ޔޫރަޕިއަން ކަޕުގެ ނަމުގައި ކުޅެމުން އައި ފުޓުބޯޅަ މުބާރާތް 1992 ވަނަ އަހަރު، ޔުއެފާ ޗެމްޕިއަންސް ލީގަށް ބަދަލު ކުރި ފަހުން ފުރަތަމަ ފަހަރަށް އެސްޓަން ވިލާ އެ މުބާރާތުން ޖާގަ ހޯދައިފިއެވެ.

ރޭ މެންޗެސްޓަރ ސިޓީ އަދި ޓޮޓެންހަމް ބައްދަލު ކުރި މެޗަށް ފަހު ޗެމްޕިއަންސް ލީގުގެ ޖާގަ އެސްޓަން ވިލާ އަށް ކަށަވަރުވީ އެ މެޗުން ޓޮޓެންހަމް ބަލިވުމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ދެ ޓީމުންވެސް މިހާރު 37 މެޗު ކުޅެފައިވާ އިރު ދެ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. އެހެން ކަމުން ތާވަލުގެ ހަތަރު ވަނައިގައި 68 ޕޮއިންޓާއި އެކު އެސްޓަން ވިލާ އޮތް އިރު ޓޮޓެންހަމް ތާވަލުވެ ފަސް ވަނައިގައި 63 ޕޮއިންޓާއި އެކީ އޮތުމުން ދެން މި ތާވަލަށް ބަދަލެއް ނާންނާނެއެވެ.

1982 ވަނަ އަހަރު ޔޫރަޕިއަން ކަޕު ކާމިޔާބު ކުރި އެސްޓަން ވިލާ ޓީމުގެ ކުޅުންތެރިން ތަކެއް ތަށި ހިފައިގެން - - ފޮޓޯ: އެސްޓަން ވިލާ

އެސްޓަން ވިލާ އެންމެ ފަހުން މި މުބާރާތުގައި ވާދަ ކުރީ 1983 ވަނަ އަހަރުއެވެ. އޭރު މި މުބާރާތަށް ކިޔަނީ ޔޫރަޕިއަން ކަޕެވެ. 1992 ވަނަ އަހަރު މި މުބާރާތުގެ ނަން ޗެމްޕިއަންސް ލީގަށް ރީބްރޭންޑް ކުރި ފަހުން އެ ޓީމަށް މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ޔޫރަޕިއަން ކަޕުގެ ނަމުގައި މި މުބާރާތް ބޭއްވި އިރު އެސްޓަން ވިލާއިން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1982 ވަނަ އަހަރުއެވެ. އެއަށް ފަހު 1983 ވަނަ އަހަރު ކުއާޓާ ފައިނަލުން ބަލިވެ، އޭގެ ފަހުން އެ ޓީމަށް މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބެއެވެ.

ގާތްގަނޑަކަށް 40 އަހަރަށް ފަހު އެނބުރި ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމުން އެސްޓަން ވިލާ އިން ވަނީ އުފާ ފާޅުކޮށް ވީޑިއޯއެއް ސޯސަލް މީޑިއާގައި އާއްމުކޮށްފައެވެ. މި ވީޑިއޯގައި އެ ޓީމުގެ ކޯޗު އުނައި އެމެރީ އާއި ޓީމުގެ ކުޅުންތެރިން އުފާ ފާޅު ކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

https://x.com/avfcofficial/status/1790496353925087664?s=46

 

 

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ދުވަސްވީ އެެއް ކުލަބު ކަމުގައިވާ އެސްޓަން ވިލާއިން މިދިޔަ ސީޒަނުގައި ވަނީ ޔޫރަޕުގައި ކުޅެވޭ ގަދަ ތިން މުބާރާތުގެ ތެރެއިން ޔުއެފާ ކޮންފެރެންސް ލީގުގައި ވާދަކޮށްފައެވެ. އެ ޓީމު އެ މުބާރާތުގެ ސެމީ އާއި ހިސާބަށް ވަނީ ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގައި އެ ޓީމު ބަލިވީ ގްރީސްގެ އޮލިމިޕިއާކޯސް އަތުންނެވެ.