ބައެއް ދިވެހިންގެ ހިޔާލު ހުންނަ ގޮތުން ބައެއް މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ ކުރެވިފައިވާ މަސައްކަތްތަކެވެެ. މަސްވެރިކަމާއި އިންޖިނިއަރުކަމާއި ވަޑާން ކުރުމަކީ އަންހެނުންނަށް ނުކުރެވޭނެ ކަންކަން ކަމަށް ދެކެމުން އައިއެވެ. ހަމަ އެގޮތަށް މުދައްރިސު ކަމާއި ނަރުސް ކަން ފަދަ ކަންކަމަކީ ފިރިހެނުން ކުރުން ވަރަށް ހުތުރު މަސައްކަތްތަކެއް ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ.

ޒަމާނަށް އައި ބަދަލާއެކު އަންހެނުންނާއި ފިރިހެނުންނާ އެއް ސަފެއްގައި ފައިހަމަ ކުރަމުންދާ އިރު މީގެކުރިން ފިރިހެނުން ވެސް ފެނިފައި ނުވާ ދާއިރާތަކަކަށް ޒުވާނުން ދަނީ މިހާރު ނުކުންނަމުންނެވެ.

އޭގެ ތެރެއިން އެކަކީ ގއ. ކަނޑުހުޅުދު އަށް އުފަން އުުމުރުން 21 އަހަރުގެ އިނާސް ރަަޝީދަކީ ފަހުރުވެރި ނަރުހެކެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖެއަށް ދިމާވި ވަގުތު ފުރަތަމަ ސަފުގައި ވަރުބަލިކަމެއް ނެތި ޚިދުމަތް ކުރަން ނުކުމެ ހުރި އިނާސް މިހާ ހިސާބަށް އަންނަން ކުރި ދަތުރުގެ ތެރޭގައި އެތައް ހުރަސްތަކެއް އޭނާއަށް ވެސް ގިރާ ކުރަން ޖެހުނެވެ.

ކޮވިޑް-19 ގެ ރެޕިޑް ރެސްޕޯންސް ޓީމުގައި މާޗް މަހުން ފެށިގެން ޚިދުމަތް ކުރަމުން އަންނަ އިނާސް އަކީ ރާއްޖޭގެ އެންމެ ޒުވާން ނަރުހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އިނާސް ސާމްޕަލް ނަގަން ދާން ޕީޕީއީ އަޅައިގެން

އިނާސް ވަނީ ސުންކުތައް ނަގަން ދިއުމުގައި ކުރެވޭ ތަޖުރިބާތައް "ވަގުތަށް" ކިޔައިދީފައެވެ.

" އަސްލު ވަރަށް ހިތްހަމަޖެހޭ، ވޭ ބިރެއް ވެސް ހުރޭ. އެކަމަކު އުފާވަނީ ޚިދުމަތެއް ކޮށްދެވޭތީ. ޚާއްސަކޮށް މިކަހަލަ ކަމެއް ދިމާވާ އިރު. ދެން ޕީޕީއީ އާއި ވަރަށް ބައިވަރު ޕްރޮސީޖަސް ހުރޭ ފޮލޯކުރަން ޖެހޭ. ވަރަށް ސަމާލުވާން ޖެހޭ. ވަރަށް ބަލަން ޖެހޭ. އެއީ އެއްވެސް ކަމެއް ގޯސްކޮށްދާކަށް ބޭނުމެއް ނުވާނެތާ،" އިނާސް ކިޔާދިނެވެ.

ކޮވިޑް-19 ފަދަ ބަލިމަޑުގަކަމެއްގެ ހާލަތު ދިމާވުމުން ފުރަތަމަ ސަފުގައި މަސައްކަތް ކުރަން ނުކުމެ ހުންނަން އިނާސް އަށް މިއަދު ފުރުސަތު ލިބުނު ނަމަވެސް އޭނާއަކީ ކުޑަ އިރު ހޮސްޕިޓަލާ ދޯޅަ ޒުވާނެއް ނޫނެވެ.

" ވަރަށް ބިރުގަނޭ ޑޮކްޓަރަށް ދާން. ވަރަށް ފޫހިވޭ. ތިއްތައަކީ ނަރުހެއް. އެކަމަކު ވަކި މީހެއް ފެނިގެންނެ ނަރުހަކަށްވީ އެހެން އަސްލު ބުނާކަށް ނޭނގެ." އީނާސް ބުންޏެވެ.

މިހާރު ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް ނަސިންގައި 2017 ޑިޕްލޮމާ އިން ނަރސިން ހާސިލްކުރަމުންދާ އިނާސް އެންމެ ފުރަތަމަ ތައުލީމް ހާސިލްކުރަން ފެށީ މުޅިން ތަފާތު ދާއިރާއަކުންނެވެ.

2014 ގައި އޯލެވެލް ނިންމުމަށް ފަހު 2015 ވަނަ އަހަރު އޭނާ ތައުލީމް ހާސިލްކުރަން ފެށީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާއަށް ވިސްނުނީ އައިޓިގެ ދާއިރާއަކީ އޭނާ ކުރިއަށް ދާން ބޭނުންވާ ދާއިރާ ނޫންކަމެވެ.

ނަސިން ދައިރާއިން އެޑްވާންސް ސެޓްފިކެޓް ހާސިލްކުރުމަށް ފަހު ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެހެންކަމުން 2016 ވަނަ އަހަރުގެ ކުރީކޮޅު އޭރު އޭނާ ކިޔަވަމުން ދިޔަ އައިޓީ ކޯހުން ވަކިވުމަށް ފަހު އޭނާ ނިންމީ ނަރުހަކަށް ވާށެވެ. އެނިންމުން ނިންމުމުގައި އިނާސް އަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭނާގެ މަންމަގެ ފަރާތުން ކަމަށް އީނާސް ވަނީ ބުނެފައެވެ.

" އެންމެ ފުރަތަމަ މަންމަ ވެސް އޯކޭއެއް ނޫން. އެކަމަކު ފަހުން މަންމަ ބުނީވެސް ކިޔަވަން ވީ ނޫންހޭ. އަސްލު އީނާސް ކިޔެވީ ކޮމާސް. އެހެންވީމަ ނޭނގެ ކޮމާސް ކިޔަވާފަ ނާސިން ހެދޭ ކަމެއްވެސް. ފުރަތަމަ މަސައްކަތް ކުރަމުން އައީ ކިޔެވި އިރު މޫކައި ސުއިޓްގައި. ނަރުސްކަން ކިޔަވަން ފެށީ އޮންލައިންކޮށް، އެއީ ޓިވެޓް އޮތޯރިޓީސް. އެހާ އިންޓްރެސްޓިންއެއް ނޫން އޭރު އެހެންވެ ޓިވެޓް ކުއިޓްކޮށްފަ. ލ.ގަމު ކެމްޕަހުން އެޑްވާންސް ސެޓްފިކެޓް ހެދީ." އީނާސް ނަރުސްކަން ކިޔަވަން ފެށުނު ގޮތް ކިޔައި ދެމުން ބުންޏެވެ.

ލ.ގަމުގައި އިނާސްް، އެޑްވާންސް ސެޓްފިކެޓް އިން ނަސިން، ކިޔަވަމުން ދިޔަ އިރު އޭނާ އާއި އެކު ނަރުސްކަން ކިޔަވަމުން ދިޔައީ މަދު ފިރިހެން ކުދިންތަކެެކެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ހޮސްޕިޓަލަށް ދިޔަ ހިސާބުން އޭނާއަށް ހީނުކުރާ ފަދަ ގޮންޖެހުންތަކާ ދިމާވިއެވެ.

އެގޮތުން ފުރަތަމަ މަސައްކަތުގެ މާހައުލަށް ނުކުތް އިރު ފިރިހެނަކަށް ވީތީ ތަފާތުކުރުންތައް ކުރިމަތިވިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

" ބުނޭ ފިރިހެނަކަށްވެ ހުރެ ނަރުސްކަން ކިޔަވަނީ އަންހެން ވާންހޭވެސް. ދެން މީހުން ހީކުރަނީ ބޭރު މީހެއް ކަމަށް. ގަބޫލެއް ނުކުރޭ ދިވެހި ފިރިހެނެއް ނަރުަހަކަށް ވެދާނެ ކަމަކަށް. ވާހަކަވެސް ދައްކަނީ ބޭރުމީހަކާއި ދައްކާ ގޮތަށް. އަދި ބައެއް ފަހަރު ވަރަށް ދެރަވޭ ޕްރޮފެޝަނަލީ ތަފާތު ކުރީމަ. އެގޮތުން ގައިނީ ވޯޑުގައި ނުހުރެވުން. އެއީ ޕްރޮފެޝަނަލީ." އިނާސް ބުންޏެވެ.

އެތައް ފާޑު ކިއުންތަކެއް އަމާޒުވިޔަސް އިނާސް ހިތްވަރު އެލުވައެއް ނުލައެވެ. އެޑްވާންސް ސެޓްފިކެޓް ހާސިލްކުރުމަށް ފަހު އޭނާ ދަނީ ދޭތެރެއިން ރިސޯޓްތަކުގައި ޚިދުމަތް ދެމުންނެވެ. އެގޮތުން ނަރުހަކު ނެތިގެން ނޫނީ ނަރުހެއް ލިބެންދެން ވަގުތީ ގޮތުން އޭނާ ވަނީ ރިސޯޓްގައި މަސައްކަތް ކޮށްފައެވެ.

އިނާސްއަކީ ފިރިހެން ނަރުހެއް.

އަދި އޭނާ ވަނީ އައިޖީއެމްއެޗްގެ، ހާލު ބޮޑު މީހުން ބައިތިއްބާ އެޗްޑީޔޫ ހިމެނޭ ގޮތަށް، އެ ހޮސްޕިޓަލްގައި ވެސް މަސައްކަތްކޮށްފައެވެ. ކިޔެވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމަށް އެތަނުގައި މަސައްކަތް ކުރާއިރު އުޅެން ޖެހެނީ ވަރަށް އަވަދިނެތިކަމަށް އޭނާ ބުނެއެވެ.

" އެންމެ ދެރަ ވަނީ އެޗްޑީޔޫގައި ސޭވްކުރަން ބޭނުންވާ މީހަކު ނިޔާވީމަ. ވަރަށް ބިޒީ ވަރަށް ރެސްޕޯންސިބްލް ވަޒީފާއެއް މީ." އިނާސްކިޔާދިނެވެ.

އިނާސް އެދެނީ މި ދާއިރާގައި ފިރިހެނުންނަށްވެސް އަންހެނުންނާއި އެއްގޮތަށް މަސައްކަތް ކުރަން ފުރުސަތު އޮތްކަން ބުނެދިނުމަށެވެ. އަދި ޖިންސީ ތަފާތު ކުރުންތައް މިހާރު ކުރިއަށް ވުރެ މަދުކަން އޭނާ ފާހަގަކުރެެވެ. އަދި މަސައްކަތުގެ މާހައުލުގައި ސާބިތުވެއްޖެ ނަމަ ރަނގަޅު ފުރުސަތުތަކެއް ލިބޭނެކަންވެސް އޭނަ ފާހަގަކުރެއެވެ.

އޭނާގެ އުންމީދަކީ މި ދާއިރާއަށް ޒުވާން ފިރިހެން ނަރުހުން ޖެހިލުމެއް ނެތި ވަންނަ ދުވަހެއް ފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަލަ

    އޭނާ ކުރާހިތުން ކުރާކަމެއް. ދެން ކޮން ހިތްވަރެއް ގަދައެކޭތަ މިކިޔަނީ؟

    5
    48
    • ކ

      ހެޔޮ ބަހެއް ބުނެވެން ނެތިއްޔާ ބަހެއް ނުބުނިއްޔާ ރަނގަޅުވާނެ.

      60
      2
  2. ހަސަނު

    ފިރިހެން ނަރުހުން އެއީ ވަރަށް މުހިއްމު ބައެއް ކަމުގައި އަހަރެން ދެކެން ސަބަބަކީ ފިރިހެން ޕޭށެންޓުންނަށް އެހީތެރިވުމަށް މިސާލަކަށް އެމީހުން ފެންވެރުވުން،ސާފުކުރުން ފަދަ ކަންތައްތައް ކުރުމަށް އަންހެން ނަރުހެއްގެ ބަދަލުގައި ފިރިހެން ނަރުހެއް ހަރަކާތްތެރިވުމަކީ މުހިއްމުކަމެއް ކަމުގައި އަހަރެންދެކެން.

    72
    1
  3. ާކަކާ

    ނަރުހެއް ނޫން! ނަރުސް ކަން ކިޔަވާ ދަރިވަރެއް،

    5
    19
    • ހޭބަލި

      ބަލަ އޭނަޔަކީ އެޑްވާންސް ސެޓްފިކެޓް އިންނާސިން ހާސިލްކޮއްފަހުރި ސެޓްފިކެޓްވެސް ލިބިފަހުރި ކުއްޖެއް މިހާރު އިތުރަށް ކިޔެވިއަސް އޭނަޔަކީ ހަމަނަރުހެއް ދެންތިހާޖޭނުވޭ?

      24
      2
      • ކަކާ

        ޢެޑްވާންސް ހެދިޔަސް މަސައްކަތް ކުރުމުގެ ލައިސެންސް ނެތިއްޔާ ނުވާނެ ނަރުހަކަށް.

        4
        8
        • ހޭބަލި

          ލައިސަންސް ނެތީމަ އޭނަޔަށް ނަރުހެއްގެ ވަޒީފާގަ މަސައްކަތް ނުކުރެވޭނީ ވަންސް އިޓްބިކަމްއަނާރސް އޯލްވޭސް ވިލްބީއަނާރސް ދޯ??

          2
          4
  4. ފާތި

    މިހާރު ރާއްޖޭގެ ނަރުހުންގެ ޕްރޮޓޮކޯލްގަ އިންނަ މިންގަޑަށް ތައުލީމީ ގޮތުން އަދި ތިޒުވާނާއަށް ވާސިލް ނުވެވޭ. އެހިސާބަށް ވާސިލް ވުމަށް ކިޔަވަ ކިޔަވާ ހުއްޓާ އެފަހަރު ސެމް އިން ފާސް ނުވުމުގެ ސަބަބުން ކޯސް މެދުކަނޑާލި ގޮތަށް އަދި ކޮޔަވަން ނުފަށަ ހުރި ކުއްޖެއް ތީ. އަހަރެމެންނާ އެއް ކްލާހެއްގަ އުޅެނިކޮށް ފާސް ނުވެގެން ރީބެޗް ވާން އޭނަ އަށް އެންގީ. އެފަހުން އަދި ޖޮއިން އެއް ނުކުރޭ. ރެޕިޑް ރެސްޕޯންސް ޓީމުގަ އޭނަ ކުރާ ކަމަކީ ސާމްޕަލް ނާގާ މީހުންނަށް ހެލްޕް ވުން. އެއީ ވަކި ނަރުހަކަށް ވެގެނެއްނޫން. އެހެން ދާއިރާ ތަކުގަ މީހުން ވެސް އެކަމުގަ ވޮލަންޓިއަރ ކޮއް އުޅޭހެން އޭނަ ވެސް އުޅެނީ

    9
    13
    • ހެހެ

      ފާތި މާމޮޅަށް އެނގެނީ? އޭނަ މިހާރު ވެސް އެސް.އެން ގަ ކިޔަވަމުންދަނީ. ދެންވެސް ކޮމެންޓް ކުރާއިރު ތަންކޮޅެއް ބޮޑަށް ރިސާޗް ކޮށްލައްޗޭ އިނގޭ?
      ފެއިލް ވުމަކީ މައްސަލައެއް ކަމަކަށް ނުދެކެން. ފެއިލްވިޔަސް އަލުން ގަދައަޅާމަސައްކަތް ކޮއްފިނަމަ ކަާމިޔާބު ވާނެ. އިންޝާﷲ

      34
  5. އެސް އެން

    ބަލަ ފާތި. ވާނުވާނޭނގެންޏާ އެކުން އަނގަގަދަ ނުކޮށް މަޑުން ހުރެބަލަ. އޭނަ މިހާރު ޑިޕްލޮމާ ނާރސިން ދާއިރާއިން ނިންމަނީ. މާއެނގޭ މީހަކަށްނުވެ ރީތިކޮށް ހުރޭ. އޭރުން ފިތަށް އަރާ ބޭކާރު ބައިވެސް މަދުވާނީ