އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ވާދަކުރި މެޗު ސިޓީން ކާމިޔާބުކޮށް، އެ ޓީމުން ޖެހިޖެހިގެން 4 ވަނަ ފަހަރަށް ލީގު ހޯދުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު ސިޓީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް އަނެއްކާވެސް ސިޓީ މިވަނީ ޖެހިލައިފައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޓޮޓެންހަމްއިންނެވެ. ފުލުފުލުގައި މެންޗެސްޓާ ސިޓީގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ޓޮޓެންހަމްއަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސިޓީގެ ފަރާތުންް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލިބޭ މަދު ފުރުސަތުތަކުގައި އެ ޓީމުން ދިޔައީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުގައި އޮވެގެންނެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ސިޓީ އިންވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަން ފަށައިފައެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ކެވިން ޑި ބްރޫން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު މެންޗެސްޓާ ސިޓީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިތުބާރު ފޯވާޑު އާލިން ހާލަންޑުއެވެ.

ދެވަނަ ހާފުގައި ސިޓީން މޮޅަށް ކުޅެމުން ދިޔަ ނަމަވެސް ޓޮޓެންހަމް އިންވެސް ލިބޭ ފުރުސަތުގެ ބޭނުންހިފާ ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. މި މެޗުގެ ދެވަނަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ސޮން އަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސޮން ފޮނުވާލި ބޯޅަ މެންޗެސްޓާ ސިޓީގެ ކީޕަރު އޯޓެގާ ވަނީ ދިފާއުކޮށްފައެވެ.

ޕްރިމިއާ ލީގު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ކާމިޔާބުކުރުމަށް މެންޗެސްޓާ ސިޓީ އިން މަސައްކަތް ކުރަމުން ދާއިރު ރޭ ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް އިތުރު ހިތްހަމަ ޖެހުމެއް ލިބުގެން ދިޔައީ މެޗުގެ 90 މިނެޓް ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބިގެން ދިޔުމުންނެވެ. އިތުރުވަގުތުގައި މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗުގެ ލީޑު އެ ޓީމަށް ފުޅާކޮށްދިނީ މި ސީޒަންގައި މިހާރު އެންމެ ގިނަ ގޯލުވެސް ކާމިޔާބުކޮށްފައިވާ ހާލަންޑްއެވެ. ލީގުގައި މިހާތަނަށް އައިއިރު ހާލަންޑް ވަނީ 27 ލަނޑު ޖަހައިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމުގެ ރޭހުގެ ފޯރި ގަދަވެފައިވާއިރު މި އަހަރުގެ ލީގު ހޯދާ ޓީމެއް ކަށަވަރުވެގެން ދާނީ އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ލީގުގެ ފަހު މެޗުތަކުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 37 މެޗުން 88 ޕޮއިންޓް ހޯދައިގެން ސިޓީ މިވަގުތު ޓޭބަލްގެ އެއްވަނައިގައި އޮތްއިރު ފަހަތުން ދެވަނައިގައި އިތް އާސެނަލް އަށް ކުޅުނު 37 މެޗުން ލިބިފައިވަނީ 86 ޕޮއިންޓެވެ.

ލީގުގެ ފަހު މެޗުގައި އެއްވަނައިގައި މިވަގުތު އޮތް ސިޓީ ނުކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ. އަދި ދެވަނައިގައި އޮތް އާސެނަލް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އަމިއްލަ ބާރު މިހާރު މިވަނީ އާސެނަލް އަށް ގެއްލިފައެވެ. އާސެނަލް އަށް ލީގު ލިބޭނީ އެ ޓީމު އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ވެސްޓްހަމް އާއި ދެކޮޅަށް ކުޅޭ މެޗުން ސިޓީ ބަލިވެގެން ނޫނީ އެއްވަރުވެގެންނެވެ. ސިޓީ މޮޅުވެގެން އެ ޓީމަށް ލީގު ލިބޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    މިއާޓިކަލް ލިޔުނީ ސިޓީ ފޭނެއްކަން ޔަގީން. މަރުހަބާ ބްރޯ.

    5
    2