އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗު ރެންގްނިކް އަށް ބަޔާން މިއުނިކް އިން ހުށަހެޅި ހުށައެޅުން ދޫކޮށްލާ އޮސްޓްރިއާގެ ގައުމީ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް އާއި ލެއިޕްޒިގް އަށްވެސް ކޯޗުކަން ކޮށްދީފައިވާ 65 އަހަރުގެ ރަލްފް ރެންގްނިކް އޮސްްޓްރިއާގެ ގައުމީ ޓީމުގައި މަޑުކުރާނެކަން ރެގްނިކްގެ އިތުރުން އޮސްޓްރިއާގެ ފުޓްބޯލް ފެޑެރޭޝަން އިންވެސް ވަނީ ހާމަކޮށްފައެވެ.

ބަޔާން މިއުނިކްގެ މިހާރުގެ ކޯޗު ތޯމަސް ޓުޗޭލް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން އިއުލާން ކުރުމާއިއެކު ބަޔާން މިއުނިކް އިން ވަނީ ރަނގަޅު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޖަރުމަނުގެ މީޑިއާތަކުން މިދިޔަ ހަފްތާގައި ރިޕޯޓް ކޮށްފައިވާގޮތުން ރެގްނިކް އާއި އެކު ބަޔާންއިން އެއްބަސްވުމަކަށް އަންނަން އޮތީ ތައްޔާރުވެފައެވެ. އެހެންނަމަވެސް އޮސްޓްރިއަން އެފްއޭއިން ނެރުނު ބަޔާނުގައި ރެގްނިކް އާއި ހަވާލާދީ ބުނެފައިވާގޮތުން އޭނާ އޮސްޓްރިއާގެ ގައުމީ ޓީމުގައި މަޑު ކުރާނެއެވެ.

ބަޔާން މިއުނިކް އިން ކޯޗެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މީގެ ކުރިން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ނަގެލްސްމަން ހޯދަންވެސް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ނަގެލްސްމަންވެސް ވަނީ ބަޔާން މިއުނިކްގެ ހުށައެޅުން ދޫކޮށްލާ ޖަރުމަނުގެ ގައުމީ ޓީމުގައި މަޑުކުރަން ނިންމާފައެވެ.

މީގެކުރިން 11 ފަހަރު ޖަރުމަނު ލީގުގެ ތަށި ހޯދާފައިވާ ބަޔާން މިއުނިކް އަށް މި އަހަރުގެ ޖަރުމަނު ލީގުގެ ތަށި ވަނީ ގެއްލިފައެވެ. މިއަހަރުގެ ޖަރުމަނުލީގުގެ ތަށި ލީގުގައި ފަސްމެޗު ކުރިއަށް އޮއްވާ ބަޔާން ލެވަކޫސަން އިން ވަނީ ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު ވަނީ ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި އެއްވަރު ކޮށްފައެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާ ހިމެނެނީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕުގައި އޮސްޓްރިއާގެ އިތުރުން ދެން ހިމެނެނީ ފްރާންސް އާއި ޕޮލެމްޑްގެ އިތުރުން ނެދަލެންޑްސް އެވެ. މި މުބާރާތުގައި އޮސްޓްރިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ފްރާންސް އާއި ދެކޮޅަށެވެ.