މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ރަފައެލް ވަރާން މި ސީޒަން ނިމުމުން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާނެކަން އިއުލާން ކޮށްފިއެވެ.

ރެއާލް މެޑްރިން އިން 2021 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑް އަށް ބަދަލުވި ފްރާންސަށް އުފަން ރަފައެލް ވަރާން މެންޗެސްޓަރ ޔުނައިޓެޑްއާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމާއިރު، ވަރާން އިތުރަށް މެންޗެސްޓަރ ޔުނައިޓެޑްގައި މަޑުނުކުރާނެކަން މެންޗެސްޓަރ ޔުނައިޓެޑް އިންވެސް ވަނީ ޔަގީންކޮށްދީފައެވެ.

ރަފައެލް ވަރާން

31 އަހަރުގެ ވަރާން މެންޗެސްޓަރ ޔުނައިޓެޑް ޔުނައިޓެޑް އާއި ގުޅިފައިވަނީ 34 މިލިއަން ޔޫރޯ ގެ ފީއަކަށެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް އަށް 93 މެޗު ކުޅެދީފައިވާއިރު، 2023 ވަނަ އަހަރު ކަރަބާއޯ ކަޕް ކާމިޔާބުކުރި މެންޗެސްޓަރ ޔުނައިޓެޑް ޓީމުގައިވެސް ވަރާން ހިމެނެއެވެ.

އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގާ ހުރި ރަފައެލް ވަރާން މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަންގެ ބާކީ އޮތް ތިން މެޗުގައި ކުޅޭނެކަމަށް ބެލެވެއެވެ. ވަރާން އަށް އަނިޔާވެފައިވަނީ މިދިޔަ އޭޕްރިލް މަހު ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ފްރާންސްގެ ގައުމީ ޓީމާއި އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ވަރާން ވަނީ 2023 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އަދި ރިއާލް މެޑްރިޑް އާއި އެކު 3 ފަހަރު ސްޕެއިން ލީގު ކާމިޔާބުކޮށްފައިވާއިރު 4 ފަހަރު ޗެމްޕިއަންސް ލީގުވެސް ވަރާން ވަނީ ރިއާލް މެޑްރިޑް އާއި އެކު ކާމިޔާބުކުރިއެވެ.

މިއަދު މެންޗެސްޓަރ ޔުނައިޓެޑް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މި ސީޒަން ނިމުމުން ވަރާން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށާއި އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ހުރިހާ އެންމެން ވަރާން އަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރަފައެލް ވަރާން

އިނގިރޭސި ޕްރިމިއަރ ލީގުގެ 8 ވަނައިގައި މިވަގުތު އޮތް މެންޗެސްޓަރ ޔުނައިޓެޑް އަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗާއި ސީޒަންގެ ފަހު މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ރަށުންބޭރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މީގެ އިތުރުން މިމަހުގެ 25 ވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލް ގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭނެއެވެ.

މި ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން ފެނުނު ދައް ކުޅުމާއި އެކު އެ ޓީމަށް ބޮޑު ބަދަލުތަކެއް ގެންނާނެކަން އެ ޓީމުގެ މެނޭޖުމެންޓުން ހާމަކޮށްފައިވާއިރު، މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑުގައި މިހާރު ހިމެނޭ މުހިންމު ކުޅުންތެރިންތަކެއް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަދުތަކެއް މީޑިއާގައިވަނީ ގަދަވެފައެވެ.