ގޯލްޑެން ފުޓްސަލް ޗެލްންޖުގެ ޒޯން 6 ގެ ޗެމްޕިއަންކަން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމުން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދީ ޓާފް ދަނޑުގައި ތ. ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު ޒޯން 6 ގެ ފައިނަލް މެޗު ގަމުން ކާމިޔާބުކޮށްފައި ވަނީ 1-2ގެ ނަތީޖާއަކުންނެވެ. މިއީ ޒޯން ބުރުގެ ގުރޫޕް ސްޓޭޖުގައި ތިމަރަފުށިން ގަން ބަލި ކުރި ނަތީޖާއެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފޯރި ގަދަ ކުޅުމެށް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައި ވަނީވެސް ލ.ގަމު ޓީމުންނެވެ. ފުރަތަމަ ހާފު ފަށައިގެން މާގިނަ އިރުތަކެށް ނުވަނީސް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަމު ޓީމުގެ ޖުނައިދު (ޖެންނަ)އެވެ. މުޅި މެޗުގައިވެސް ޖެންނަގެ ފަރާތުން މޮޅު ކުޅުމެށް ފެނިގެން ދިޔައިރު، ތިމަރަފުށީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއްވެސް ވަނީ ފޮނުވާލާފައެވެ. ލީޑުގައި އޮވެ މެޗު ނިންމާލަން ދަނިކޮށް ތިމަރަފުއްޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނީ އެޓީމުގެ އާދަމް ނަސީހުއެވެ. ގަމުގެ އޭރިޔާގެ އެއްފަރާތުގައި ހުރެ ސީދާ ގޯލަށް ފޮނުވާލި މި ހަމަލާ ގޯލަށް ވަދެފައި ވަނީ ގަމު ޓީމުގެ ޖެންނަގެ ފައިގައި ޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން 6 ގެ ފައިނަލް މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުالله އަބީދު

ދެވަނަ ހާފު ފަށައިގެން ތިމަރަފުށިން ވަނީ ގޯލު ޖެހުމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ލ.ގަމުގެ ކުޅުންތެރިން ހުށިޔާރު ކަމާއި އެކު މި ހަމަލާތައް ދިފާއު ކުރަމުން ދިޔައިރު، ރައްދުގައި ތިމަރަފުށީގެ ގޯލަށްވެސް ގިނަ ހަމަލާތަކެށް ދިޔައީ އަމާޒުކުރަމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުންނަމުން ދިޔަ އަހުމަދު ހަލީމް ލ،ގަމަށް ލީޑު ނަގައިދިނުމެވެ. ތިމަރަފުށީގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސީދަށް ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފުގެ ދިހަ ވަނަ މިނެޓުގައެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ލ. ގަމު ޓީމުގެ ކީޕަރ މުހައްމަދު ލުފްޝާން ހޮވުނު އިރު، ޒޯން 6ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ލ. ގަމު ޓީމުގެ އަހުމަދު ހަލީމްއެވެ. އަދި މިޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ތިމަރަފުށި ޓީމުގެ އިބްރާހިމް ސިނާހުއެވެ.

ކިޔުންތެރިންގެ ހިޔާލު