މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި މިރޭ ބ. އޭދަފުއްޓާއި، ތ. ތިމަރަފުށި ބައްދަލު ކުރި މެޗު، ޕެނަލްޓީން އޭދަފުށި ކާމިޔާބު ކޮށްފިއެވެ. ތިމަރަފުށި ބަލިކޮށް އޭދަފުށިން މެޗު ކާމިޔާބު ކޮށްފައިވާއިރު، ތިމަރަފުއްޓަކީ މިމުބާރާތުގެ ތަށި ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާ ޓީމެއްކަން ފާހަގަ ކޮށްލެވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފުރަތަމަަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އޭދަފުށި ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭދަފުށި ޓީމުގެ ކައުންޓަރ އެޓޭކެއްގައ މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

ފުރަތަމަ ގޯލު ޖަހާ މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

އޭދަފުއްޓާއި ތިމަރަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ގިނަ ހަމަލާ ތަކެއް އުފައްދާ ގޯލެއް ޖެހޭތޯ ތިމަރަފުށި ޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ތިމަރަފުށި ޓީމުން ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. އޭދަފުށި ޓީމުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތީ ހުރެ ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ތިމަރަފުށި ޓީމަށް ކާމިޔާބުކޮށްދިނީ އަފްލާޒް އެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާ އަކުން އޭދަފުށި ޓީމު ކުރީގައި އޮވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމުން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

އޭދަފުށި ޓީމުން 3 ވަނަ ގޯލެއް ޖަހާ މާ ގިނައިރުތަކެއް ނުވަނީސް ތިމަރަފުށި ޓީމުން އަނެއްކާވެސް ގޯލެއް ޖަހާ މެޗުގެ ފަރަގު ކުޓަކުރިއެވެ. ހަމްދާން ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ތިމަރަފުށި ޓީމަށް ކާމިޔާބުކޮށް ދިނީ މުނީޒް އެވެ.

މެޗު ނިމެން ފަސްމިނެޓަށް ވެފައިވަނިކޮށް ތިމަރަފުށި ޓީމުން ގޯލެއް ޖަހާ މެޗުގެ ނަތީޖާ 3-3 އިން އެއްވަރު ކުރިއެވެ. އޭދަފުށި ޓީމުގެ ޕެނަލްޓީ އޭރިޔާގެ ރޮނގުކައިރިން ތިމަރަފުށި ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލީ ސިނާހް އެވެ.

އޭދަފުއްޓާއި ތިމަރަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 ގެ ސްކޯއަކުން އަކުން ދެ ޓީމު އެއްވަރު ވެފައިވާތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ގުރުއަތުން ދިމާވެގެން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އޭދަދުށި ޓީމުންނެވެ. އަލީ ފާސިރު (ސެންޓޭ) ވަނީ މި ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އަދި ތިމަރަފުށި ޓީމުގެ ފުރަތަމަ ޕެނަލްޓީ އާދަމް ނާސިހް ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އާދަފުށި ޓީމުގެ ދެވަނަ ޕެނަލްޓީ ފޮނުވާލީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މި ޕެނަލްޓީ ކާމިޔާބު ކުރެވޭ ފޮތެއް ނުވިއެވެ. ތިމަރަފުށި ޓީމުގެ ދެވަނަ ޕެނަލްޓީ އިބްރާހިމް ސިނާހް ވަނީ ކާމިޔާބުކޮށްފައެވެ.

އޭދަފުށި ޓީމުގެ ތިންވަނަ ޕެނަލްޓީ ވަނީ ސޮބީ ގޯލު ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރިއެވެ. އަބްދުﷲ ޒިޔާން ވަނީ ތިމަރަފުށި ޓީމުގެ ތިންވަނަ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭދަފުށި ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ހައިޝަމް ވަނީ ކާމިޔާބުކޮށްފައެވެ. ތިމަރަފުށި ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އިބްރާހިމް އަސްވަދު (ގަބޭ) ވަނީ ކާމިޔާބުކޮށްދީފައެވެ. އޭދަފުށި ޓީމުގެ ފަސްވަނަ ޕެނަލްޓީ އިބްރާހިމް ޝަރީފް ކާމިޔާބުކުރި އިރު ތިމަރަފުށި ޓީމުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

އޭދަފުށި ޓީމުން މިއަންނަ ހޯމަ ދުވަހު ސެމީ ފައިނަލް ގައި ނިކުންނާނީ ގާފަރު ޓީމާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި މީހާ

    މިވަރުގެ ފޯރިގަދަ މުބާރާތެއް ކުރިއަށް ދާއިރު އެއްވެސް މެޗެއް ޓީ. ވީ ޗެނެލަކުން ލައިވް ކޮށް ބަލާލުމުގެ ފުރުސަތު ރާއްޖޭގެ އެކިރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ނުލިބޭ ކަމީ ފުޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ މީހެއްގެ ހައިސިއްޔަތުން ވަރަށް ދެރަވާ ކަމެއް. މިކަމަށް ރަނގަޅު ޙައްލެއް މިހާރުގެ ކުޅިވަރާއި ބެހޭ ވަޒީރު ގެނެސް ދެއްވައިފިއްޔާ ވަރަށް ރަނގަޅު. ( ވަގުތު ނޫސް މެދުވެރިވެ މިކޮމެންޓް ކަމާއިބެހޭ ވަޒީރަށް ޙިއްސާ ކޮށް ދެއްވުން އެދެން.)

  2. ރަމީޒު

    ސިޔާ ސީމީހެއް ފޮޑިއެއް ޖެހިޔަސް ލައިވްގަ ދައްކާނެ