އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައި އެސްޓަން ވިލާ އިން ޗެމްޕިއަންސް ލީގުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ރޭ ޖެހިލައިފިއެވެ.

ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކުގައި ކުޅުނު 37 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައި އެސްޓަން ވިލާ އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. ލިވަޕޫލަށް 37 މެޗުން ލިބުނު 79 ޕޮއިންޓާ އެކުގައި އެ ޓީމު އޮތީ ތާވަލްގެ ތިން ވަނައިގައެވެ.

އެސްޓަން ވިލާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރަން ބޭނުން ނަމަ، އަންނަ އާދިއްތަ ދުވަހުގެރޭ ލީގުގައި ކުޅޭ ފަހު މެޗުގައި ކްރިސްޓަލް ޕެލެސް ބަލި ކުރަން މަޖުބޫރެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޖާގަ ކަށަވަރު ކުރުމުގެ ހަނި ފުރުސަތެއް އެސްޓަން ވިލާ އަށް އެބައޮތެވެ. އެއީ އެސްޓަން ވިލާ އަށް ފައިދާ ގޯލްގެ ގޮތުގައި 20 ގޯލް އޮތުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ދެން ވާދަކުރަނީ ޓޮޓެންހަމްއެވެ. ޓޮޓެންހަމަށް 36 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ. އެ ދެ މެޗު ކާމިޔާބުކޮށްގެން ވެސް ޓޮޓެންހަމް އަށް ލިބޭނީ 69 ޕޮއިންޓެވެ. ޓޮޓެންހަމަށް ފައިދާ ގޯލްގެ ގޮތުގައި ލިބެނީ 12 ގޯލެވެ. އެސްޓަން ވިލާ އާއި ޓޮޓެންހަމާ ދެމެދުގައި އަށް ގޯލްގެ ތަފާތު އެބައޮތެވެ. އެހެންވެ، މި ހާލަތުގައި ޓޮޓެންހަމަށް ވުރެ ބޮޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑީ އެސްޓަން ވިލާއެވެ.

އެސްޓަން ވިލާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ލިވަޕޫލުންނެވެ. މިއީ އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުން ހެދުނު ގޯހެއްގެ ސަބަބުން ބައި ކޮޅަށް ވަތް ގޯލެކެވެ. އެސްޓަން ވިލާ ވަނީ މި މެޗުގެ 12 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޔޫރީ ޓީލަމެންސްއެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލުން ވަނީ ދެވަނަ ފަހަރަށް ލީޑް ނަގައިފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކޯޑީ ގަޕޯއެވެ. ދެވަނަ ހާފް ފަށައިގެން ލިވަޕޫލުން ވަނީ ލީޑް ފުޅާކޮށްފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ޑިފެންޑާރު ޖަރެލް އަމޮރިން ކުއަންސާހްއެވެ.

މެޗު ނިމެން އުޅެނިކޮށް ކައިރިކައިރީގައި ދެ ލަނޑު ޖަހައިގެން އެސްޓަން ވިލާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ޑުރާންއެވެ.

ލީގުގައި މިރޭ ފޯރިގަދަ މެޗެއް ކުޅޭނެއެވެ. ރާއްޖެ ގަޑިން މިރޭ 12:00 ގައި ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު