އިންގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި ލިވަޕޫލް ވާދަކުރި މެޗު 0-2 ގެ ނަތީޖާއަކުން އެވަޓަން ކާމިޔާބުކޮށް ލިވަޕޫލް ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާ އަކުން ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ގޯލު އެވަޓަން އިން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގައި 16 ވަނައިގައި އޮތް އެވަޓަންއިން ތާވަލްގެ 2 ވަނައިގައި އޮތް ލިވަޕޫލް ކޮޅަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ޖެރާޑް ބެރެންތްވައިޓް ފޮނުވާލި ބާރު ބޯޅަ ކީޕަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކީޕަރުގެ ގައިގާ ޖެހި ގޯލު ތެރެއަށް ވަތް ބޯޅަ ގޯލު ތެރެއަށް ވައްދާލާ މެޗުގައި ފުރަތަމަ ފަހަރަށް އެވަޓަން އިން ލީޑު ނެގިއެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ލިވަޕޫލް އިންވެސް ވަނީ އެވަޓަންގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.

ލީގު ހޯދުމުގެ ރޭހުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ އާއި އެކު ވާދަކުރަމުން އަންނަ ލިވަޕޫލް އަށް ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ހުރަސް ތަކެއް ކުރިމަތިވެގެން ދިޔައީ އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި އެވަޓަން އިން އިތުރު ގޯލެއް ޖަހާ މެޗުގެ ލީޑު ފުޅާ ކުރުމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ހާފުގައި އެވަޓަން އަށް ލިބުނު ކޯނަރަކުން އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްފައެވެ. ޑްވައިޓް މެކްނެއިލް ނަގާދިން ކޯނަރު ބޮލުން ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަލްވާޓް ލެވިން އެވެ.

އެވަޓަންއިން ދެ ގޯލުގެ ލީޑެއް މެޗުގައި ނެގިނަމަވެސް ލިވަޕޫލް އިން ދިޔައީ ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިވަޕޫލް އަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ލިވަޕޫލްގެ އިތުބާރު ފޯވާޑު ސަލާހު ފޮނުވާލި ގިނަ ހަމަލާތަކެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ހުޝިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމުގެ ރޭހުގެ ފޯރި ގަދަވެފައި ވާއިރު މިވަގުތު ތާވަލްގެ އެއްވަނައިގަ އޮތް އާސެނަލް އަށް ކުޅުނު 34 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ. އާސެނަލްގެ ފަހަތުން ދެވަނައިގައި އޮތް ލިވަޕޫލް އަށް ކުޅުނު 34 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. އަދި އާސެނަލް އާއި ލިވަޕޫލް އަށްވުރެން ދެ މެޗު ފަހަތުގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 73 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ވާދަކުރާނީ ތާވަލްގެ 3 ވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީ އާއި ތާވަލްގެ 11 ވަނައިގައި އޮތް ބްރައިޓަން އެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.