ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލުގެ ތިން ވަނަ މެޗުގައި ޕެނަލްޓީ ޖަހައިން ކުޑަހުވަދޫ ބަލިކޮށް ގާފަރުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒޯން 3 ގެ ޗެމްޕިއަން ކ.ގާފަރާއި ޒޯން 5 ގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ބައްދަލު ކުރި މެޗު ގާފަރުން ކާމިޔާބުކޮށްފައި ވަނީ 2-4ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ އަވަސް އެޓޭކިން ގޭމެކެވެ. ފުލުފުލުގައި ދެ ޓީމުންވެސް ގޯލަށް ނުރައްކާ ކުރަމުންދިޔަ އިރު، މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ހަގާފައިވަނީ ގާފަރު ޓީމުންނެވެ. ކުޑަހުވަދޫގެ ގޯލު އޭރިޔާ އެއްފަރާތުގައި ހުރެ ސީދާ ގޯލަށް ފޮނުވާލައިގެން މެޗުގެ 8ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެށް ދައްކަމުން އަންނަ އިބްރާހިމް ރިމާހުއެވެ. ޒޯން 3 ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން ޒޯން 3ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ރިމާހު ވަނީ ހޯދާފައެވެ.

ގާފަރާއި ކުޑަހުވަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ގާފަރުން މެޗުގައި ގޯލު ޖަހާ ލީޑު ނަގާފައި ވަނިކޮށް ކުޑަހުވަދޫގެ އަރީޝް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއި އެކު ކުޑަހުވަދޫއަށް ވަނީ މެޗުގައި އިތުރު ހިތްވަރެށް ލިބިގެން ގޮސްފައެވެ. މި ނަތީޖާގައި މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފަށް ދެޓީމުންވެސް ނިކުމެފައި ވަނީ އިތުރު ހިތްވަރަކާއި އެކު މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށެވެ.

ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓިގައި ކުޑަހުވަދޫއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ގާފަރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސީދާ ގޯލަށް ފޮނުވާ ލައިގެން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖުމައިލްއެވެ. ދެ ޒޯންގެ ޗެމްޕިއަނުން ފަރާތުން ފޯރި ގަދަ ކުޅުމެށް ފެނިގެން ދިޔަ އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގާފަރުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ގާފަރަށް ކާމިޔާބުކޮށްދިނީ އަލީ މާއިސްއެވެ.

ގާފަރާއި ކުޑަހުވަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މެޗުގެ ނަތީޖާ އެއްވަރު ވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ކުޑަހުވަދޫއިން ޖެހި އެއްވެސް ޕެނަލްޓީއެށް ކާމިޔާބު ނުކުރެވުނު އިރު، ގާފަރުން ވަނީ ދެ ޕެނަލްޓީއެށް ކާމިޔާބުކޮށްފައެވެ. ގާފަރުގެ ދެ ޕެނަލްޓީއެށް ކުޑަހުވަދޫ ކީޕަރު ދިފާއު ކުރި އިރު، ކުޑަހުވަދޫގެ ދެ ޕެނަލްޓީވެސް ގާފަރުގެ ކީޕަރ ވަނީ ދިފާއުކޮށްފައެވެ. އަދި ދެ ޕެނަލްޓީއެށް ގޯލާއި އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

ސެމީ ފައިނަލުގައި ގާފަރުން ނިކުންނާނީ ވަރުގަދަ ތިމަރަފުށި ބަލިކޮށް ސެމީގެ ޖާގަ ހޯދި ބ. އޭދަފުށި ޓީމާއެވެ.

ކިޔުންތެރިންގެ ހިޔާލު