އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑު ގެބްރިއަލް ޖީސަސް މި ސީޒަނަށް ފަހު އެ ކުލަބުން ބޭރުކޮށްލާނެ ކަމުގެ އަޑު ފެތުރެން ފަށައިފިއެވެ.

2022 ވަނަ އަހަރުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓަރ ސިޓީން އާސެނަލަށް ބަދަލުވި ޖީސަސް ފުރަތަމަ އާސެނަލަށް ބަދަލުވެ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ޓީމަށް ޕްރިމިއާ ލީގުގައި ބާކީ އޮތް ތިން މެޗަކީ އެ ޓީމަށް ވަރަށް މުހިއްމު ތިން މެޗަށް ވާއިރު ޖީސަސް އަނިޔާއަށް ފަހު ފެނިގެންދަނީ ބެންޗުންނެވެ. އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ ޖީސަސްގެ ބޭނުން އާސެނަލަށް ނުހިފޭތީ އެ ޓީމުން އޭނާ ވިއްކާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގެބްރިއަލް ޖީސަސްގެ ބަދަލުގައި އާސެނަލް އިން ނިއުކާސަލްގެ އެލެކްސަންޑަރ އިސާކާއި ބްރެންޓްފޯޑުގެ އިވާން ޓޯޯނީ އަށް ކަޅި އަޅަމުން އަންނަ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި އެބަހުއްޓެވެ. މީގެ އިތުރުން އާރްބީ ލެއިޕްޒިގަށް ކުޅެމުން އަންނަ ބެންޖަމިން ސެސްކޯ އަދި ސްޕޯޓިންގ ސީޕީގެ ފޯވާޑު ވިކްޓަރ ގިއޮކާސް އަކީވެސް ޖީސަސްގެ ބަދަލުގައި އާސެނަލް އިން ގެނެސްދާނެ ބައެއް ކުޅުންތެރިން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ައާސެނަލް އިން ގެބްރިއަލް ޖީސަސް ދޫކޮށްލަނީ -- ފޮޓޯ: ފުޓްބޯލް ލަންޑަން

އާސެނަލް އިން ރަނގަޅު އޮފާ އެއް ޖީސަސް ގަންނަން ލިބިއްޖެނަމަ އޭނާ ވިއްކާލަން ނިންމާފައިވާ އިރު ޖީސަސް ދިޔުން އެންމެ ގާތީ އޭސީ މިލާން، ބާސެލޯނާ ނުވަތަ ޗެލްސީގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް ކަމަށް 'ދަ އެތުލެޓިކް' ގައި ރިޕޯޯޓުކޮށްފައިވެއެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މީގެ ކުރިންވެސް ޗެލްސީން އޭނާ ގަތުމަށް މަސައްކަތް ކޮށްފައިއެވެ. ނަމަވެސް ޖީސަސް އެފަހަރު ބަދަލުވީ އާސެނަލަށެވެ.

ގެބްރިއަލް ޖީސަސް ވަނީ އާސެނަލަށް ދެ ސީޒަނުގައި ޖުމްލަ 50 މެޗު ކުޅެދީފައެވެ. މި 50 މެޗުގައި 15 ގޯލު އޭނާ ވަނީ އެ ޓީމަށް ކާމިިޔާބުކޮށްދީފައެވެ. މީގެ އިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖީސަސް ވަނީ އާސެނަލަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މި ވަގުތު އާސެނަލް އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އިރު ކުރިއަށް އޮތް ތިން މެޗަކީ އެ ޓީމަށް ވަރަށް މުހިއްމު ތިން މެޗެވެ. ވާދަވެރި މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގަކީ އެންމެ ޕޮއިންޓެކެވެ. އާސެނަލް އިން ސިޓީ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައިވެއެވެ.