މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން އަލަށް ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ވަނީ ހަ ބައްރުގެ 180 އަށް ވުރެ ގިނަ ގައުމުތަކަށް ފެތުރިގެން ގޮސްފައެވެ. ބަލި ފެތުރެން ފެށުމާ އެކު މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާން ކުރިއެވެ. ދުނިޔޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު މިހާރު ދައްކަމުންދާ އެއް ވާހަކައަކީ ވެސް ކޮވިޑް-19 ގެ ވާހަކައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މި ބަލި ޖެހިގެން މިހާތަނަށް 552,023 މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 12 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި ސައިންޓިސްޓުންނާއި ދިރާސާ ކުރާ ފަރާތްތަކުން މަސައްކަތް ފެށީ އާ ވައިރަސް އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަދެ، މީހާގެ ހަށިގަނޑަށްވަމުންދާ ގޮތް ހޯދުމެވެ. މިހާތަނަށް އައިއިރު، ކޮވިޑް-19 އަށް ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

މިއީ އިންސާނެއްގެ ހަށިގަނޑަށް ކޮވިޑް-19 ގެ ވައިރަސް ވަދެއްޖެ ނަމަ، އެމީހަކު ތަޖުރިބާ ކުރަން ޖެހޭނެ ގޮތުގެ ކުރު ހުލާސާއެކެވެ.

ގިނަ ދިރާސާތަކުގެ އަލިން އެނގޭ ގޮތުގައި މިހާތަނަށް އައިއިރު، ކޮވިޑް-19 އިންސާނުންގެ ހަށިގަނޑަށް އަރާފައި ވަނީ ޖަނަވާރެއްގެ ގައިންނެވެ. އާންމު ގޮތެއްގައި ބަލި ޖެހޭ މީހެއްގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި ކިނބިހި އެޅުން ހިމެނެއެވެ.

އާންމުކޮށް ވައިރަސް ހަށިގަނޑަށް ވަންނަތާ ފަހެއް ނޫނީ ހަ ދުވަސް ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ. އެކަމަކު، ބައެއް މީހުންގެ ގައިން އަލާމާތެއް ނުފެނި، ބަލި ޖެހިފައިވެއެވެ. އެފަދަ މީހުންގެ ހަށިގަނޑަށް މާ ބޮޑެތި އުނދަގޫތަކެއް ދިމައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ ހެޑް ވޭން ކާކޯވް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ ކިބައިން ފެންނާނީ އާދައިގެ އަލާމާތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ކަރުގައި ރިއްސުމާއި ރޯގާ ޖެހުމާއި ހުން އައުން ހިމެނެއެވެ. އަދި ބަލި ޖެހޭ ބައެއް މީހުންނަށް ނިއުމޯނިއޯ ޖެހުން ގާތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ޑާޓާތަކުން އެނގޭ ގޮތުގައި ގާތްގަނޑަކަށް 17،000 ކޭސްގެ ތެރެއިން 82 ޕަސަންޓު މީހުންގެ ގައިން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް. 15 ޕަސަންޓު މީހުންގެ ގައިން ފެންނަނީ އަލާމާތްތައް. ތިން ޕަސަންޓު މީހުން ސީރިއަސް،" އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ވުހާން ސިޓީގައި 138 މީހަކު ބޭނުންކޮށްގެން ހެދި ދިރާސާއެއް ދައްކާ ގޮތުގައި ގިނަ މީހުންގެ ފަރާތުން ފެންނަނީ ހުން އައުމާއި ކެއްސުން ފަދަ އަލާމާތްތަކެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ މަސްތަކަށް ތަދުވުމާއި ނޭވާލާން އުނދަގޫވެއެވެ. އަދި 10 ޕަސަންޓު މީހުންނަށް ޑައިރިއާ ފަދަ ބަލިތައް ޖެހިފައިވެއެވެ.

މީގެތެރެއިން ނޭވާލާން އުނދަގޫ މީހުންނަށް ފަރުވާ ދޭން ޖެހިފައި ވަނީ އައިސީޔޫގައެވެ. ބަލީގައި ސީރިއަސް ހާލަތަކަށް އާންމު ގޮތެއްގައި ދަނީ އުމުރުން ދުވަސްވީ މީހުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށް ބަލި ޖެހޭ އަދަދު ވަރަށް ބޮޑަށް މަދެވެ.

ދިރާސާގައި ބައިވެރިވި 138 މީހުންގެ ތެރެއިން ހަ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

ލަންސެޓް މެޑިކަލް ޖޯނަލް އިން ހެދި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުގައި ބައެއް މީހުންގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަދެއްޖެ ނަމަ، ބައެއް ގުނަވަންތައް ހަލާކުކޮށްލައެވެ. އެކަމަކު އެ ނުރައްކާ އޮތީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

އެކަމަކު، މިހާތަނަށް މަރުވެފައިވާ މީހުންނަށް ބަލާ އިރު، އުމުރުން 30 އަހަރާއި 50 އަހަރާ ދެމެދު މީހުން ހިމެނެއެވެ. މި މީހުންގެ ތެރެއިން ބައެއް މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް މީގެކުރިން ދިމާވެފައެއް ނުވެއެވެ.

ބައެއް ދިރާސާތަކުގެ އަލީގައި އާންމުކޮށް ފަސް ދުވަހުގެ ތެރޭގައި މީހާ ނޭވާލުމަށް އުނދަގޫތަކެއް ދިމާވާނެއެވެ. އަދި ބަލި ޖެހޭތާ 14 ދުވަސް ނުވަނީސް ބައެއް މީހުން ދުނިޔެ ދޫކޮށްފައި ހުރި ކަމަށް ދިރާސާތަކުން ދައްކައެވެ.

މިހާތަނަށް ހެދި ދިރާސާގައި އެމެރިކާ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހުނު ކަމަށް ބެލެވޭ 35 މީހެއްގެ ހާލަތު ބަލާފައިވެއެވެ.

އެމީހާގެ ފަރާތުން އެންމެ ފުރަތަމަ ފެނުނީ ކުޑަކޮށް ކެއްސުމާއި ހުން އައުމެވެ. ތިން ވަނަ އަށް ވީ ދުވަހު އިތުރަށް ބަލި ބޮޑުވެ ހޮޑުލާން ފަށައި ޑައިރިއާ ޖެހުނެވެ. އަދި ހަ ވަނަ އަށްވީ ދުވަހު ބަނޑުގައި ރިއްސަން ފެށިއެވެ. އަދި ނުވަ ވަނަ އަށް ވީ ދުވަހު އޭނާ އަށް ނިއުމޯނިއޯ ޖެހި ނޭވާލާން އުނދަގޫވިއެވެ.

ބަލި ޖެހުނުތާ 12 ވަނަ އަށްވީ ދުވަހު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވިއެވެ. އެކަމަކު، އޭނާ އަށް ހުރީ ރޯގާ ޖެހިފައެވެ. އަދި 14 ވަނަ އަށްވީ ދުވަހު ކެއްސުން ފިޔަވައި އިތުރު ކަމެއް އޭނާގެ ފަރާތުން ފާހަގައެއް ނުވިއެވެ. ޖެނުއަރީ 19 ވަނަ ދުވަހު އެޑްމިޓް ކުރި އެ ބަލި މީހާ ރަނގަޅުވެގެން އެމެރިކާގެ ހޮސްޕިޓަލަކުން ދޫކޮށްލާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިނގޭތަ

    ކޮވިޑް 19 ޖެހިގެން ވާ ހުރިހާ ގޮތެއް ވާނެ.

    5
    2
    • ..

      ނަފްސާނީ ގޮތުން ވެސް ދޯ

      3
      1