އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމްއާ ބައްދަލު ކުރާ މެޗުގައި ޓޮޓެންހަމުން، ސިޓީ އަށް "ގޮތެއް ހަދާފާނެ" ކަމުގެ އުންމީދު އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ލީގުގައި ތާވަލަށް މިވަގުތު ބަލާއިރު، ކުޅުނު 37 މެޗުން ލިބުނު 86 ޕޮއިންޓާއެކުގައި ތާވަލްގެ އެއްވަނައިގައި އޮތީ އާސެނަލްއެވެ. ދެވަނައިގައި ކުޅުނު 36 މެޗުން ލިބުނު 85 ޕޮއިންޓާއެކުގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ލީގުގައި އާސެނަލް އަށް ބާކީ އޮތީ އަންނަ އާދިއްތަ ދުވަހުގެރޭ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އާސެނަލް ކާމިޔާބު ކުރަން މަޖުބޫރެވެ. ސިޓީ އަށް އޮތީ ޓޮޓެންހަމް މެޗާއި ވެސްޓްހަމް ޔުނައިޓެޑް ކުޅޭ މެޗެވެ. އާސެނަލް އަށް ލީގު ލިބެން އޮތީ ސިޓީއަށް ޕޮއިންޓުތަކެއް ގެއްލިގެންނެވެ.

އާސެނަލްގެ ސަޕޯޓަރުން އުންމީދު ކުރާ ގޮތުގައި އާސެނަލް އަށް މިފަހަރު މިކަމުގައި އެހީތެރިވެދޭނީ ޓޮޓެންހަމެވެ. އެއީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޓޮޓެންހަމުން ބޭނުން ނަމަ، އެ ޓީމު ބާކީ ކުޅެން ޖެހޭ ދެ މެޗުން ވެސް މޮޅުވާން މަޖުބޫރުވެފައިވާތީއެވެ. ޓޮޓެންހަމް ލީގުގައި ކުޅުނު 36 މެޗުގައި ލިބިފައި ވަނީ 63 ޕޮއިންޓެވެ. އެ ޓީމަށް ފަސް ވަނަ ލިބޭއިރު، ހަތަރު ވަނައިގައި އޮތީ 36 މެޗުން ލިބުނު 67 ޕޮއިންޓާއެކުގައި އެސްޓަން ވިލާއެވެ.

އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރެއް ޓޮޓެންހަމްގައި ނެތެވެ. ޓޮޓެންހަމް އަށް ކިރިޔާ ވެސް ޖާގައެއް ލިބޭނީ ޓޮޓެންހަމުން ދެ މެޗު ކާމިޔާބުކޮށް އެސްޓަން ވިލާ ކުޅޭ ފަހު ދެ މެޗުގައި ޕޮއިންޓްތަކެއް ގެއްލިގެންނެވެ. ލީގުގައި މިރޭ އެސްޓަން ވިލާ ބައްދަލު ކުރާނީ ތާވަލްގެ ތިން ވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ރޭ ބަލި ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނީ ޓޮޓެންހަމަށް ކުރެވެން އޮތް ސަޕޯޓެއް ކުރަން ޖެހޭ ކަމަށެވެ. ޓޮޓެންހަމަކީ ކުޅެން ވަރަށް އުނދަގޫ ޓީމެއް ކަން ފާހަގަ ކުރަމުން އާޓެޓާ ބުނީ ދާދި ފަހުން އެކަން ވެސް ފެނިގެން ހިނގައްޖެ ކަމަށެވެ. އާޓެޓާ އެ އިޝާރާތް ކުރީ ލީގުގައި އެންމެ ފަހުން އާސެނަލް އިން 3-2 އިން ޓޮޓެންހަމް ބަލި ކުރި މެޗަށެވެ.

އާޓެޓާ ބުނީ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗުގައި ޓޮޓެންހަމުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އާޓެޓާ ބުނި ގޮތުގައި މިވަގުތު އާސެނަލް އަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މެޗުތަކުން މޮޅުވުން އެކަންޏެވެ.

"އަހަރެންގެ މިދިޔަ 20 އަހަރު ދުވަހުގެ ތަޖުރިބާގައި ބުނަނީ ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމު ބަލި ކުރެވޭނެ އޭ." އާޓެޓާ ބުންޏެވެ.

"އަހަރުމެންނަށް އެނގޭ ކަމަކީ އަހަރުމެން ނަތީޖާ ނެރެން ޖެހޭ ކަން. އެންމެ ފަހު މެޗުގައި ވެސް އަހަރުމެން މި ނެރޭ ނަތީޖާ ނެރެން ޖެހޭ. އަހަރުމެންގެ ހުވަފެނަކީ މިހާރު އެންމެ ފަހު ދުވަހު، އަހަރުމެންގެ ސަޕޯޓަރުންގެ ވެސް ކުރިމަތީގައި ޕްރިމިއާ ލީގު ކާމިޔާބު ކުރުން. އެކަން އަހަރުމެން ކުރާނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން."