ގއ.ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމަކީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ސްކޫލަށް ގޮސް ކިޔަވަ ކުޅެ ހެދި ކުއްޖެކެވެ. ނަމަވެސް ލޮލަށް ޖެހުނު ވައިރަސްއެއްގެ ސަބަބުން ކިޔެވުމަށް ބުުރޫއަރައި މައިންބަފައިންގެ ދެލޮލުގެ ނޫރު ފަދައިން ގެންގުޅު ދަރިފުޅުގެ ލޮލުގެ ފެނުން މަޑުމަޑުން ފަނޑުވަމުންގޮސް އެއްކޮށް ގެއްލި ދިޔައީއެވެ.

މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ އިންފްލެމޭޓްވުމުންނެވެ.

މަފާޒްގެ ބައްޕަ މައުސޫމް "ވަގުތު"އަށް ކިޔައިދިން ގޮތުގައި މަފާޒްގެ އުމުރުން އެއް އަހަރުގައިވެސް މިބަލީގެ އަލާމާތްތައް ވަނީ ފެނިފައެވެ. އެކަމަކު އެއީ ސީދާ އެ ބަލިކަން އެނގުނީ އެތައް ދަތުރުތަކަށް ފަހުންނެވެ.

"އެންމެ ފުރަތަމަ ލޮލުން މަޑު އަންނަން ފެށީ،" ދަރިފުޅުގެ ލޮލަށް ދިމާވާން ފެށި މައްސަލަ ކިޔައި ދެމުން މަންމަ ބުންޏެވެ.

އެންމެ ފުރަތަމަ ދެއްކީ ގއ. ގެމަނަފުށީ ހޮސްޕިޓަލަށެވެ. އޭގެ ފަހުން ދެއްކީ ތިނަދޫ ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލުން ބުނެގެން އައި މާލެއެވެ. ދެން ދުވަން ޖެހުނީ އެއް ކްލިނިކުން އަނެއް ކްލިނިކަށެވެ. އޭޑީކޭއިން އައިޖީއެމްއެޗަށެވެ. ދައްކާ އެންމެން ބުނަނީ އެލާޖިކެއް ކަމަށެވެ. އެންމެންވެސް ބުނަނީ މާބޮޑު ކަމެއް ނޫން ކަމަށެވެ.

"އެންމެން ބުނަނީ އަނެއްހެން މައްސަލައެއް ނޫނޭ ތިއީ އެލާޖިކެކޭ،" މަފާޒްގެ ބައްޕަ ބުންޏެވެ.

އެކަމަކު އޭގެ އަހަރެއް ފަހުން މަފާޒުގެ އުމުރުން ދެ އަހަރުގައި ލޯ ދުޅަވާން ފެށުމުން އައިކެއާއަށް ދެއްކުމުން އެތަނުން ވެސް ބުނީ ހަމަކުރިން ދެއްކި ކްލިނިކްތަކާއި ހޮސްޕިޓަލުތަކުން ދިން ޖަވާބެވެ. އެކަމަކު ލޮލުގައި ރިއްސާތިވެ އޭޑީކޭއަށް ދެއްކުމުން އެތަނުގެ ޑޮކްޓަރަކު ލަފާގެ މަތިން ދެން ދިޔައީ 2014 ވަނަ އަހަރު އިންޑިއާއަށެވެ.

"އެ މީހުން ބުނީ ކެރަޓޮކޯނިޔާއޭ. އުމުރުން ކުޑަވީމާ ނެތޭ އެއްވެސް ފަރުވާއެއް ދެވޭކަށް ބުނީ ހަ މަސްކޮށްލާފައި އަންނާށޭ. އުމުރުން ހަތަރު އަހަރު ބޭސް އަސްލު ބޭނުންކުރުން ރަނގަޅެއް ނޫނޭ،" މައުސޫމް ކިޔައިދިނެވެ.

އޭގެ ދުވަސްގަނޑެއް ފަހުން ޓްރިވަންޑްރަމްގެ ޗައިތޭނިޔާ ކިޔާ ހޮސްޕިޓަލަކުން ސާޖަރިއެއް ހެދިއެވެ. އެކަމަކު މާބޮޑު ލުޔެއް ނުލިބެއެވެ. އޭރު ހަދަން ފެށި ސާޖަރީތަކަށް ހުއްޓުމެއް ނައެވެ. ކޮންމެ އަހަރަކު ސާޖަރީއެކެވެ. ފާއިތުވި 13 އަހަރު ތެރޭގައި މަފާޒުގެ 17 ސާޖަރިއެއް ހަދައިފިއެވެ. މިއިން ކޮންމެ ފަހަރަކުވެސް ސާޖަރީ ހަދަނީ ހޭނައްތައިގެންނެވެ.

މަފާޒުގެ ލޮލަށް ބޭސްކުރާތާ މިހާރު 11 އަހަރުވަނީ ވެފައެވެ. އޭނަގެ ބޭސް ފަރުވާއަށް އިންޑިޔާއަށް 28 ފަހަރު ދެވިއްޖެ ކަމަށާއި 17 އޮޕަރޭޝަނެއް މިހާތަނަށް ކުރެވިފައިވާ ކަމަށް މައުސޫމް ބުންޏެވެ. އެހެންނަމަވެސް ކުއްޖާގެ ލޮލަށް އެއްވެސް ފަރުވާއެއް ލިބިފައިނުވާ ކަމަށް އޭނާ ބުނެއެވެ.. އިންޑިއާ ޑޮކްޓަރުން ބުނާ ގޮތުން ދާއިމީ އޮޕަރޭޝަނެއް ކުރެވޭނީ 20 އަހަރުން މަތި ވީމައެވެ. ޗައިތޭނިއާގެ ޑޮކްޓަރުން ބުނާ ގޮތުން އޮޕަރޭޝަން ކުރެވޭނީ 25 އަހަރުން މަތިވުމުންނެވެ. އާއިލާ މީހަކު ބޭސްފަރުވާ އަށް ތައިލެންޑަށް ދިޔަ ދަތުރުގައި މާފާޒުގެ ލިޔުންތައް އެތަނުގެ ޑޮކްޓަރަކަށް ދެއްކުމުން އެ ހޮސްޕިޓަލުން ލަފާދެނީ އެ ތަނަށް ދެއްކުމަށެވެ.

"އިރާދަކުރެއްވީތީ މިދިޔަމަހު 24 ގައި ރާއްޖެ މިއައީ އިންޖެކްޝަން ޖަހައިގެން. ތައިލެންޑުގެ ޑޮކްޓަރުން ބުނަނީ ފުރަތަމަ އޮޕަރޭޝަނެއް ނޫނޭ ކުރަން ޖެހޭނީ، ފުރަތަމަ މި ވައިރަސް ކޮންޓްރޯލް ކުރުމަށްފަހުގައޭ އޮޕަރޭޝަނެއް ކުރަން ޖެހޭނީ. މިހާރު އިންޖެކްޝަން މިޖަހަނީ." މައުސޫމް ކިޔައިދިނެވެ.

މައުސޫމް ބުނީ މަފާޒްގެ ބައްޔަށް ފަރުވާ ލިބޭނެ ކަމަށް ތައިލެންޑުގެ ޑޮކްޓަރުން ޔަގީންކަންދޭ ކަމަށެވެ. އިންޖެކްޝަންގެ ޑޯޒު ހަމަކުރުމަށްފަހު އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދިނެވެ. ތައިލެންޑް ޑޮކްޓަރުން އަންދާޒާކުރާ ގޮތުން އޮޕަރޭޝަނަށް ފަސް ލައްކައެއްހާ ރުފިޔާ ހޭދަވާނެއެވެ.

"މީގަ ޖަހަންޖެހޭ އެބަ އަށް އިންޖެކްޝަން. ކޮންމެ މަހަކު ދޭތި، އޭގެ އިންޖެކްޗަނެއްގެ އަގަކީ ގާތްގަނޑަކަށް ރާއްޖޭގެ 39 ހާސް ރުފިޔާ." މައުސޫމް ކިޔައިދިނެވެ.

ހަތަރު މަހަށް ބަހައިގެން އަށް އިންޖެކްޝަން ޖަހަން ޖެހޭ ކަމަށާއި މިހާރު ދެ އިންޖެކްޝަން ޖަހާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި އިންޖެކްޝަންތަކަކީ އަގުބޮޑު އިންޖެކްޝަނަކަށް ވެފައި މަހަކު ދޭތި ޖަހަން ޖެހޭތީ އެހާވަރުގެ ފުދުންތެރިކަމެއް ނެތްކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. ލިބޭ އާމްދަނީން މާލޭގައި ދިރިއުޅޭ ތަނަށް ދައްކާފައި ތިިން ކުދިންގެ ކިޔެވުމާއި އެހެނިހެން ޚަރަދުތައް ކުރަންވެސް ނުފުދޭ ކަމަށް މަފާޒްގެ ބައްޕަ ވަނީ ބުނެފައެވެ.

"އެންމެ އިންޖެކްޝަނެއް ގަންނަން ލިބެނީ ދިވެހި ރުފިޔާ 39301 އަދި ހަތަރު މަސް ދުވަހަށް ވާ އިންޖެކުޝަންގެ އަގަކީ 466100 ދިވެހި ރުފިޔާ. އަދި ދެއްކުމުގެ ހަރަދާ ދިއުމުގެ ހަރަދު އެހާމެ ބޮޑު މި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް މާލީގޮތުން ތަނަވަސްކަން ނެތުމުން އަޅުގަނޑުމެންނަން އެހީތެރިވެ ދެއްވުން އެއީ އަޅުގަނޑުމެންގެ އެދުމެއް" އާއިލާއިން ބުނެއެވެ.

މަފާޒްގެ ބޭސްފަރުވާއަށް ބޭނުންވާ ވަރަށް ފައިސާގެ ފުދުންތެރިކަމެއް ނެތުމުން އާއިލާއިން އެދެނީ އާއްމުންގެ އެހީއެވެ.

މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)

ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)

އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!