އަންނަ މަހުގެ 20 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ މެންޗެސްޓަރ ސިޓީގެ ކީޕަރ އެޑާސަންގެ ބަދަލުގައި އެހެން ކީޕަރެއް ނަގައި އިތުރު ތިން ކުޅުންތެރިން ޓީމަށް އިތުރުކޮށްފިއެވެ.

ދެކުނު އެމެރިކާގެ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 20 ގައި އެމެރިކާ ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުންދަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން އެ މުބާރާތުގައި ވާދަކުރާ ގިނަ ގައުމު ތަކުން ޓީމު ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމު

އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ގައުމީ ޓީމުގެ 23 ކުޅުުންތެރިންގެ ސްކޮޑް މިމަހުގެ ކުރީކޮޅު ހާމަކޮށްފައިވާއިރު، އަނެއްކާވެސް ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިފަހަރު އެ ޓީމުގެ ކީޕަރ އެޑާސަންގެ ބަދަލުގައި ސައޮ ޕައޮލޫގެ ކީޕަރ ރަފައެލް ވަނީ ޓީމުގައި ހިމަނާފައެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ޑޮރިވަލް ޖޫނިއަރ ހާމަކޮށްފައިވާގޮތުގައި މެންޗެސްޓަރ ސިޓީގެ ކީޕަރ އެޑަސަން ބަދަލުކުރަން ނިންމާފައިވަނީ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޓޮޓެންހަމް ވާދަކުރި މެޗުގައި އެޑަސަން އަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ.

ބްރެޒިލް އަދި މެންޗެސްޓަރ ސިޓީގެ ކީޕަރ އެޑާސަން

ބްރެޒިލްގެ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރިފަހުން މިހާރު ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮމެބޯލް އިން ވަނީ ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިންގެ ސްކޮޑެއް ނެގުމުގެ ފުރުސަތު ދީފައެވެ. އެހެންކަމުން ބްރެޒިލްގެ ގައުމީ ޓީމުން 3 ކުޅުންތެރިއަކު މިވަނީ ޓީމަށް އިތުރުކޮށްފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އިތުރު ކޮށްފައިވަނީ އިޓަލީގެ ޖުވެންޓަސްގެ ފަހަތަށް ކުޅެމުން އަންނަ ބްރެމާ އާއި އެޓަލަންޓާގެ މެދުތެރެއަށް ކުޅެމުން އަންނަ އެޑާސަން އާއި ޕޯޓޯގެ ކުރިއަށް ކުޅެމުން އަންނަ ޕެޕޭއެވެ.

އެމެރިކާގައި އަންނަ މަހުގެ 20 ފަށައިގެން ޖުލައި މަހުގެ 14ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ހިމެނެނީ ގްރޫޕް ޑީ ގައެވެ. ބްރެޒިލްގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ކޮލޮމްބިއާ އާއި ޕެރެގުއޭގެ އިތުރުން ކޮސްޓޮރިކާއެވެ.

9 ފަހަރަށް ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައިވާ ބްރެޒިލް މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ.