އިނގިރޭސި ވިލާތުގެ ކުރީގެ ކޯޗު އަދި ލިވަޕޫލަށް ކުޑައިރުއްސުރެ ސަޕޯޓު ކުރަމުން އައި ޔޯރަން އެރިކްސަންގެ ހުވަފެނަކީ ލިވަޕޫލަށް ކޯޗުކަން ކޮށްދިނުން ކަމުގައި އޭނާ ބުނެފައި ވަނިކޮށް އެ ފުރުސަތު ލިވަޕޫލުން އޭނާއަށް ދީފިއެވެ.

ކެންސަރު ޖެހި އޭގެ އެންމެ ފަހު ސްޓޭޖުގައި ހުރި ކަމަށް މިދިޔަ ޖަނަވަރީ މަހު އިއުލާން ކުރި އެރިކްސަން އަށް އޭނާގެ ހުވަފެނުގައި ކުލަ ޖައްސާލުމަށް ލިވަޕޫލުން ފުރުސަތު ދިނީ އިއްޔެ ކުޅެވުނު ޗެރިޓީ މެޗެއްގައެވެ. އަޔަކްސްގެ ކުރީގެ ކުޅުންތެރިންނާއި ލިވަޕޫލުގެ ކުރީގެ ކުޅުންތެރިން ކުޅުނު މި މެޗުގައި އެރިކްސަންއަށް ވަނީ ޓީމުގެ ހެޑް ކޯޗުކަން ކުރުމުގެ ފުރުސަތު ލިވަޕޫލުން ދީފައެވެ.

ލިވަޕޫލުގެ ލެޖެންޑް ޖަރާޑް އަދި އެރިކްސަން

އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގައިވެސް އެރިކްސަން ކޯޗުކަން ކޮށްދިން ޖަރާޑުގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅެވުނު މި މެޗު ލިވަޕޫލުން ވަނީ 4-2 އިން ކާމިޔާބުކޮށްފައެވެ. ޖަރާޑުގެ އިތުރުން މި މެޗުގައި ވަނީ ލިވަޕޫލުގެ ލެޖެންޑު ޓޮރޭސް ވެސް ބައިވެރިވެފައެވެ. އަދި އޭނާ ވަނީ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ.

މެޗަށް ފަހު އެރިކްސަން ބުނީ އެ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށާއި ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިއްޖެ ކަމަށެވެ. އަދި ވަރަށް އުފާވެއްޖެ ކަމަށް އޭނާ ބުންޏެވެ. މެޗާއި ދޭތެރޭ އޭނާ ބުނީ ފުރަތަމަ ހާފުގައިވެސް އަދި ދެވަނަ ހާފުގައިވެސް މޮޅު ކުޅުމެއް ދެއްކީ އޭނާގެ ޓީމުން ކަމަށެވެ.

ލިވަޕޫލުގެ އަދި އަޔަކްސްގެ ލެޖެންޑުން ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗަށް ފަހު ޓީމުގެ ކެޕްޓަންކަން ކުރި ޖަރާޑު ބުނީ އެރިކްސަންގެ ޖާދޫ އަދިވެސް އެބަހުރި ކަމަށާއި ފުރަތަމަ ހާފުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ޓީމަށް ކިޔައިދީ ގެންނަން ޖެހޭ ބަދަލުތަކެއް ދެވަނަ ހާފުގައި ގެނެސް މެޗުން މޮޅުވެވުނީ އެރިކްސަންގެ މޮޅު ކަމުންކަމަށެވެ.

އެރިކްސަން ވަނީ ފާހަގަ ކޮށްލެވޭ މަޝްހޫރު ކުލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން ރޯމާއާއި ބެންފީކާ އާއި ލާޒިއޯ އަދި މެންޗެސްޓަރ ސިޓީއަށް އޭނާ ކޯޗުކަން ކޮށްދިނެވެ. މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމާއި މެކްސިކޯ އާއި އައިވަރީ ކޯސްޓު އަދި ފިލިޕީންސްގެ ގައުމީ ޓީމަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ.

ޔޯރަން އެރިކްސަން އަށް ކެންސަރުގެ ބަލި ޖެހި އޭގެ އެންމެ ފަހު ސްޓޭޖުގައި ވާއިރު އޭނާގެ އެންމެ ފަހުގެ އެދުން ކަމުގައިވި ކަންތައް އޭނާއަށް ހާސިލްކުރެވިއްޖެއެވެ. ލިވަޕޫލުން މި ދައްކުވައިދިނީ ފުޓުބޯޅަ ދުނިޔޭގެ ރިވެތި ނަމޫނާ މިސާލެކެވެ. މިފަދަ އެތައް މިސާލުތަކެއް ފުޓުބޯޅައިގައި ފެންނަމުން އަންނައިރު މުޅި ދުނިޔޭގައިވެސް އެންމެ މަޝްހޫރު ކުޅިވަރަކަށް ފުޓުބޯޅަ ވެފައިވަނީ މިފަދަ ރިވެތި ނަމޫނާ މިސާލުތަކެއް ފެނިގެންދާތީއޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ.