އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމަށް އަދިވެސް އަރަންޖެހޭ ފަރުބަދަ އެބަހުރިކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އާދިއްތަ ދުވަހު ލީގުގައި ނޮޓިންހަމް ފޮރެސްޓް ގެ މައްޗަށް 0-2 ގެ ނަތީޖާ އަކުން ކުރި ހޯދި މެޗުގެ ފަހުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނިގޮތުގައި މިވަގުތު ޓޭބަލްގެ އެއްވަނައިގައި އޮތް އާސެނަލް އަށް ޕްރެޝަރ ބޮޑު ކުރި ނަމަވެސް ލީގު ހޯދުމަށް އަދިވެސް ސިޓީ އަރަންޖެހޭ ފަރުބަދަ އެބަހުރި ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމުގެ ރޭހުގެ ފޯރި ގަދަ ވެފައިވާއިރު ޓޭބަލްގެ އެއްވަނައިގައި އޮތް އާސެނަލް އަށްވުރެން އެއް މެޗު މަދުންކުޅެފައިވާ މެންޗެސްޓަރ ސިޓީ އަށް މިވަގުތު ޓޭބަލްގެ ދެވަނަ ލިބެނީ ކުޅުނު 34 މެޗުން ލިބުނު 79 ޕޮއިންޓާއި އެކުގައެވެ. އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއި އެކުއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި 4 މެޗު ބާކީ އޮތްއިރު ސިޓީ އިން އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާ އަކުން ކާމިޔާބުކުރިއިރު އާސެނަލް އާދިއްތަ ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗު އާސެނަލް އިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ހަތަރު ވަނަ ފަހަރަށް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިތުރަށް ބުނި ގޮތުގައި އާސެނަލް މިހާރު ނެރެމުން އެދާ ނަތީޖާ ތަކާއިއެކު އެ ޓީމުން އިތުރު ޕޮއިންޓެއް ގެއްލުވާލާނެހެނެއް ހިޔެއް ނުވެއެވެ. އެހެންކަމުން ސިޓީ އިން ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ބޮޑުކަމަށް ގާޑިއޯލާ ފާހަގަ ކުރިއެވެ.

"އަހަރުމެންވެސް ބޭނުން ވަނީ އާސެނަލް މެޗަކުން ބަލިވާން، އެކަމަކު އަހަރުމެނަށް އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް، އެމީހުން ހޯދާ ނަތީޖާތައްވެސް ރަނގަޅު، އެހެންކަމުން އަހަރުމެން ކުރަންޖެހޭ ކަންތައް އަހަރުމެންނަށް އިނގޭ، އަދިވެސް އަރަން ހުރި ފަރުބަދަ އެބަހުރި"

މެންޗެސްޓަރ ސިޓީ އިން މިއަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ވޮލްވްސް އާއި ދެކޮޅަށެވެ. އަދި އާސެނަލް ބުރާސްފަތި ދުވަހު ނިކުންނާނީ މިވަގުތު ޓޭބަލްގެ 10 ވަނައިގައި އޮތް ބޯންމޮއުތް އާއި ދެކޮޅަށެވެ.