ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ވެރިކަން ކުރާ ދިއްލީ ސަހަރަކީ އެތައް ގޮތަކުން ފާހަގަ ކޮށްލެވޭ ބޮޑު ސަހަރެކެވެ. ތާރީހީ ދިރާސާތަކުން ދައްކާ ގޮތުގައި ދިއްލީ ވަނީ އެތައް ފަހަރެއްގެ މަތިން ސުންނާފަތި ކުރެވި، އެތައް ފަހަރެއްގެ މަތިން އާރާސްތުކުރެވި، އާބާދުވެސް ކުރެވިފައެވެ. މިއީ ޤަދީމީ، މުހިއްމު ސަހަރުތަކަށް ވާ ގޮތެވެ. އެގޮތުން ދުނިޔޭގެ ފާހަގަ ކޮށްލެވޭ ޤަދީމީ ސަހަރުތައް ކަމަށްވާ އިސްތަންބޫލާއި ގުދުސް ވެސް ވަނީ ހަމަ މި ގޮތަށް އެތައް ފަހަރެއްގެ މަތިން ބިމާއި ހަމަކުރެވި، އަލުން އާރާސްތު ކުރެވިފައެވެ.

ތާރީހުގައި ފާހަގަ ކޮށްލެވޭ އެތަކެއް ވަރުގަދަ ވެރިކަމާއި، ރަސްކަމުގެ ތާޖުގެ ގޮތުގައި އަދި އެ ރަސްކަންތަކުގެ ވެރިރަށުގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގޭ ދިއްލީ ސަހަރަކީ އެތަކެއް ހާސް އަހަރު ވެފައިވާ، ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަ ކޮށްލެވޭ ޤަދީމީ ސަހަރެކެވެ. ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ އިންޑަސް ހަޟާރާތުގެ ޒަމާނުގެ ބައެއް ތަކެތި ދިއްލީ ހިމެނޭ ސަރަހައްދުން ހޯދާފައެވެ. މިކަމުން ދޭހަ ކޮށްދެނީ ދިއްލީ ސަހަރުގެ 3000 އަހަރުގެ ދިގު މާޒީއެއް އޮތް ކަމެވެ. ދިއްލީގެ އެކި ސަރަހައްދު ތަކުން ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުގެ 400 އަހަރު ކުރީގެ އާސާރުތައްވެސް ހޯދާފައެވެ. އަދި މިކަމަށް ހެކިދޭ ލިޔުންތައް ވެސް ތާރީހީ ގޮތުން ލިޔެވިފައި އެބަހުއްޓެވެ. އެގޮތުން އިންޑިއާގެ އެންމެ ދުވަސްވީ ދީނީ، އަދި އަދަބީ ލިޔުންތައް ކަމަށްވާ މަޝްހޫރު މަހާބާރަތާ ގައި ވެސް ވަނީ ދިއްލީ ސަހަރުގެ ވާހަކަ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ ކާމިޔާބު އަދި މަޝްހޫރު ރަސްގެފާނު އަޝޯކާގެ ވެރިކަމުގައި ލިޔެވުނު ބުދު ދީނުގެ މުހިއްމު ލިޔުންތަކުގައި ވެސް ދިއްލީގެ މުހިއްމު ކަމުގެ ވާހަކަތައް ބަޔާންކުރެވިފައި ވެއެވެ.

ދިއްލީގެ މުހިއްމުކަން ބޮޑުވަނީ ދިއްލީ ސަހަރު އޮންނަ ހިސާބުގެ ގޮތުންވެސް މެއެވެ. ސިޔާސީ ގޮތުން ބަލާނަމަ ދިއްލީގައި ވެރިކަން ކުރާ ބަޔަކު އަބަދުވެސް މުޅި އިންޑިއާގައި ވެރިކަން ކުރެއެވެ. އެއީ އެ ސަހަރު އޮންނަ ގޮތުން، އެ ސަހަރުން އިންޑިއާގެ އެކި ހިސާބުތަކަށް ލަޝްކަރުތައް ފޮނުވުމަށް ފަސޭހަވުމުންނާއި، އިދާރީ ގޮތުން ދައުލަތް ހިންގުމަށް ފަސޭހަ ވުމުންނެވެ.

އިންޑިއާގެ ޗާޓުން ދިއްލީ

ދިއްލީގެ ރީތިކަމުންނާއި، މޫސުމީ ގޮތުން މާބޮޑު ބަދަލުތަކެއް ދިއްލީ އަށް ނާންނާތީ، އިންޑިއާގެ ރަސްރަސްކަލުންނަށް ދިއްލީ އަކީ ވެރިކަން ކުރުމަށް އެންމެ އެކަށޭނަ ސަހަރަށް ވަނީ ވެފައެވެ. އަދި އިންޑިއާގެ ޒަމާންވީ ދިގު ތާރީހުގައި އެ ޤައުމު ހިފަން އައި ހުރިހާ ވެރިން ވެސް ފުރަތަމަ ކުރާ ކަމަކީ ދިއްލީ އަށް ހަމަލާ ދިނުމެވެ. އަދި އެއަށްފަހު ދިއްލީ ސަހަރު ގެ އުމްރާނީ ދާއިރާއަށް ހަމަލާތައް އަމާޒުކުރެއެވެ. މިހެން ހަދާ މައިގަނޑު ސަބަބަކީ ކުރީގެ ވެރިކަމުގެ މޫ ތައް ލުހެލައި، އެ ވެރިކަމުގެ ބާރު މުޅީން ކަނޑުވާލުމެވެ. އަދި އެއަށްފަހު ވީރާނާވެފައިވާ ސަހަރުގެ މަތީގައި، އާ ފަލްސަފާގެ މައްޗަށް، އައު ސަހަރެއް ބިނާ ކުރެއެވެ. މި ގޮތަށް ދިއްލީ ސަހަރު އެތައް ފަހަރެއްގެ މަތިން ވަނީ ސުންނާފަތި ކުރެވި އަލުން ބިނާ ކުރެވިފައެވެ. މިކަމުގެ ތާރީހީ ހެކިތައް ދިއްލީގެ އެކި ސަރަހައްދު ތަކުން ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ހޯދާފައެވެ.

އިންޑިއާގައި އުފެދުނު އިސްލާމީ ހަޟާރަތުގެ އެކި ރަސްކަންތަކުގެ ވެސް މައި ވެރި ރަށަކީ އަބަދުވެސް ދިއްލީއެވެ. އެގޮތުން 11 ވަނަ ޤަރުނުގައި މަމްލޫކު އަޅުން ޤާއިމުކުރި ދިއްލީ ސަލްޓަނޭޓް ގެ ވެސް ވެރިކަން ފެށިގެން އައީ އެމީހުން ދިއްލީ ފަތަހަ ކުރި ހިސާބުންނެވެ. ދިއްލީ އަކީ އަސްކަރީ ބޮޑު މަރުކަޒަކަށް ހަދާ، އިޤްތިޞާދީ ގޮތުން ދިއްލީ އިތުރު ހަރުފަތްތަކަށް ގެންގޮސްދިނީ އެ ޒަމާނުގައެވެ. ވެރިކަމުގެ އާ ވައްޓަފާޅިއެއް ހިމެނޭ ނިޒާމެއް ދިއްލީއަށް ތައާރަފުވެ، އެ ވެރިކަމުގެ ނިޒާމުގެ ފުރިހަމަ ކަމުގެ ފައިދާ ހުރިހާ ރޮނގަކުން ވެސް ދިއްލީއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ވެރިކަން ހިންގުމުގެ ބާރުގެ އިތުރުން، އިންސާފު ޤާއިމު ކުރުމަށްޓަކައި ގާޒީން ހިމެނޭ ގޮތަށް ކޯޓުތަކެއް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ދިއްލީގައި ތައާރަފު ވެގެން ދިޔައެވެ. މިކަން ވެގެން ދިޔައީ ދިއްލީގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި ދިއްލާލެވުނު އަލި ގަދަ ނޫރަކަށެވެ. އެތަކެއް އަހަރުތަކެއް ވަންދެން ރަސްކަމުގެ ކޮއިލުގެ ތެރެއިން އާދޭސް ކޮށްގެން އިންސާފު ހޯދުން ނިމުމަކަށް އައީ އެވެ. ދިއްލީގެ ތަރައްޤީގެ ތާރީހުގައި އެ ސަހަރަށް ލިބިފައިވާ އިއްޒަތާއި ޤަދަރުގެ އަސްލަކީ އެ ސަހަރުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ އިންސާފުގެ ހަމަ ހަމަ އުސޫލުތައް ކަމަށް ތާރީހު ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ދެކިލައްވައެވެ. ދިއްލީ ސަލްޓަނޭޓް ގެ ހަތަރު ރަސް ދަރިކޮޅުގެ ވެރިކަން 400 އަހަރު ވަންދެން މެދު ނުކެޑި ދިއްލީގައި އޮތެވެ. އަދި އިންޑިއާގެ ބޮޑު ސަރަހައްދެއް ފަތަހަ ކޮށް، އިސްލާމީ ދިދަ ވަނީ އިންޑިއާގެ ބޮޑު ސަރަހައްދެއްގައި ވިހުރާލާފައެވެ.

ދިއްލީ ސަލްޓަނޭޓްގެ ފުރަތަމަ ސުލްތާނުގެ ވެރިަމުގައި އިމާރާތް ކުރަން ފެށުނު މަޝްހޫރު ޤުތުބު މިނާރް —- ފޮޓޯ: ގެޓީ އިމޭޖަސް

އޭރު ވެސް ރަސްކަމުގެ ވެރި އިދާރާ އަކީ ދިއްލީ ކަމުން މުޅި އިންޑިއާއަށް އަމުރު މައުރޫފް ހިންގަނީ ދިއްލީންނެވެ. ދިއްލީގެ ހައިބަތާއި ޤަދަރުވެރިކަން އިންތިހާ އަށް ބޮޑުވެގެން ދިޔައެވެ. ހަމަ މިއާ އެކު ދިއްލީގައި ވަޒަންވެރިވުމަށާއި، ވިޔަފާރީގެ އެކި މުއާމަލާތްތަކުގައި އިންޑިއާގެ އެކި ހިސާބުތަކުން ދިއްލީއަށް މީހުން އަންނަށް ފެށުމަކީ އެ ސަހަރުގެ އާބާދީ އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަމެކެވެ.

ދިއްލީ ސަލްޓަނޭޓް އަސްކަރީ ގޮތުން ބަލި ކުރުމަކީ އޭރު ވަރަށް ނާދިރު ކަމެކެވެ. ވަށައިގެން ހިންދޫންގެ ކުދި ވެރިކަންތައް ވާ އިރު ވެސް، 500 އަހަރުގެ ދިގު މުއްދަތަކަށް ދިއްލީގައި މުސްލިމުންނަށް ވެރިކަން ކުރެވުނީ މުސްލިމުންގެ ހަރުދަނާ އަސްކަރީ އުސޫލުތަކުގެ ސަބަބުންނެވެ. މިކަން އެންމެ ބޮޑަށް ސާބިތު ކޮށްދޭ ހެއްކަކީ އަކީ 12 ވަނަ ޤަރުނުގައި މުޅި ދުނިޔެ ސުންނާފަތި ކުރަމުން، އެކި ސަހަރުތައް ހިރަފުހަށް ހަދަމުން ދިޔަ މުންގަލް ވެރިކަމުގެ ލަޝްކަރުތަކަށްވެސް ދިއްލީ ސަލްޓަނޭޓް އަސްކަރީ ގޮތުން ބަލި ނުކުރެވުމެވެ. މުންގަލް ލަޝްކަރުތަކުން އެތައް ފަހަރަކު ވަނީ ދިއްލީ ސަހަރު ފަތަހަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މީގެން ކޮންމެ ފަހަރަކު ވެސް ދިއްލީ ސަލްޓަނޭޓުން ވަނީ އެމީހުން ބަލިކޮށް ފައްސާލާފައެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ފަދައިން ދިއްލީ ސަލްޓަނޭޓް ގެ ދަންމަރު ނިވިގެން ދިޔައީ 15 ވަނަ ޤަރުނުގެ މެދުތެރޭގައި އޭޝިއާއިން އިންޑިއާ ފަތަހަ ކުރަން އައި މުސްލިމު ޒުވާން ރަސްގެފާނު ބާބަރ ގެ އަތުން ދިއްލީގެ ބޮޑު ލަޝްކަރު ބަލިވެގެން ދިޔުމާ އެކުގައެވެ. ނަމަވެސް މި ހާދިސާ ވެގެން ދިޔައީ ދިއްލީގައިވާ އިސްލާމީ ދަންމަރު އިތުރަށް އަލިގަދަވެ، މުޅި ދުނިޔެއަށް ދިއްލީ ހުޅުވާލެވުނު ހާދިސާއަކަށެވެ. އާދެ މުޅި ދުނިޔެއަށް މަޝްހޫރު، ވަރުގަދަ މުގަލް ވެރިކަން ފެށިގެން ދިޔައީއެވެ.

މުގަލް ރަސްގެފާނު ހުމާޔޫން ގެ މަޤުބަރާ— ފޮތޯ: ވިކިޕީޑިއާ

މުގަލް ވެރިކަމުގައި ދިއްލީ ދިޔައީ ތަރައްޤީގެ އާ ހަރުފަތްތަކެއް ގިރާކޮށް، އާ އުސްމިންތަކަކަށް ދަތުރު ކުރަމުންނެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މުގަލް ވެރިކަމުގައި ދުނިޔޭގެ ހުރިހާ ބިތަކަށް ނިސްބަތްވާ މުދާ، ދިއްލީގެ މަގު ތަކުގައި ވިއްކަން ހުރެއެވެ. މިކަމުންވެސް ހާމަ ކޮށްދެނީ މުގަލް ވެރިންގެ ދުރު ވިސްނޭ ސިޔާސަތު ތަކެވެ. ސިޔާސީ ގޮތުން ދިއްލީ ވަނީ އޭރުވެސް ދުނިޔޭގެ ބާރުތަކާއި ހަރުދަނާ ގުޅުންތައް ޤާއިމު ކޮށްފައެވެ. މުގަލް ސުލްތާނުން މުޅި އިންޑިއާ ފަތަހަ ކުރަމުން ދިޔަ އިރު، ވަރުގަދަ ވެރިކަމުގެ ހުރިހާ ބާރެއް އެކުލެވޭ ތަހުތު ޤާއިމު ކުރީ ދިއްލީގައެވެ. ދިއްލީގެ މަޝްހޫރު ލާލް ކިއްލާ ނުވަތަ ރެޑް ފޯޓަކީ މުގަލުންގެ ރަސްކަމުގެ ކޮއިލުގެ މައި ކިއްލާއެވެ. 400 އަހަރާއި ގާތްކުރާ މުއްދަތަކަށް ދިއްލީގައި ޝާނާއި ޝައުކަތުން ފުރިފައިވާ ބޮޑު ރަސްކަމެއް މުގަލުން ކުރިއެވެ. އެގޮތުން މުސްލިމް ސުލްތާން އޮރަންގްޒެބް ގެ ވެރިކަމުގައި ދިއްލީ ވެގެން ދިޔައީ ދުނިޔޭގެ އެންމެ މުއްސަދި ސަހަރަށެވެ.

ދިއްލީގެ މަޝްހޫރު ލާލް ކިއްލާ

ދިއްލީ ސަހަރުގައި އޮތް މުސްލިމުންގެ ވެރިކަން ނިމުމަކަށް އައީ 18 ވަނަ ޤަރުނުގައި އިނގިރޭސީން އިންޑިއާ ހިފުމާއި ގުޅިގެންނެވެ. ދިއްލީގެ ފުރިހަމަ ކޮންޓްރޯލު ނެގުމަކީ އިނގިރޭސިން އަބަދުވެސް ބޭނުންވި ކަމެކެވެ. ސަބަބަކީ ދިއްލީގެ ކޮންޓްރޯލު ލިބިއްޖެ ނަމަ، މުޅި އިންޑިއާ ވެސް ކޮންޓްރޯލް ކުރަން ފަސޭހަ ވާނެތީއެވެ. އިނގިރޭސީން އަސްކަރީ އަދި ވިޔަފާރީގެ ގޮތުން މައި މަރުކަޒެއްގެ ގޮތުގައި ދިއްލީ ބޭނުން ކުރި ނަމަވެސް، ސިޔާސީ ގޮތުން އެމީހުންގެ ވެރި ރަށަކީ ދިއްލީއެއް ނޫނެވެ. އިނގިރޭސީން ވެރިކަން ކުރީ ކޮލްކަތާ އިންނެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އަޅުވެތި ކަމުން ޤައުމުތައް މިނިވަން ވަމުން ދިޔައިރު، އިންޑިއާ އަށް ވެސް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިގެން ދިޔައެވެ. މިއީ އިންޑިއާގެ އެތައް ހާސް އަހަރުވީ ތާރީހުގައި ލިޔެވުނު އައު ބާބެކެވެ. އަދި އެއީ މިހާރު އަޅުގަނޑުމެން މި ދަންނަ އިންޑިއާގެ ބިންގާ އެޅުނު ޒަމާނެވެ. މި ހުރިހާ ކަމެއް ހިނގައި ދިޔައީ ދިއްލީ ސަހަރުގައެވެ. އިންޑިއާގެ މިނިވަންކަން ފުރަތަމަ ފަހަރަށް އިއުލާން ކުރެވުނީ ދިއްލީގައި ހުންނަ މުސްލިމުން ވެރިކަން ކުރި ލާލް ކިއްލާ ނުވަތަ ރެޑް ފޯޓުގައެވެ. ދުނިޔޭގެ އެންމެ ބޮޑު ޤާނޫނު އަސާސީ ކަމަށްވާ އިންޑިއާގެ ޤާނޫނު އަސާސީވެސް ލިޔެވިގެން ދިޔައީ ހަމަ ދިއްލީ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާލު

    ވަރަށް ސަޅި ކިޔާލަން ފަސޭހަ ޝައުގުން ފުރިގެންވާ ލިޔުމެއް.އެދެނީ މިފަދަ ގިނަ ލިޔުންތައް ގެނެސް ދިނުން.

    10