އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީގެ ތަރި ފިލް ފޯޑެން ހޮވިއްޖެއެވެ.

މި ސީޒަންގެ ލީގުގައި ބާކީ އެއް މެޗު އޮތް އިރު، މިހާތަނަށް ފޯޑެން ވަނީ 17 ލަނޑު ކާމިޔާބުކޮށް އަށް އެސިސްޓު ހަދައިފައެވެ. އަދި މިމަހު ކުރީ ކޮޅު 'ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން' އިން ހޮވާ ފުޓްބޯލާ އޮފް ދަ އިޔާ ވެސް ފޯޑަން ވަނީ ހޯދައިފައެވެ.

މި މަގާމު ލިބުމުން ފޯޑަން ބުނެފައިވަނީ މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް ގަބޫލު ކުރާ ކަމަށާއި މި މަގާމު ލިބުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި ޕްރިމިއާ ލީގަކީ ދުނިޔޭގައި ވެސް އެންމެ ވާދަވެރި ލީގު ކަމަށާއި މޮޅު ކުޅުންތެރިންތަކަކާ ވާދަކޮށް މި މަގާމު ލިބުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.

ފޯޑަން ބުނީ މި ސީޒަނުގައި ދެއްކުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ޓިމަށް ގިނަ ގޯލުތަކެއް ޖަހައިދެވުމުން އުފާ ކުރާ ކަމަށެވެ. ހަމަ އެއާއެކު އޭނާ ވަނީ ސިޓީގެ އެންމެހާ ކުޅުންތެރިންނަށާއި ސްޓާފުންނާއި ކޯޗާއި ނުލާ މިވަރުގެ ކާމިޔާބީ އެއް ނުހޯދޭނެ ކަމަށް ބުނެ އެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލޭޔާރ އޮފް ދަ ސީޒަން ފިލް ފޮޑެން -- ފޮޓޯ: ރޮއިޓާސް

މި ސީޒަނުގައި ފޯޑަން އަށް ވުރެ ގިނައިން ޕްރިމިއާ ލީގުގައި ސިޓީން ގޯލު ޖަހާފައިވަނީ އާލިންގް ހާލަންޑް އެކަންޏެވެ. އޭނާ ވަނީ މި ސީޒަނުގައި ސިޓީ އަށް 27 ގޯލު ޖަހައިދީފައެވެ.

ޖެހި ޖެހިގެން ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ތަށި ސިޓީން ކާމިޔާބު ކުރުމަށް އެ ޓީމުން އަމާޒު ހިފާފައިވާއިރު އާސެނަލްވެސް އޮތީ ސިޓީގެ ފަހަތުގައި ތައްޓަށް ފައިވިއްދާފައެވެ. އިނގިރޭސި ޗެމްޕިއަންސް ލީގުގެ ފަހު މެޗުތައް މިރޭ ކުޅޭ އިރު ސިޓީ ނިކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓަޑާއި ދެކޮޅަށެވެ. މި މެޗު ކާމިޔާބު ކޮށްފިނަމަ ސިޓީ އަށް ޖެހިޖެހިގެން ހަތަރު ސީޒަނުގައި އިނގިރޭސި ރަސްކަން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު