ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 8 ގެ ފައިނަލުގައި ޕެނަލްޓީން ވިލިމާލެ 7-6 އިން ބަލިކޮށް މާފަންނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކުރީ މާފަންނުގެ ޝިފާޒެވެ. މި ލަނޑަކީ މާފަންނުން ކުރި ކައުންޓާ އެޓޭކެއްގައި ޝިފާޒް ބޯޅަ ހިފައިގެން ކުރިއަށް ގޮސް ޔާ އަށް ޖައްސާލުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން ޔާ ޖައްސާލި ބޯޅަ ޝިފާޒް އެއްފަހަރުން ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ގޯލު މާފަންނުން ކާމިޔާބު ކުރިތާ ގިނައިރުތަކެއް ނުވަނީސް ވިލިމާލެއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަމީހުއެވެ. މިއީ ސަމީހު އޭރިޔާ ބޭރުން މުއާޒަށް ޖައްސާލުމަށް ފަހު އޭރިޔާ ތެރެއަށް ވަނުމުން މުއާޒު ޖައްސާލި ބޯޅައަކުން ސަމީހު ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން 5 ވަނަ މިނެޓުގައި މާފަންނުން އަނެއްކާވެސް ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކުރީ މާފަންނުގެ ސުހައިލްއެވެ. މި ލަނޑަކީވެސް މާފަންނުގެ ސުހައިލް ޖައްސާލި ބޯޅައަކުން، ގޯލު ދަނޑި ކައިރީ ހުރެ ސުހައިލް ކާމިޔާބު ކުރި ލަނޑެކެވެ.

މާފަންނާއި ވިލިމާލެ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ވިލިމާލެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ޝައްފާން (ޝާކާ)އެވެ. މި ލަނޑު ޝާކާ ކާމިޔާބު ކުރީ މެޗު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށެވެ.

މި މެޗުގެ ފުރިހަމަވީއިރު 2-2 އިން ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ މާފަންނަށެވެ.

މާފަންނުގެ ފުރަތަމަ ޕެނަލްޓީ އެ ޓީމުގެ ޔަފާއު ކާމިޔާބު ކުރި އިރު ވިލިމާލޭގެ ޝަކާވެސް ބަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މާފަންނުގެ ދެވަނަ ޕެނަލްޓީ އެ ޓީމުގެ ޔޫހް ފޮނުވާލި ބޯޅަ ވަނީ ވިލިމާލޭގެ ކީޕަރު ތަލާލު ހިފަހައްޓާފައެވެ. ވިލިމާލޭގެ ދެވަނަ ޕެނަލްޓީ ޝިޔަޅޭ ވަނީ ކާމިޔާބުކޮށްފައެވެ. މާފަންނުގެ 3 ވަނަ ޕެނަލްޓީ ޑުންގާ ކާމިޔާބުކުރި އިރު ވިލިމާލޭގެ ސަމީހުވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މާފަންނުގެ ސުހައިލްވެސް ޕެނަލްޓީ ކާމިޔާބުކުރި އިރު ވިލިމާލޭގެ ވައްޖެވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މާފަންނުގެ 5 ވަނަ ޕެނަލްޓީ ފާރިޝް ޖެހިއިރު ވިލިމާލޭގެ 5 ވަނަ ޕެނަލްޓީ މުއާޒު ވަނީ މިސް ކޮށްލާފައެވެ. މާފަންނުގެ ޔަޒީދު ވަނީ 6 ވަނަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ވިލިމާލެ މެޗުން ބަލިވި ޕެނަލްޓީ މިސްވީ ވިފާގްގެ އަތުންނެވެ.

މާފަންނާއި ވިލިމާލެ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ޒޯނު 8 ގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަންނުގެ ކީޕަރު މާއިޒެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފަންނުގެ ސުހައިލެވެ. ޒޯނު 8 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަންނުގެ ޔަފާއު (ޔާ)އެވެ.

ޒޯނު 8 ގެ ގުރޫޕު ސްޓޭޖުގައި މި ދެ ޓީމު މީގެ ކުރިން ބައްދަލު ކުރި މެޗު ވަނީ 2-2 އިން އެއްވަރު ވެފައެވެ. މި ޒޯނުގެ ޗެމްޕިއަންކަން މާފަންނުން ހޯދި ނަމަވެސް ވިލިމާލެވެސް ވަނީ ނޮކްއައުޓް ސެޓޭޖް ނުވަތަ ގަދަ 16 އިން ޖާގަ ހޯދާފައެވެ. އެއީ ޒޯނު ބުރުގެ އެއްވަނަ އަދި ދެވަނަ އަށްދާ ދެ ޓީމަށް ގަދަ 16 އިން ޖާގަ ލިބޭގޮތަށް އޮންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު