ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކުރިކެޓް ކާނިވާލް ސީނިއަރ އަންހެން ޑިވިޝަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ލޮޓަސް ކްރިކެޓް ޓީމުން ހޯދައިފިއެވެ.

ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގެ ސީނިއަރ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި މިއަދު ލޮޓަސް ކްރިކެޓް ޓީމާއި މިލާން ކްރިކެޓް ޓީމު ބައްދަލުކުރި މެޗުގައި ޓޮސް ލިބިގެން ލޮޓަސް ޓީމުން ގަސްތުކުރީ ކުޅެން އަރާށެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް-މިލާން ޓީމްގެ ލުޔޫނާ އުކަނީ ފޮޓޯ: މުހައްމަދު އަޒީލް

ލޮޓަސް ކްރިކެޓް ޓީމުން ކުޅެންއަރާ އެއްވެސް ކުޅުންތެރިއަކު ނުބައި ނުވެ 114 ލަނޑު ހެދިއެވެ. ލޮޓަސް ޓިމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 26 ލަނޑު ހެދި ހަފްސާ އަބްދުﷲ އެވެ. މިލާން ކްރިކެޓް ޓީމުން އެެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 އޯވަރު އުކި މަރިޔަމް ލުޔޫން އެވެ.

ޖަވާބުގައި މިލާން ކުރިކެޓް ޓީމުން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ހެދުނީ 89 ލަނޑެވެ. މިލާން ކްރިކެޓް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 12 ލަނޑުހެދި މައިޔަން ލުޔޫނާ އެވެ. ލޮޓަސް ޓީމުން އެންމެ ރަނގަޅަށް އުކީ 9 ލަނޑަށް 2 ވިކެޓް ނެގި ހަފްސާ އަބްދުﷲ އެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް- ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ހަފްސާ އަބްދުﷲ ކުޅެނީ ފޮޓޯ: މުހައްމަދު އަޒީލް

ލޮޓަސް އާއި ކުރިކެޓް ބޯޑު އޮފް މޯލްޑިވެސްގެ އެހީތެރިކަމާއި އެކު ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކުރިކެޓް ކާނިވަލްގެ މިއަދު ކުޅެވުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮޓަސް ކްރިކެޓް ޓީމުގެ ހަފްސާ އަބްދުﷲ އެވެ. މޮޅު ކުޅުންތެރިޔާގެ އިނާމް ހުށައަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރު އެވެ.

މި މުބާރާތުގެ ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާ ހަފްލާގައެވެ.

މި މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ފައިނަލްގައި ވާދަކުރާނީ ބަނގްލާ ބެސްޓް ސިކްސް ޓީމާއި ސޮނީހާޑުވެއާ ކްރިކެޓް ޓީމެވެ. މާދަމާގެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

މި މުބާރާތުގެ މީޑިއަރ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.