ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ވިލިމާލޭ އާއި ހިތަދޫ ބައްދަލު ކުރި މެޗު، 0-1ގެ ނަތީޖާއަކުން ހިތަދޫ ބަލިކޮށް ވިލިމާލޭން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ހިތަދޫ ޓީމުން ދިޔައީ ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ފުރިހަމަ ކުރަމުންނެވެ. މާ ގިނަ ހަމަލާތަކެއް އުފެއްދުމުގެ ބަދަލުގައި ހިތަދޫ ޓީމުން ދިޔައީ ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. ހިތަދޫ ޓީމާއި ހިލާފަށް ވިލިމާލޭން ދިޔައީ ލިބޭ ފުރުސަތުތައް ގޯލަށް އަމާޒުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިތަދޫ ކުޅުންތެރިންގެ ހުށިޔާރު ކަމުން ވިލިމާލެއަށް ގޯލަށް އަމާޒު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގެ 7 ވަނަ މިނެޓުގައި ހިތަދޫ ޓީމަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެފުރުސަތުގައި ވިލިމާލޭ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލަން މުހައްމަދު ތިލްމީޒް މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ ދިޔައީ މާ މަތިންނެވެ.

ހިތަދޫ އާއި ވިލިމާލޭ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ހިތަދޫ ޓީމުގެ އެހަމަލާއާއި ގުޅިގެން ވިލިމާލޭ ޓީމުން ވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުލު ފުލުގައި ފޮނުވާލި އެހަމަލާތައް ހިތަދޫގެ ކީޕަރު އައިހަމް ވަނީ ހުއްޓުވާފައެވެ.

0-0ގެ ނަތީޖާއަކުން މެޗުގެ ފުރަތަމަ ހާފް ނިމިފައިވާއިރު، ދެވަނަ ހާފަށް ދެ ޓީމުން ވެސް ނުކުތީ ގޯލެއް ކާމިޔާބު ކުރުމަށެވެ. އެގޮތުން ދެޓީމުން ވެސް ރަނގަޅު ހަމަލާތަކެއް ވަނީ ފޮނުވާފައެވެ.

މެޗުގައި ވިލިމާލޭ ޓީމަށް ގޯލެއް ކާމިޔާބު ކުރެވިފައިވަނީ ހިތަދޫގެ ކީޕަރު އަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި ވިލިމާލޭ ޓީމުގެ ޖޯޒީ ނަންބަރު 77، އިސްމާއީލް ވަޖީހު މަޑު މަޑުން ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހި، ނުހިފެހެއްޓި ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ.

ހިތަދޫ އާއި ވިލިމާލޭ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މުބާރާތުން ހިތަދޫ ޓީމު ވަކިވި ނަމަވެސް ހިތަދޫ ޓީމުން ވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުގެ އަތޮޅު ޗެމްޕިއަންގެ އިތުރުން، ޒޯން ޗެމްޕިއަންކަން ވެސް ހިތަދޫ ޓީމުން ވަނީ ނަގާފައެވެ.

މިނަތީޖާއާއި އެކީ ދެން ވިލިމާލޭ ޓީމުން ސެމީ ފައިނަލުގައި ބައްދަލު ކުރާނީ ޕެނަލްޓީގައި އއ. މަތިވެރި ބަލިކުރި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން، ލ. ގަމާއިއެވެ. މިމެޗު އޮންނާނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 20:15ގައެވެ.

ކިޔުންތެރިންގެ ހިޔާލު