އިހުގައި އަޑުއިވޭ އެއް ވާހަކަ އޮވެއެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމެވެ. އެ ޖުމްލައަށް މިއަދު ވާހަކަ ތިލަ ކޮށްލާއިރު ކިރާލާން ޖެހޭ ގިނަ ވާހަކަތަކެއް އެބަހުއްޓެވެ. ސަރުކާރުތަކުން މަސްވެރިންނަށް ވާ ވައުދުތައް ފުއްދުމުގައި އިހުމާލުވަމުންދާ ވާހަކަތަކަކީ އަބަދުވެސް ކަންފަތުން އަޑު ނުކެނޑި ހުންނަ ވާހަކަތަކެކެވެ. ކޮންމެ ވެރިކަމެއް އައި ކަމުގައި ވީ ނަމަވެސް، މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބުމުގެ މައްސަލަތަކާއި، ބާނާ މަހަށް ފައިސާ ނުލިބި ލަސްވާ ވާހަކައިގެ އިތުރަށް ކޯލްޑް ސްޓޯރޭޖްގެ ދަތިކަމުގެ ވާހަކަ އަބަދުވެސް ފަލަސުރުހީތަކުގައި އޮވެއެވެ.

އެއްވެސް ސަރުކާރަކަށް މިކަންކަމަށް ވަގުތީ ހައްލު ހޯދައިދިނުން ފިޔަވައި، އިތުރުކަމެއް ކުރެވިފައެއް ނެތެވެ. ދާއިމީ ނަތީޖާ ހޯދުމުގައި ހުރިހާ ސަރުކާރުތަކުންވެސް ފެއިލްވެފައިވާކަން އެއީ ގަބޫލުކުރާންޖެހޭ ހަގީގަތެވެ.

އެކަމަކު، މި ސަރުކާރުގެ ނިޔަތް ފެންނަނީ ވަރަށް ސާފުކޮށެވެ. ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމުގައި އަޅުއްވާ ފިޔަވަޅުތައް "ކުޅަދާނަ"އެވެ. މަސްވެރިންނަށް ދިމާވެފައި އޮތް މައްސަލަތަކަށް ހައްލު ހޯދުމަކީ "އޯވާނައިޓަކުން" ކުރެވޭނެ ކަންކަމެއް ނޫނެވެ. ކުރީގެ ދޯހަޅި ސިޔާސަތުތައް ބަދަލު ކުރެވޭނީ ރަނގަޅު ދިރާސާތަކެއްކޮށްގެންނެވެ. އެއީކީ އިންސާނުން "ނޭވާލާހާ" ފަސޭހަ އިން ކުރެވޭނެ ކަންކަމެއް ނޫނެވެ.

އެ ގޮންޖެހުންތަކާ އެކުގައި ވެސް މިވީ ގާތްގަނޑަކަށް އަށް މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިން ބަޔަކަށް މަސްވެރިން ވާނެ ކަމީ ހަގީގަތެވެ. އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއި ބިޔަ "ލޮޅުންތަކާ" އެކުގައި ވެސް މަސްވެރިން ބޭނި މަހަށް ފައިސާކޮޅު ދެވޭތޯ ރެއާ ދުވާލު ދިޔައީ މަސައްކަތް ކުރަމުންނެވެ.

ހާއްސަކޮށް، ރައީސް ޑރ. މުއިއްޒު "ފްރަންޓް ލައިނަށް" ނުކުމެވަޑައިގެން ކުރެއްވި މަސައްކަތާއި މަސްވެރިންގެ ހައްގުގައި ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު މަތިން ހަނދާނުން ކައްސާލައިގެން ނުވާނެއެވެ. ރައީސް ޑރ. މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ ނަން ވެސް ފާހަގަކުރަން ޖެހެއެވެ.

ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ނިންމެވުންތަކާ އެކުގައި މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދިން އިރު، އެ ވަރު މަދުތޯ އެވެ؟

މިހާރު މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް ނެތެވެ. އެންމެ ފަހުން ދިނީ 53 މިލިއަން ރުފިޔާއެވެ. މަސްވެރިން ކިރުވާ މަހަށް މީގެފަހުން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެމުންދާނެއެވެ. މި ވަރުން ވެސް މަސްވެރިން އުފާ ކުރަން ނުވޭތޯ އެވެ؟

ރަނގަޅު ވާހަކައެކެވެ؛ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. އެކަމަކު، އެއީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ތަނުން ފުރިހަމަ ކުރައްވަން ވިދާޅުވި ވައުދެއް ނޫނެވެ. ކެތްތެރިވެ، ވައުދު ފުއްދަން އެހީތެރިވެ ދޭން ޖެހެއެވެ.

އިންސާނުންގެ ހިތެއް ނުފުރޭނެއޭ އަބަދުވެސް މީހުން ބުނާނެއެވެ.

މި ހުރިހާ ކަމަކާ އެކީގައި އަޑު މި އިވެނީ ރެއާ ދުވާލު، ވެހޭހާ ވާރޭގައި، އަރާ އަތްވެއްގައި ތިބިގެން ކުރާ މަސައްކަތައް އަގު ނުލިބޭ ވާހަކައެވެ. ކޮޅިގަނޑުގެ ބާރުމިން ދުވަސްދާ މިންވަރަކަށް އިތުރުވެ، އަމާންކަމުގެ އައްސޭރިއަށް ގެންދަން ފިޝަރީޒް މިނިސްޓަރ، އަހުމަދު ޝިޔާމަށް މިވަނީ މަޖުބޫރު ވެވަޑައިގެންފައެވެ. ސުވާލަކީ، އެކަން މިނިސްޓަރ ޝިޔާމަށް ކުރެއްވޭނެ ބާއެވެ؟

ހޫނު ފެނަށް ސަރުކާރު ވެއްޓުނެއްކަމަކު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި ބާނާ މަހަށް އަގު ދިނުމުގައި، ދުނިޔޭގެ މާކެޓުގައި މަހުގެ އަގުތައް އެއިރު އޮންނަ ގޮތަށް ރިއާޔަތްކޮށް، ހަފްތާއަކު އެއްފަހަރު މަހުގެ އަގު ކަނޑައެޅުމަށް މިއަދު އިއުލާނުކުރެވިގެންދިއުމަކީ އެޅުނު ރަނގަޅު ފާލެއްކަން މިއަދު ނުރުހުމުގައި ތިއްބަސް ދުރުރާސްތާގައި އެކަމުން އަންނާނެ ނަތީޖާއަށް އަންދާޒާކޮށް ގަބޫލުނުކުރާނެ މީހަކު މަދުވާނެވެ.

އެތައް ޒަމާނެއް ވަންދެން، ގެއްލުމުގައި ހިންގި ކުންފުންޏެއްގެ މަގު ސީދާކުރުމަށް ފެށި މި މަސައްކަތަކީ، ސީދާ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަޑުއަހަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އެއީ މި ވަގުތަށް ފައިސާގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ އެންމެ ފުރަތަމަ ބިންގަލެވެ. ކުރީ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުން އަހަރަކަށް ބަލާލާއިރު މިފްކޯއަށް ދައުލަތުން 1.2 ބިލިޔަން ރުފިޔާ ދޭންޖެހޭއިރު، މި ގެނެވުނު ބަދަލާއި އެކު ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު މިއަދު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް، ދިވެހިންގެ ލޭނާރު އަމާން އައްސޭރިއަކަށް ބަނދަރުކުރުމަށް މިއަދު މި ފެށި ދަތުރާއެކު، މަސްވެރި އާއިލާތައް ފާހަގަކުރަނީ އެންމެ ވާހަކައެކެވެ. އެއީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެއިރު ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދެވެ. މަހުގެ އަގު 20 ރުފިޔާއިން ކުޑަ ނުކުރާނެކަމަށާއި، ބާނާ މަހަށް ފައިސާ 48 ގަޑިއިރު ތެރޭ ދޭނެ ވާހަކައެވެ. މީސް މީޑިއާތަކުގެ އެކި މަންސަތަކުގައި މި ގޮވެލި، ކުރިޔަށް އޮތް ތަނުގައިވެސް ގަދަވާނެއެވެ.

މަސްވެރިންގެ މުޒާހަރާތަކަށް ސީދާ ވަޒީރު ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި، ކަންކަން ކުރެއްވޭނެ ގޮތް ވިދާޅުވެއްޖެއެވެ. ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި މަސްފެކްޓްރީ ގާއިމްކޮށް ނިމުމުން މިފްކޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި އެ މަސައްކަތް ނިމި އޮޕަރޭޝަން ފެށުމުން މިހާރު ކަޅުބިލަމަހުގެ އާމްދަނީގެ ގޮތުގައި ލިބެމުންދާ 92 މިލިޔަން ޑޮލަރު އޭރުން 190 ވަރަކަށް މިލިޔަން ޑޮލަރަށް ބަދަލުވެގެންދާނެކަންވެސް ފާހަގަކުރައްވައިފިއެވެ. ސަރުކާރުގެ ތަސައްވުރު ވަރަށް ސަރީހާ އިބާރާތުން ވަޒީރު ތިލަކޮށްދެއްވައިފިއެވެ.

ދެން އޮތީ، މި ގެނައި ބަދަލާއި އެކު މަސްވެރިން މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ލިބޭތޯ ބެލުމެވެ. ސަރުކާރުން މަސްވެރިންނަށް ދެވެން އޮތް ހައްލާއި ބަދަލުތަކާއި އެކު މި ސިނާއަތައް ވެގެންދާނެ ގޮތަކާއި ދޭތެރޭ އެންމެންވެސް ސުވާލު އުފައްދަވައެވެ. ހާމަވެގެންދާ އެއްކަމަކީ، އިހުގައި ކަން ކިތަންމެ ގޯހުން ގޯހަށް ހިނގާފައި ހުއްޓަސް، މިއަދު އެ ސިނާއަތައް ލިބެމުންދާ ކޮންމެ ގެއްލުމަކަށް ޖަވާބުދާރީވާންޖެހޭނީ މި ސަރުކާރުން ކަމެވެ. ކުރީ ސަރުކާރު، ކުރީ ސަރުކާރު ޅެންބައިތެއްހެން ކިޔާލަ ކިޔާލައި ތިބެވެން ނެތްކަމެވެ. މިއަދު އޮތީ، ވަޒީރު ޝިޔާމަށް، ސަލާމަތުގެ އައްސޭރިއަށް މި ސިނާއަތް ގެންދެވޭނެކަމުގެ ސުވާލެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާތަނަށް އައިއިރު، ދެކުނީ މަސްވެރިންނަކީ މުހިންމު ބައެއްގެ ގޮތުގައެވެ. އަލަށް އެޅި ފިޔަވަޅުތަކާ އެކުގައި ވެސް ފެންނަމުން މިދަނީ މަސްވެރިންނަށް ދެރަ ގޮތެއް ނުހަދާނެ ކަމެވެ. އިގްތިސާދީ މި ދަތި ހާލަތުގައި ވެސް މަސްވެރިން ވިސްނަން ޖެހެއެވެ. ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް ނިންމަވަމުން ގެންދަވާ ކަންކަމަށް އެއްބާރުލުން ދިނުމުގައި މަސްވެރިން ދެމިތިބެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަޙުމަދު

    ސަރުކާރަކީ ހުރިހާ ރައްޔިތުންގެވެސް ސަރުކާރު އެހެން ކަމުން ވަކި ބަޔަކު ހިތްހަމަ ޖައްސަން ސަރުކާރަށް ގެއްލުންވާގޮތަށް އެއްވެސް ޚިދުމަތެއް ދެވިގެން ނުވާނެ، މަސައްކަތް ކުރާ ކޮންމެ ބަޔަކުވެސް އެބަޔަކު ކުރާ މަސައްކަތަށް ރަގަޅު އަގެއް ލިބުމަށް ބޭނުންވާނެ ނަމަވެސް ގެއްލުން ވާގޮތަށް އަގެއް ނުދެވޭނެ.

    55
    4
  2. އިބުރާހީމް

    މި ސަރުކާރުން ތިޔަގެންނަވާ ހެޔޮ ބަދަލުތަކަށް އަހުރަމެން ޝުކުރުވެރި ވަމެވެ. ތިޔަފަދަ ހެޔޮބަދަލުތަކަކީ ހަސަދަވެރި ފަރާތްތަކަށް ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ. އެހެނަސް ގިނަ މަސްވެރި އާއިލާތަކުން ބަލައިގަންނާނެއެވެ. ތިކަމަށް އުފާވެސް ކުރާނެއެވެ. ހިތުގެ އަޑީން ޝުކުރުވެރިވެސް ވާނެއެވެ.

    39
    6
  3. ޙެހެ

    މި މިނިސްޓަރު ވާ ކޮންމެވެސް ޖަވާބެއް ދެއްވާ ވިއޔާ ، މީގެ ކުރިން މިނިސްޓަރެއް ފެންނަނީ ޓީވީތަކުން ، ހުރިހާ ކަމެއް އޮންނަނީ ކުންފުނިތަކުގެ ބޮލަށް ބިންދާލާފަ ، ސާބަސް މިނިސްޓަރ ޝިޔާމް

    40
    4
  4. ކެކުރި

    ތިޔަނިންމުމަކީ ވަރަށް ދޯހަޅި ނިންމުމެއް. ބަނގުރޫޓް ވެފައިވާ މި ދަނޑިވަޅުގައި، މަސްވެރިންގެ އާއިލާތަށް ގުރުބާން ތިކުރަނީ ސިޔާސީ މަގާމުތަކުގެ ހައްގުގައި. ހަމައެކަނި މިރަށުގަވެސް އެބައުޅޭ 10 ސްޓޭޓް މިނިސްޓަރުން. ބުނަން އޮތް ވާހަކައަކީ، މި ދަތި ދަނޑިވަޅުގައި ތިޔަބޭފުޅުން ތިކުރާ ބޭއިންސާފު ހުކުންތަކުން ތިޔަބޭފުޅުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ވާހަކަ. ހެޔޮއެދޭ ކެޔޮޅު.

    9
    32
    • ކެޕޭސިޓީ

      ސިޔާސީ މަގާމުތައް ވެސް މަދުކުރާނެ ވަކިބަޔަކައް ނޫން މިކަން މިކުރަނީކީ. ތިޔަބުނާހެން މުޅި އުމުރު ދުވަހު މިފްކޯ ހިންގިއިރު ކީއްވެތޯ އެތަން ކެޕޭސިޓީ ބޮޑުނުވެ ކުރިއެރުން ނައީ ހައްތަހާ ފަތައް ދިޔައީ ތިޔަކަހަލަ ސިޔާސީ ވިސްނުން ހުރީމަ ވާގޮތް އަދިވެސް މިފްކޯގެ ކެޕޭސިޓީއަކީ މައުމޫނު އިރު އޮތް ކެޕޭސިޓީ

      24
      1
    • މަސްބެ

      ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އެދައް ކުރަނީ އެވެސް މަސްވެރިންތޯ

      13
      1
    • ކޮއްކޮ

      ސިޔާސީ މަގާމުތަކަށް މުސާރަ ދެނީ މަސް ގަނެ ވިއްކައިގެން ލިބޭ ފައިސާއަކުން ނޫން. މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަނެގެން އެއަށްވުރެ ކުޑަ އަގަކަށް ވިއްކަންޖެހޭތީ އެ އަގުގައި މަސްގަތުމުން މިފްކޯއަށް ވަނީ ބޮޑު ގެއްލުން. އެ ގެއްލުންނފޫބައްދަނީ މިފްކޯއަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދީގެން. ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދޭ ފައިސާއަކީ މަހުގެ ހަމަ އަގަށްވުރެ އިތުރަށް ހިލޭ މަސްވެެރިންނަށް ދެވޭ ފައިސާއެއް. ސިޔާސީ މަގާމުތަކުގެ ބަދަލުގައި މަސްވެރިންގެ ޢާއިލާތައް ޤުރުބާންކުރަނީއޭ ބުނިއިރު، ސަރުކާރުން މަސްވެރިންނަށް ސަބްސިޑީ ދިނުމަކީ މަސްވެރިންގެ ޙައްޤުގައި އެހެން ރައްޔިތުން ޤުރުބާންކުރަނީއޭ ބުނިއްޔާ މާރީތިވާނެ.

  5. ޢިސްޢާފް ސަލީމު

    މަސްވެރިންގެ އަތުން މަސްގަތުމަށް މިހާރު ނިންމަފައިވަނީ މީގެ އެތަކެއްއަހަރުކުރިން ނިންމަން ޖެހޭ ނިންމުމެކެވެ. ދުނިޔޭގެ ބާޒާރުގައި މަސްވިއްކެންހުންނަަ ރޭޓަކަށްބަލާ ސަރުކާރަށް ގެެއްލުންނުވާނޭ އަގަކަށް މަސްގަތުމަށް ނިންމި ނިންމުމަކީ މަރުހަބާކިޔަންޖެހޭ ނިންމުމެކެވެ.

    27
    2
  6. ވަހުދާން

    ރައީސްކަމަށް އަންނަން މަސައްކަތްކުރާ ބޭފުޅަކު މަގާމާ ހަވާލުވުމުގެ ކުރިން ގައުމުގައި ހިނގާ އެންމެހާ މައްސަލަތައް އެނގޭކަމަށާޢި ހައްލު އެނގޭކަމަށް ބުނުމަށްފަހު މަގާމާއި ހަވާލުވީމާ ރަށްޔިތުން ލައްވަ ޝަކުވާއުފުލަން ޖެއްސުމަކީ ބަލައިގަނެވޭނެކަމެއްނޫން.. ކުރީސަރުކާރުގެ މައްސަލައެއް ކަމަށްވާނަމަ އެމީހުންނަށް އަދަބުދޭންޖެހޭނެ ފުރަތަމަދުވަހުން ފެށިގެން..

  7. ޢިލޫ

    އަދިވެސް އިދިކޮޅުން ކިޔާނެ އެކިއެއްޗިސް! ފިތުނައުފެއްދޭތޯ ބަލާނެ! މިގައުމުގަ ދެން އެމްޑީޕީ ގެ ވެރިކަމެއް އޮންނަތަން ދެކޭކަށް ބޭނުމެއް ނޫން!

    12
    2
  8. ތައުފީްް

    ސަރުކާރުން ކުރެވޭތޯ މަސައްކަތް ކުރާ ރަނގަޅު ކަންކަމަށް ނޫސް ތަކުންވެސް ހިތްވަރު ދިނުން މުހިއްމު