އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އަށް ޔޫރޯގައި ނުކުޅެވޭނެ ކަން ޔަގީންވެއްޖެއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެފައިވާ ޑޭވިޑް އަލަބާ އަށް މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެފައި މިވަނީ އެ ޓީމުގެ ކޯޗު ރަލްފް ރެގްނިކް އިއުލާން ކުރި އޮސްޓްރިއާގެ 29 ކުޅުންތެރިންގެ ސްކޮޑްގައި އަލަބާ ހިމެނިފައި ނުވުމުންނެވެ.
![](https://vaguthu.mv/wp-content/uploads/2024/05/br-david-alaba-100-1024x576.jpg)
ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނިކުންނަ އޮސްޓްރިއާގެ ކެޕްޓަން އަލަބާ އަށް އޮސްޓްރިއާ ޓީމަށް ނުކުޅެވުނު ނަމަވެސް އެ ޓީމުގެ ނަން ޕްލޭއިން ކެޕްޓަންގެ ގޮތުގައި އަލަބާ ޖަރުމަނަށް ދާނެކަން އޮސްޓްރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ޑިފެންޑަރު އަދި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާގެ ކަކުލަށް މިދިޔަ ޑިސެމްބަރު މަހު ލިބުނު އަނިޔާގެ ސަބަބުން މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭއިރު، އޮސްޓްރިއާގެ މެދުތެރެއަށް ކުޅެމުން އަންނަ ޒަވާ ޝްލެގާގެ ކަކުލަށްވެސް ލިބުނު އަނިޔާގެ ސަބަބުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެއެވެ.
![](https://vaguthu.mv/wp-content/uploads/2024/05/superstar-david-alaba-fehlt-dem-oefb-team-bei-der-em-41-111415514-1024x1024.jpg)
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާ ހިމެނެނީ ގްރޫޕް ޑީ ގައެވެ. އޮސްޓްރިއާގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ ނެދަލެންޑްސް އާއި ޕޮލެންޑް އަދި ފްރާންސްއެވެ. އޮސްޓްރިއާއިން އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.
އަލަބާ ވަނީ އޮސްޓްރިއާ ޓީމަށް 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯ ކުޅެދީފައެވެ.