ޖޯޖީނިއޯ އާއި އާސެނަލް އާއި ދެމެދު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ހަމަވާއިރު އިތުރު ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް 'ދަ އެތުލެޓިކް' އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން ކުލަބާއި ޖޯޖީނިއޯ އާއި ދެމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް އެއީ ކިހާ ދުވަހަކަށް ހަދާ އެއްބަސްވުމެއް ކަމެއް ނޭނގޭ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

މިދިޔަ ސީޒަނުގައި ވާދަވެރި ޗެލްސީ އިން އާސެނަލަށް ބަދަލުވި ޖޯޖީނިއޯ އަކީ އާސެނަލްގެ ކޯޗު މައިކަލް އާޓެޓާގެ އެންމެ ފޭވަރިޓް އެއް ޕްލޭޔަރެވެ. އޭނާ އަކީ ތަޖުރިބާ ހުރި މޮޅު މިޑްފީލްޑަރެކެވެ. މީގެ ކުރިން އިޓަލީގެ ނަޕޯލީ އަށާއި އިނގިރޭސި ކުލަބު ޗެލްސީ އަށް ވެސް ޖޯޖީނިއޯ ކުޅެފައިވެއެވެ.

މިހާތަނަށް އޭނާ އާސެނަލަށް 37 މެޗު ކުޅެފައިވާ އިރު 19 މެޗުގައި އޭނާ ވަނީ ފުރަތަމަ 11 އިން ޖާގަ ހޯދާފައެވެ. ނަމަވެސް މުހިއްމު މެޗުތަކުގަ އާއި ކުޅުންތެރިންނަށް ރެސްޓް ދޭން ޖެހޭ ހާލަތްތަކުގައި މައކިަލް އާޓެޓާ އަންނަނީ ޖޯޖީނިއޯގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުންނެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް މެޗުތަކުގައި އާސެނަލަށް ކެޕްޓަން ކަން ވެސް ކޮށްދީފައެވެ.

ޖޯޖީނިއޯ އާސެނަލްގައި މަޑު ކުރަނީ -- ފޮޓޯ: ގޯލް.ކޮމް

ޖޯޖީނިއޯ އަށް ތައުރީފު ކުރަމުން އާޓެޓާ ބުނެފައިވަނީ، ޖޯޖީނިއޯ ގާތު މެޗެއްގައި ނުކުޅެ މަޑުކުރަން ބުނެފިނަމަ ނުވަތަ ބާކީ އެއްމިނެޓު އިންދާ ކުޅެން އަރަން ބުންޏަސް އޭނާ އެއްވެސް ޝަކުވާއެއް ނުކޮށް އެކަމެއް ކޮށްލާކަމަށެވެ. ނުވަތަ މެޗެއް އެއްކޮށް ކުޅެން ޖެހުނަސް އޭނާ ކުޅޭނެ ކަމަށް އާޓެޓާ ބުންޏެވެ. މީގެ އިތުރުން އާޓެޓާ ބުނީ ޖޯޖީނިއޯ ފަދަ ތަޖުރިބާ ހުރި ހުނަރުވެރި މޮޅު މިޑްފީލްޑަރެއް އާސެނަލަށް ލިބުމަކީ އެ ޓީމުން އުފާ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

20 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އުއްމީދުގައި އާސެނަލް އޮތް އިރު އާސެނަލް އަށް އެކަން ކާމިޔާބު ވާނީ މެންޗެސްޓާ ސިޓީ މެޗަކުން ބަލިވެއްޖެނަމައެވެ. މިހާތަނަށް އާސެނަލް އިން މެންޗްސްޓަރ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގައި އޮތީ އެއްވަނައިގައެވެ.