އިޓަލީގެ އޭސީ މިލާން އަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އޮލިވިއާ ޖިރޫޑް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން އިއުލާންކޮށްފިއެވެ.

ފްރާންސްގެ އިތުބާރު ފޯވާޑު އޮލިވިއާ ޖިރޫޑް އޭސީ މިލާން ދޫކޮށްލާނެކަން އިއުލާންކޮށްފައިވަނީ މިއަދު އޭސީ މިލާންގެ ރަސްމީ އެކްސް އެކައުންޓުން ލާފައިވާ ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ޖިރޫޑް ބުނެފައިވަނީ މި ސީޒަން ނިމުމުން އޭނާ އޭސީ މިލާން ދޫކޮށްލާނެކަމަށެވެ.

އޮލިވިއަރ ޖިރޫޑް

ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ އޮލިވިއަރ ޖިރޫޑް ޗެލްސީ ދޫކޮށް އޭސީ މިލާން އާއި ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި ހަމަ އެ ސީޒަންގައި އޭސީ މިލާން އާއި އެކު އިޓަލީ ލީގުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަށްވެސް ކުޅެފައިވާ ޖިރޫޑް އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުން ކުޅެފައިވަނީ ޗެލްސީ އަށެވެ. އަދި އޭގެ ފަހުން އިޓަލީގެ އޭސީ މިލާން އަށް ބަދަލު އިޓަލީ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

އުމުރުން 37 އަހަރުގެ ފްރާންސްގެ ފޯވާޑް ޖިރޫޑް އޭސީ މިލާން ދޫކޮށްލާނެ ކަން އިއުލާންކޮށްފައިވާއިރު، ޖިރޫޑް ބުނެފައިވާގޮތުން އޭނާ ދެން ކުޅޭނީ އެމެރިކާ ލީގުގައެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުގައިވެސް ހިމެނޭ އޮލިވިއަރ ޖިރޫޑް 2021 ވަނަ އަހަރު އޭސީ މިލާން އަށް މިހާތަނަށް 48 ގޯލު ކާމިޔާބުކޮށްދިފައިވެއެވެ. އަދި މި ސީޒަންގައި 16 ގޯލު އޭސީ މިލާން އަށް ޖިރޫޑް ކާމިޔާބުކޮށްދީފައިވެއެވެ.