އިންޑިއާގެ ފުޓުބޯޅައިގެ އަދި ދެކުނު އޭޝިޔާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ސުނިލް ޗެތްރީ އިންޑިއާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކޮށްފިއެވެ.

ސުނިލް ޗެތްރީ އިންޑިއާގެ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ވާދަކުރަން ހަމަޖެހިފައިވަނީ ކުވޭތާއެވެ. އެއީ ފީފާ ވޯލަޑް ކަޕް ކޮލިފައިންގެ މެޗެކެވެ.

ޗެތްރީ ރިޓަޔާ ކުރާ ކަން އިއުލާނު ކޮށްފައިވަނީ އޭނާ މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައެވެ. ޗެތްރީ ބުނެފައިވަނީ މި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ފުރަތަމަ މިކަން އެންގީ އާއިލާއަށް ކަމަށެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑަށް ދެރަވީ އޭނާގެ އަންހެނުންނަށް ކަމަށާއި އަންހެނުންނަށް ރޮވުނު ކަމަށް ޗެތްރީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ރިޓަޔާ ކުރަން ނިންމީ ވަރަށް ހިތާމައާއި އެކު ކަމަށާއި އެންމެ ކުޑަ އިރުއްސުރެ އެންމެ ކުރަން ބޭނުންވި ކަމަކީ އިންޑިއާގެ ގައުމީ ޓީމަށް ކުޅުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަން ކާމިޔާބު ކުރެވުމުން އުފާ ކުރާ ކަމަށް އޭނާ ބުނެފައިވާއިރު، މިވަގުތަށް އެންމެ މުހިންމީ ކުވައިތާއި ދެ ކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ގެންގޮސްދިނުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

2005 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގައުމީ ޓީމުން ޖާގަ ހޯދި ޗެތްރީ އަކީ މިހާރު އެޓީމުގެ ކެޕްޓަނެވެ. ޗެތްރީ ވަނީ އިންޑިއާގެ ގައުމީ ޓީމަށް 150 މެޗު ކުޅެދީފައެވެ. އަދި މި މެޗުތަކުގައި އޭނާ ވަނީ އެ ޓީމަށް 94 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިންޑިއާގެ ފުޓުބޯޅަ ލެޖެންޑް ސުނިލް ޗެތްރީ ރިޓަޔާ ކުރަނީ -- ފޮޓޯ: މައިޙެލް

ސުނިލް ޗެތްރީ އަކީ އިންޓަނޭޝަނަލީ އެންމެ ގިން ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިއާއި އެކު އޭނާ ވެގެންދަނީ އިންޑިޔާގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަށެވެ.

ޗެތްރީ ވަނީ އިންޑިއާ އަށް ކުޅެދިން 150 މެޗުގައި އޭއެފްސީ ޗެލެންޖު ކަޕް އެއް ފަހަރު، ސާފް ޗެމްޕިއަންޝިޕް ހަތަރު ފާހަރު ކާމިޔާބުކޮށްފައެވެ. އަދި ނެހުރޫ ކަޕް ތިން ފަހަރު ކާމިޔާބުކުރި އިރު އިންޓަކޮންޓިނެންޓަލް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު އޮތް ޓްރި ނޭޝަން ސީރީސް ވެސް އިންޑިއާ އާއި އެކު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް އޮތީ ޗެތްރީ އަތުގައެވެ.

ޗެތްރީ އިންޑިއާގެ ގައުމީ ޓީމަށް ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. މި މެޗުގައި ކުވެއިތާއި ދެކޮޅަށް އިންޑިއާ ނިކުންނައިރު މިވަގުތު އިންޑިއާ އޮތީ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕްގެ ދެވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު