މިހާރު ކުރިއަށް ދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން ބުރުގައި ރޭ ޒޯން އެކެއްގައި ހއ. ދިއްދޫ އާއި ހއ. އުތީމު ބައްދަލު ކުރި މެޗު 5-2 އިން އުތީމު ކާމިޔާބުކޮށް ޒޯން ބުރުގެ ފައިނަލުން އުތީމު ޖާގަ ހޯދައިފިއެވެ.

ހއ. އަތޮޅު ބުރުގެ ފައިނަލުގައި މި ދެ ޓީމު މީގެ ކުރިން ބައްދަލު ކުރި މެޗު ދިއްދޫ އިން ކާމިޔާބު ކުރީ 5-2 އިންނެވެ. އެހެންކަމުން ދިއްދޫގެ މައްޗަށް އުތީމުން މި ވަނީ އޭގެ ބަދަލު ހިފައިފައެވެ.

އުތީމު އަދި ދިއްދޫ ބައްދަލު ކުރި މެޗު— ވަގުތު އިމޭޖަސް: އަބްދުاللة އަބީދު

މި މެޗު ފެށިގެން ދެވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދިއްދޫއިންނެވެ. މިއީ އެ ޓީމުގެ ހައިޝަމް، ކައިރި ކުރި ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅައެއް ގޮސް ކީޕަރުގެ އަތުގައި ޖެހިފައި ގޯލަށް ވައިން ލަނޑެކެވެ. މީގެ މާ ގިނައިރު ތަކެއް ނުވެ ލިބުނު ހިލޭ ޖެހުމަކުން އަނެއްކާވެސް ހައިޝަމް ވަނީ ދިއްދޫ އަށް ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްފައެވެ.

އުތީމުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ފަރަގު ކުޑަކޮށްދިނީ މަޒީނެވެ. މިއީ އުތީމުގެ ރިޝީ ނަގައިދިން ކޯނަރަކުން އޭރިޔާ ރޮނގު މަތީ ހުރި މަޒީނަށް ލިބުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މި ބޯޅައަށް ހުރަސް އަޅަން ކީޕަރު ވަނީ ކުރިއަށް ނިކުމެފައެވެ. ނަމަވެސް މަޒީން މި ލަނޑު ކާމިޔާބު ކުރީ ކީޕަރު ނައްޓާލުމަށްފަހުއެވެ. އުތީމުން މެޗުގެ ނަތީޖާ އެއްވަރު ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުން އެޓީމުގެ އައިހަމް ޖެއްސީ ގޯލުގެ އަރިމަތީ ރޮނގު ކައިރީ ހުރި މަޒީނަށެވެ. މަޒީން ބަލާލާފައި އެ ބޯޅަ ދުއްވާލީ އޭރިޔާ ތެރޭ ހުރި އެ ޓީމުގެ ތާހާއަށެވެ. އޭނާ ވަނީ ބޯޅަ އެއްފަހަރުން ކުރިއަށް ފޮނުވާލާފައެވެ.

އުތީމު އަދި ދިއްދޫ ބައްދަލު ކުރި މެޗު— ވަގުތު އިމޭޖަސް: އަބްދުاللة އަބީދު

މެޗުގެ ދެވަނަ ހާފު ފެށިގެން އިރުކޮޅެއް ތެރޭ އުތީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކުރީ ތާހާއެވެ. އޭގެ 5 މިނެޓު ފަހުން އުތީމަށް މެޗުގެ ލީޑު ފުޅާކޮށް އެ ޓީމުގެ 4 ވަނަ ލަނޑެ ކާމިޔާބު ކޮށްދިނީ ނަބީލެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އުތީމުގެ 5 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ނަބީލެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ މެޗުގެ ފަހު ދެ ގޯލުވެސް ކާމިޔާބު ކުރި އުތީމުގެ މުހައްމަދު ނަބީލެވެ.

އުތީމު އަދި ދިއްދޫ ބައްދަލު ކުރި މެޗު— ވަގުތު އިމޭޖަސް: އަބްދުاللة އަބީދު

މި ޒޯނުގައި ރޭ ކުޅެވުނު އަނެއް މެޗަށް ބަލާއިރު ހދ. ނޮރިވަރަމްގެ މައްޗަށް ހދ. ނާވައިދޫ މެޗު ކާމިޔާބު ކުރީ 5-1 ނަތީޖާއަކުންނެވެ. މި މެޗުގައި ނާވައިދޫގެ ޝާއްޕެ ދެ ގޯލު ކާމިޔާބު ކުރި އިރު އިސްމާއިލް ވަހީދު، މިދުހަތު ފާއިޒު އަދި މުހައްމަދު އަހުސަމް ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނޮޅިވަރަމުގެ ހަމަ އެކަނި ލަނޑު ކާމިޔާބުކުރީ މުހައްމަދު އިބުރާހީމެވެ.

ޒޯން 1 ގެ ފައިނަލުގައި ހދ. ނާވައިދޫ އާއި ބައްދަލު ކުރާނީ ހއ. އުތީމެވެ. މި ދެ ޓީމުވެސް މިވަނީ މި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު