ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން 5 ގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ފ.ބިލެއްދޫ ބަލިކޮށް ދ.ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދައިފިއެެވެ.

މިރޭ ކުޅެވުނު މިމެޗް ކުޑަހުވަދޫން ކާމިޔާބު ކުރީ 6-4 ގެ ނަތީޖާ އަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ގޯލެއްޖަހާ ލީޑު ނެގީވެސް ކުޑަހުވަދޫއިންނެވެ. ދަނޑުގެ އަރިމަތިން، ބިލެއްދޫ ހާފުތެރެއަށް ބޯޅަ ހިފައިގެންވަދެ ކުރިމަތީ ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން އެގޯލު ކުޑަހުވަދޫ އަށް ކާމިޔާބު ކޮށްދިނީ ޖުމެއިލްއެވެ. ކުޑަ ހުވަދޫން މި ލަނޑު ކާމިޔާކުރިތާ މާގިނައިރުތަކެއް ނުވަނީސް އެޓީމުގެ އިފްހާމް އަތުން ބައިކޮޅަށް ވަން ގޯލަކާއިއެކީ މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.

ބިލެއްދޫއާއި ކުޑަހުވަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ވެސް ބިލެއްދޫ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ކުޑަހުވަދޫ ޓީމުގެ ކެޕްޓަން ޖުމެއިލް ފައިގަ ޖެހިފައި ގޮސް ބައިކޮޅު ގޯލަށް ވަދެގެން ބިލެއްދޫއަށް މެޗުގެ ލީޑުލިބުނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ގެ ނަތީޖާ އަކުން ބިލެއްދޫ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މިގޮތުން ދެ ތީމުގެ ފަރާތުންވެސް ގިނަ ހަމަލާ ތަކެއްފެނިގެން ދިޔަ މިހާފު ނިމެން ހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކުޑަހުވަދޫ ޓީމުން ދެވަނަ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. ބިލެއްދޫ ޓީމުގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެފަ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާ ލައިގެން މި ގޯލު ކުޑަހުވަދޫ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަދި ފުރަތަމަ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ޖުމެއިލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކުޑަހުވަދޫ ޓީމުންޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ބިލެއްދޫއަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީއެވެ.

ބިލެއްދޫއާއި ކުޑަހުވަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މިގޮތުން ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ ކުޑަހުވަދޫ ޓީމުން ޝައުކަތުއެވެ. މި ޕެނަލްޓީ ވަނީ އޭނާ ކާމިޔާބުކޮށްފައެވެ. ބިލެއްދޫ ޓީމުން ފުރަތަ ޕެނަލްޓީ ފޮނުވާލަން ދިޔައީ ރިމާން އެވެ. މި ޕެނަލްޓީ އޭނާއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ޕެނަލްޓީ ގައި ކުޑަހުވަދޫ އަށް ލީޑް ލިބިފައި ވަނިކޮށް އެ ޓީމުގެ ދެވަނަ ޕެނަލްޓީ ފޮނުވާލަން ދިޔައީ މުހައްމަދު އަރީޝްއެވެ. އަރީޝް އަށް ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ބިލެއްދޫ ޓީމުގެ ގޯލު ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ބިލެއްދޫގެ ދެވަނަ ޕެނަލްޓީ އާލިމް މޫސާ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3 އެއްވަރު ކުރިއެވެ.

ކުޑަހުވަދޫ ޓީމުގެ ތިންވަނަ ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. މި ޕެނަލްޓީ ކުޑަހުވަދޫ އައް ކާމިޔާބުކޮށްދިނީ ހާރޫން އިބްރާހިމް އެވެ. ބިލެއްދޫ ޓީމުގެ ތިންވަނަ ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނީސް އަހުމަދު ޒާހިރުއެވެ. މިއާއި އެކު މެޗުގެ ނަތީޖާ ވަނީ 4-4 އެެއްވަރު ވެފައެވެ. އަބްދުލް މުގްސިދް ފޮނުވާލީ ކުޑަހުވަދޫ ޓީމުގެ ހަތަރުވަނަ ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ބިލެއްދޫ ޓީމުން ފޮނުވާލި ހަތަރު ވަނަ ޕެނަލްޓީ ވަނީ ކުޑަހުވަދޫ ޓީމުގެ ކީޕަރު ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލާފައިވަނީ ހުސެއިން ޝަހުމީލްއެވެ. ކުޑަހުވަދޫ ޓީމުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކުރި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކީޕަރު މުުހައްމަދު ޔަމާންއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި، ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލަ ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކުޑަހުވަދޫ ޓީމުގެ ކެޕްޓަން ޖުމެއިލް ޖަމީލްއެވެ.

މި ޒޯނުގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދި ނަމަވެސް ބިލެއްދޫން ވަނީ ނޮކްއައުޓް ސެޓޭޖް ނުވަތަ ގަދަ 16 އިން ޖާގަ ހޯދާފައެވެ. އެއީ ޒޯނު ބުރުގެ އެއްވަނަ އަދި ދެވަނަ އަށްދާ ދެ ޓީމަށް ގަދަ 16 އިން ޖާގަ ލިބޭގޮތަށް އޮންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައްޕޭ ރައްޱާގު

    ނިލަންދޫ މީހުން މޮޔަވާނެ މިހާރު. އެހެން ބަޔަކަށް މޮޅެއް ލިބޭނަމަ ވަރަށް ހަސަދަލާނެ. ބިލަތްދޫ މީހުން ކުރި ހިތަވަރަށް ސާބަސް އަދި މަެުހަބާ ކުޑަހުވަދޫ

    2
    1