ގަތަރުގެ ދޯހާގައި ކުރިއަށްދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ފެތުންތެރިއަކު ގައުމީ ރެކޯޑް ތަކެއް އާކޮށްފިއެވެ

މިގޮތުން ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުން މުޙައްމަދު ރީހާން ޝިހާމް ވަނީ ގައުމީ ރެކޯޑެއް އާ ކޮށްފައެވެ. ރިހާން މި ގައުމީ ރެކޯޑް އާކޮށްފައިވަނީ 04:31.96 އިން ރޭސް ނިންމައިގެންނެވެ. އަދި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާހީމް ވެސް ވަނީ އާކޮށްފައެވެ. މުބާލް ގައުމީ ރެކޯޑް އާކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެެވެ.

ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯަލްޑިވް ފޭސްބުކް

400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި މުބާލް އައްޒާމް އިބްރާހިމްއެވެ. އެފަހަރު މުބާލް މި އިވެންޓް ނިންމާފައިވަނީ 04:48.44 އިންނެވެ.

100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ އެންމެ ފަހުގެ ގައުމީ ރެކޯޑް ވެސް އާކޮށްފައިވަނީ މުބާލެއެވެ. އެއީ މިދިޔަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 01:14.73 އިން ރޭސް ނިންމައިގެންނެވެ.

އަދި މީގެ އިތުރުން ހަނާން ހުސެއިން ހަލީމް ވެސް ވަނީ ގައުމީ ރެކޯޑެއް އާކޮށްފައެވެ. ހަނާން ގައުމީ ރެކޯޑް އާކުރީ ތައިލެންޑްގެ ފުކެޓްގައި ކުރިއަށް ދިޔަ ދަ ފެޑެރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސްއިން އޭޝިއާ (ފޮބިސިއާ) ސްވިމިންގ އިންވިޓޭޝަނަލް 2024 ގެ ފެތުމުގެ މުބާރާތުގައި ވާދަކޮށް ލޯންގް ކޯސް 50 މީޓަރ ބަޓަފްލައި އިވެންޓްގައި 00:32.00 އިން ރޭސް ނިންމައިގެންނެވެ.

ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފޭސްބުކް

50 މީޓަރ ބަޓަފްލައި އިވެންޓްގެ އެންމެ ފަހުގެ ގައުމީ ރެކޯޑް ވެސް އާކޮށްފައިވަނީ ހަނާނެވެ. 00:32.15 އިން ރޭސް ނިންމާ ގައުމީ ރެކޯޑް ހަނާން އާކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި 11 ވަނަ އިންޑިއަން އޯޝަން ގޭމްސްގައެވެ.