ޕްރިމިއާ ލީގުގެ ތަށި އާސެނަލް އަށް ލިބެން ޖެހޭ ކަން ގަބޫލު ކުރަން ޖެހޭ ކަމުގައި އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލް އަށް އޮތީ ގެއްލިފައެވެ. ލީގު ކާމިޔާބު ކުރުމުގެ ތަނަވަސް ފުރުސަތެއް މިހާރު ލިބިފައި އޮތީ މެންޗެސްޓާ ސިޓީއަށެވެ. ސިޓީން ލީގު ކާމިޔާބުކޮށްފި ނަމަ، އެ ޓީމު ވެގެން ދާނީ ޖެހިޖެހިގެން ލީގު ކާމިޔާބު ކުރާ ހަތަރު ވަނަ ފަހަރަށެވެ.

ޕްރިމިއާ ލީގުގެ ތާވަލަށް ބަލާއިރު، ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 88 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 86 ޕޮއިންޓާއެކުގައި އާސެނަލްއެވެ. ލީގުގެ ފަހު މެޗުތައް މިރޭ ކުޅޭ އިރު، ސިޓީ ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި އާސެނަލް ނުކުންނާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށެވެ. ސިޓީން މޮޅުވެއްޖެ ނަމަ، އެ ޓީމަށް 91 ޕޮއިންޓާއެކުގައި ޗެމްޕިއަންކަން ލިބޭނެއެވެ. ސިޓީ އެއްވަރުވެ، އާސެނަލް މޮޅުވެއްޖެ ނަމަ، ޗެމްޕިއަންކަން ލިބޭނީ 89 ޕޮއިންޓާއެކުގައި އާސެނަލްއަށެވެ. އެ ހާލަތުގައި އާސެނަލް އަށް ޗެމްޕިއަންކަން ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެވަޓަން އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެވަޓަން އާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު، އެ އުނދަގުލާ އެކުގައި ވެސް އޮތް ހަމައެކަނި ގޮތަކީ އެވަޓަން ބަލި ކުރުން ކަމަށް އޭނާ ބުންޏެވެ.

"މިއީ އެންމެ ބޮޑު އެއް ހަފްތާ އަހަރުމެން ގިނަ މީހުންނާ ކުރިމަތިލާ. މިހާރު މިއީ އެންމެ މުހިންމު ވަގުތު. އާދިއްތަ ދުވަހު އެންމެންގެ ކުރިމައްޗަށް އަރަން މިތިބީ ކެތްމަދުވެފައި." އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ އާސެނަލްގެ އަމާޒަކީ އިދިކޮޅު ޓީމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅުވުން ކަމަށެވެ. އަދި އެއަށް ފަހު ސިޓީ އާއި ވެސްޓްހަމް އާ ބައްދަލު ކުރާ މެޗުގައި ވެސްޓްހަމް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނި ގޮތުގައި އާސެނަލްގެ އުންމީދުތަކުގައި ހަގީގަތަކަށް ހަދައި ދޭނެ ބަޔަކަށް ވެސްޓްހަމް ވާނެ ކަމުގެ އުންމީދު އެބައޮތެވެ.

އާސެނަލް އިން ޕްރިމިއާ ލީގުގެ ތަށި ނުހޯދާތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން މިފަހަރު އާސެނަލްއަށް ލީގް ކާމިޔާބްކުރެވޭނެ.

    1
    1
    • ރޮދި

      ހެހެހެހެ

  2. މާކުންބޭ

    ބަތްކާ ތައްޓެއް މިފަހަރުވެސް