އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޖޭކޭ ސްޕޯޓްސް ކުލަބް އަދި ޒެފްރޯލް ގޯޅި ވާދަކުރި މެޗު ފަސޭހަކަމާއި އެކު ޖޭކޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ޒެފްރޯލް ގޯޅި ކައިރިން ބޭރުން ކުޅުނު ޖޭކޭ ސްޕޯޓްސް ކުލަބް ވަނީ މި ގޭމު ކާމިޔާބުކޮށްފައެވެ. ފަސޭހަކަމާއި އެކު ޖޭކޭ ސްޕޯޓްސް ކުލަބް މި ގޭމުގައި ރޭވުންތެރިކަމާއިއެކު މި ގޭމުގައި ބޭރުން އަރަމުން ދިޔައިރު ޒެފްރޯލް ގޯޅިއަށް މި ގޭމުގައި އެތޭން މާ މޮޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ގޭމު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ޖޭކޭ ސްޕޯޓްސް ކުލަބުން ވަނީ ގޭމު އެ ޓީމު ކޮޅަށް އަނބުރާލާފައެވެ. މި ގޭމު ޖޭކޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 6-7 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ޖޭކޭ ސްޕޯޓްސް ކުލަބް އަދި ޒެފްރޯލް ގޯޅި ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ދެވަނަ ގޭމުގައި ބޭރުން އަރަމުންދިޔަ ޒެފްރޯލް ގޯޅިއަށް އެތެރޭން ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. މި ގޭމުގައިވެސް ޖޭކޭ ސްޕޯޓްސް އެތެރެއިން ކުޅެމުންދިޔައީ މުޅި ޓީމު އެއްކޮށް ރޭވުންތެރިކަމާއި އެކުއެވެ. ފަސޭހަ ކަމާއިއެކު ޖޭކޭ ސްޕޯޓްސް ކުލަބުން މި ގޭމު ކާމިޔާބުކުރިއިރު ބޭރުން އަރަމުންދިޔަ ޒެފްރޯލް ގޯޅިއަށް މި ގޭމުގައި ނުބައިކުރެވުނީ އެތެރޭން ކުޅެމުން ދިޔަ ޖޭކޭ ސްޕޯޓްސް ކުލަބްގެ 2 ކުޅުންތެރިންނެވެ. މި ގޭމު ވަގުތު ހަމަވެގެން ދިޔައީ 2-15 އިން ޖޭކޭ ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޖޭކޭ ސްޕޯޓްސް ކުލަބް އަދި ޒެފްރޯލް ގޯޅި ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޭކޭ ސްޕޯޓްސް ކުލަބްގެ އިސްމާއިލް ޝާރިހު އެވެ.

އެމްޓީސީސީ ބައިބަލާ :ޖޭކޭ ސްޕޯޓްސް ކުލަބް އަދި ޒެފްރޯލް ގޯޅި ބައްދަލް ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ޝާރިހު— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.