އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ވަގުތީ ލިސްޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ނުހިމެނެއެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލާފައިވާ އިނގިރޭސި ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑްގައި މާކަސް ރަޝްފޯޑު ހިމެނިފައިނުވާއިރު އޭނާ ވަނީ މި ސީޒަންގައި އިނގިރޭސި ގައުމީ ޓީމަށް 7 މެޗެއް ކުޅެދީފައެވެ. ރަޝްފޯޑު އާއެކު އެޔެކްސްގެ މެދުތެރެއަށް ކުޅެމުންއަންނަ ޖޯޑަން ހެންޑާސަން އާއި ޗެލްސީގެ ރަހީމް ސްޓާލިންވެސް އިނގިރޭސި ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑުގައި ނުހިމެނެއެވެ.

މާކަސް ރަޝްފޯޑް

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް މިފަހަރުގެ އިނގިރޭސި ގައުމީ ޓީމުން އެކުލަވާލި ވަގުތީ ޓީމުގައި ނުހިމެނުނު ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފިލްޑް ކުޅުންތެރިޔާ ކޮބީ މައިނޫ މި ފަހަރުގެ އިނގިރޭސި ގައުމީ ޓީމުގެ ވަގުތީ ލިސްޓުގައި ހިމެނެއެވެ. އުމުރުން 19 އަހަރުގެ މައިނޫ ވަނީ އިނގިރޭސި ސީނިއާ ގައުމީ ޓީމާއެކު ބްރެޒިލް އަދި ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގައި ކުޅެފައެވެ.

ސައުތްގޭޓުގެ ކޯޗުކަމުގައި މިފަހަރުގެ ޔޫރޯ މުބާރާތަށް ނިކުންނަ އިނގިރޭސި ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ލިބިފައެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ އިނގިރޭސި ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑެއް މިހާރު އެކުލަވާލާފައިވާއިރު، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ޓީމުން ޔޫރޯގައި ކުޅޭ 26 ކުޅުންތެރިންގެ ސްކޮޑް ފައިނަލް ކުރަން ޖެހޭނެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ރަޝްފޯޑުގެ ފަރާތުން އާދައިގެ ކުޅުމެއް މި ސީޒަންގައި ފެނުނު އިރު، ލީގުގައި ކުޅުނު 33 މެޗުގައި އޭނާ އަށް ކާމިޔާބު ކުރެވުނީ އެންމެ ހަތް ގޯލެވެ.