެ ލޮލުގެ ފެނުން އަނބުރާ ގެނައުމަށް އާންމުންގެ އެހީއެއް ބޭނުންވެފައި

ތައިލެންޑުގެ ޑޮކްޓަރުން ވަނީ މަފާޒުގެ ކަނާތު ލޮލަށް އިންޖެކްޝަން ޖަހައި ވައިރަސް ކޮންޓްރޯލް ކުރުމަށްފަހު ލޯ އޮޕަރޭޝަންކޮށްފައެވެ. މިހާރު އަނެއްކާ މަފާޒުގެ ވައަތު ލޯވެސް ފެނުން ދަށްވެފައި މަތިވާން ފެށުމުން އާއިލާއިން ވަނީ އެ ލޮލަށްވެސް ބޭސް ކުރަން ފަށާފައެވެ.

"މިހާރު ވާގޮތަކީ ވާތްފަޅީ ލޮލުގެ ފެނުން ދަށްވެފައި މަތިވަނީ. މިހާރު އޮޕަރޭޝަން ނުކުރެވިގެން މިއުޅެނީ މި މައްސަލައިގައި. ކަނާތްފަޅި އިރާދަކުރެއްވިއްޔާ ރަނގަޅު މިހާރު."މައުސުމް ބުންޏެވެ.

މަފާޒުގެ ވައަތްފަރާތު ލޮލުގެ އޮޕަރެޝަނަށް ޖުލައި 23 ވަނަ ދުވަހު އިންޑިއާއަށް ދާންޖެހޭ ކަމަށާއި ދެލޮލުގެވެސް ފެނުން ކޮންޓްރޯލްވެފައި އިނިއްޔާ އޮޕަރޭޝަން ކުރާނެ ކަމަށް މައުސޫމް ވަނީ މައުލޫމާތުދީފައެވެ. އަދި ތައިލެންޑުން ބޭސްކުރަން ފެށުމުން މަފާޒުގެ ކަނާތު ލޮލުގެ ފެނުން ރަނގަޅުވެ ވަރަށް ބޮޑަށް ކުރިއެރުން ލިބިފައިވާކަން މައުސޫމް ފާހަގަކުރިއެވެ. ނަމަވެސް އެއާ ޚިލާފަށް މިހާރު މަފާޒުގެ ވައަތު ލޮލުގެ ފެނުމަށް އަސަރު ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މަފާޒްގެ ލޮލުގެ ފެނުން އަނބުރާ ގެނައުމަށް، އިތުރު ފަރުވާއަށް އެހީއެއް ބޭނުންވެފައި

މަފާޒުގެ ވައަތު ލޮލުގެ ފެނުން އެއްކޮށް ނުދަނީސް އާއިލާއިން ބޭނުންވަނީ އެ ލޯވެސް އޮޕަރޭޝަންކޮށް މަފާޒުއަށް ފަރުވާ ހޯދުމަށެވެ. އެހެންނަމަވެސް ދިގުމުއްދަތަކަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކޮށް އަގު ބޮޑު އިންޖެކްޝަންތައް ޖަހަން ޖެހުމުން އާއިލާއަށް މާލީ ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

"އެންމެ އިންޖެކްޝަނެއް ގަންނަން ލިބެނީ ދިވެހި ރުފިޔާ 39301 އަދި ހަތަރު މަސް ދުވަހަށް ވާ އިންޖެކުޝަންގެ އަގަކީ 466100 ދިވެހި ރުފިޔާ. އަދި ދެއްކުމުގެ ހަރަދާ ދިއުމުގެ ހަރަދު އެހާމެ ބޮޑު މި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް މާލީގޮތުން ތަނަވަސްކަން ނެތުމުން އަޅުގަނޑުމެންނަން އެހީތެރިވެ ދެއްވުން އެއީ އަޅުގަނޑުމެންގެ އެދުމެއް" އާއިލާއިން ބުނެއެވެ.

މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)

ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)

އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސމލ

    އަޅުގަނޑަކީ ވެސް ތިބަލި ތަހަންމަލް ކުރަމުންދާ ޒުވާނެއް. އެކަމު އަޅުގަނޑައް ފަރުވާ ހޯދަން އެހާ ދައްޗެއްނޫން. ވެދާނެ ޑޮކްޓަރުން ބުނުއްވި ފަދައިން 20 އަހަރުން މަތި ވީމަ ކަމައްވެސް. އެކަމުވެސް އަޅުގަނޑުގެ ސިއްޙީ ހާލަތު ހުރި ގޮތުން ރަނގަޅު ވުމުގެ ފުރުސަތު ކުޑަ ކަމައް ޑޮކްޓަރުން ބުނުއްވަނީ. ވަރައް ހިތާމަ ކުރަން އަޅުގަނޑައް ޖެހިފަ ވާފަދަ ބައްޔެއް އަޅުގަނޑައް ވުރެ ޅަކުއްޖަކައް ޖެހި އެކަމުގެ ވޭން އިތުރައް އުފުލަން ޖެހުނީތި. މާތްﷲ ތިޔަ މައުސޫމު ކުއްޖާއައް އަވަސް ސިފާއެއް ދެއްވާށި. އާމީން!

    20
    • އވ

      ޝަފާކައްﷲ

      11
      0
    • ގާރލް 7

      ސމލ އަށާއި ކުޑަކުޑަ މަފާޒް އަށްވެސް މާތްﷲގެ ހެޔޮ ރަޙްމަތުން ވ.އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން. އާމީން

  2. އަޚާ

    އިންޝާ ﷲ . އަވަސް ޝިފާއެއް ދެއްވާށި.
    އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!