ބަޔާން މިއުނިކްގެ ކޯޗު ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ގެނައުމަށް އެ ޓީމުން މަސައްކަތް ކުރަން ފަށައިފިއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިވާނެކަން އިއުލާން ކުރުމާއެކު ބަޔާން މިއުނިކް އިން ވަނީ އެ ޓީމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މީގެކުރިން ބައެއް ކޯޗުންނާ ބަޔާން މިއުނިކް އިން ވާހަކަ ދެއްކި އިރު، ކޮމްޕެނީ އާ އެކު ވެސް އެ ޓީމުން ވާހަކަ ދައްކަން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބާންލީގެ ކޯޗު ކޮމްޕެނީ

ޖަރުމަނު ލީގުގައި ރަސްކަން ކުރަމުން ދިޔަ ބަޔާން މިއުނިކް އަށް މިފަހަރުގެ ސީޒަން ނިންމާލަން ޖެހުނީ ލީގުގެ ތިން ވަނައިގައެވެ. މިފަހަރުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ހޯދާފައިވަނީ ބަޔާން ލެވަކޫސަންއެވެ. ބަޔާން މިއުނިކް އިން މި ސީޒަންގައި ދައްކަމުން ދިޔަ ދަށް ކުޅުމާއެކު އެ ޓީމުގެ ކޯޗު ކަމުން ޓުޗެލް ވަކިކުރަން އެ ޓީމުން ނިންމި ނަމަވެސް ފަހުން ވަނީ ޓުޗެލް އެ ޓީމުގައި ބަހައްޓަން އެ ޓީމުން ނިންމައިފައެވެ. ނަމަވެސް ޓުޗެލް އެ ޓީމުގައި މަޑުކުރަން ބޭނުންނުވެ، މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެކަން އިއުލާން ކުރިއެވެ.

ބަޔާން މިއުނިކް އިން މީގެ ކުރިން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ނަގެލްސްމަން ހޯދުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ނަގެލްސްމަން ވަނީ ޖަރުމަނު ޓީމުގެ ކޮންޓްރެކްޓް އާކޮށް އެ ޓީމާ އެކު ކުރިއަށް ދިއުމަށް ނިންމައިފައެވެ. އަދި އޭގެ ފަހުން އޮސްޓްރިއާގެ ކޯޗު ރަލްފް ރެގްނިކް ހޯދުމަށްވެސް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި މިފަހަރުގެ ޖަރުމަނު ލީގު ހޯދި ބާޔާން ލެވަކޫސަންގެ ކޯޗު ޒަބީ އެލޮންސް އަށްވެސް ބަޔާން މިއުނިކުން ހުށައެޅި ހުށައެޅުން އެލޮންސޯ ވެސް ވަނީ ގަބޫލު ނުކޮށް ބަޔާން މިއުނިކްއާ ހަވާލުވާން ދެކޮޅު ހަދައިފައެވެ.

ބަޔާން މިއުނިކް އިން މި ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ނުލިބިއެވެ. އެހެން ކަމުން އެ ޓީމަށް އާ ކޯޗެއް ހޯދައިގެން ޓީމު އިތުރަށް ރަނގަޅުކުރުމަށް އެ ޓީމުގެ މެނޭޖުމެންޓުން ކުރަމުންދާ މަސައްކަތުގައި ބާންލީގެ ކޯޗު ކޮމްޕެނީ އާއެކު މިހާރު ވާހަކަތަށް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އެ ވާހަކަތައް ގޮސްފައިވާ ހިސާބެއް އަދި ނޭނގެއެވެ.

ބާންލީގެ ކޯޗުކަމާ ކޮމްޕެނީ ހަވާލުވުމަށްފަހު އެ ޓީމު ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީފައެވެ. ނަމަވެސް މި ސީޒަންގައި ބާންލީ ނިންމާލަން ޖެހުނީ ޓޭބަލްގެ 19 ވަނައިގައެވެ. މިއާއެކު އަނެއްކާވެސް ބާންލީ ވަނީ ރެލިގޭޓްވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު