އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، އާސެނަލް އިން ލީގުގެ ތަށި ލިބޭ ޓީމު ކަނޑައެޅުން އެންމެ ފަހު ދުވަހަށް ދަންމާލައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު އާސެނަލް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު އާސެނަލް އަނެއްކާ ވެސް އޮތީ އެއްވަނައިގައެވެ. އެއީ ކުޅުނު 37 މެޗުން ލިބުނު 86 ޕޮއިންޓާ އެކުގައެވެ. އާސެނަލަށް ފައިދާ ގޯލްގެ ގޮތުގައި 61 ގޯލް ލިބިފައިވެއެވެ.

އިނގިރޭސި ޕްރިމިއަ ލީގު ހޯދުމުގެ ރޭހުގެ ފޯރި ގަދަވެފައިވާއިރު، އާސެނަލް އަށް ޓޭބަލްގެ އެއްވަނަ ލިބެނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ. ސިޓީ އަށް 36 މެޗުން ލިބެނީ 85 ޕޮއިންޓެވެ. ސިޓީ އަށް ބާކީ ދެ މެޗު އޮތް އިރު އާސެނަލް އަށް އޮތީ އެންމެ މެޗެކެވެ.

މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑްއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މުހިންމު ގިނަ ގުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ނުކުޅެވުނު މި މެޗުގައި އެ ޓީމުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ނަމަވެސް އެ ޓީމަށް އާސެނަލްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ. އަދި މީގެ އިތުރުން އާސެނަލްގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު އޮނާނާ ވަނީ ދިފާއުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު ޖެހިޖެހިގެން 4 ވަނަ ފަހަރަށް ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރަމުން އަންނަ މެންޗެސްޓާ ސިޓީއަށް ވެސް ކުރިއަށް އޮތް ދެ މެޗުންވެސް މޮޅުވުން މުހިންމެވެ. މެންޗެސްޓާ ސިޓީ އަށް ކުރިއަށް އޮތީ އަންގާރަ ދުވަހުގެރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޭގެ ފަހުން ލީގުގެ ފަހު މެޗުގައި މި މަހުގެ 19 ވަނަދުވަހު މެންޗެސްޓާ ސިޓީ އިން ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށީގައި އަތް ނުލެވޭތާ 20 އަހަރު ވެފައިވާއިރު އާސެނަލްގެ މި ސީޒަންގެ އުންމީދަކީ މި އަހަރުގެ ތަށި ހޯދުމެވެ. އާސެނަލް އަށް ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އާސެނަލް އަށް ލީގު ލިބެން އޮތީ އެ މެޗުން މޮޅުވެ، ސިޓީ އަށް ޕޮއިންޓްތަކެއް ގެއްލިގެންނެވެ.