އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޔޫރަޕްގެ ގައުމުތަކުން ތައްޔާރުވަމުން އަންނައިރު ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަންނާނެ އެއް ޓީމަކީ އިޓަލީ އެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީ އަށް މިފަހަރު މުބާރާތް ކާމިޔާބުކުރެވިދާނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. 2021 ވަަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީ ހަަމަ ޔަގީނުންވެސް މިފަހަރު ނިކުންނާނީ އެމީހުންނަށް ލިބުނު ތަށި ދިފާއުކުރުމަށެވެ. އިޓަލީ އިން ވަނީ ދެ ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ޔޫރަޕްގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ. ޔޫރަޕްގައި މި މުބާރާތް ކުޅުން ނަމަވެސް މި މުބާރާތުގެ ފޯރި މުޅި ދުނިޔޭގައިވެސް ގަދައެވެ. މިގޮތުން އަހަރުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް ވަރަށް ފޯރިއާއި އެކު ތައްޔާރީތައް ވަމުން ދާއިރު، އިޓަލީ އަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ސަޕޯޓު ކުރަމުން އަންނަ ޓީމެކެވެ. އިޓަލީގައި އުފެދުނު ވަކި ވަކި މޮޅެތި ކުޅުންތެރިންގެ ސަބަބުން ރާއްޖޭގައި އިޓަލީގެ ސަޕޯޓަރުން ވަރަށް ގިނަކަން ފާހަގަ ކުރެވެއެވެ.

އިޓަލީ އިން އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާާތަށް ކޮލިފައިވެފައިވަނީ 1968 ވަނަ އަހަރުއެވެ. އިޓަލީގައި ބޭއްވި މި މުބާރާތަށް އެ ޓީމު ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައެވެ. އިޓަލީ އިން އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 1972 ވަނަ އަހަރު ޖަރުމަނުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާފައިވާއިރު އެ މުބާރާތަށް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ. ދެން ޖެހިގެން އައިފަހަރު ވެސް އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ.

1980 ވަނަ އަހަރު އަނެއްކާވެސް އިޓަލީގައި ޔޫރޯ ބޭއްވި އަހަރު އިޓަލީ އިން ވަނީ މުބާރާތް ކުޅެފައެވެ. އެ ފަހަރުގެ މުބާރާތް އިޓަލީ އަށް ނިންމާލަން ޖެހުނީ މުބާރާތުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ. އަދި ޖެހިގެން އައި އަހަރު ފްރާންސް ގައި ބޭއްވި މުބާރާތަށް އިޓަލީ ކޮލިފައި ވެފައިނުވާއިރު 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތަށް އިޓަލީ ކޮލިފައިވެ އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެ އިޓަލީ މުބާރާތް ނިންމާލާފައިވަނީ މުބާރާތުގެ ތިން ވަނައިގައެވެ. އަދި އޭގެ ފަހުން 1992 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވެފައި ނުވާއިރު 1996 ވަނަ އަހަރުން ފެށިގެން އެ ޓީމު އަންނަނީ ކޮންމެ ފަހަރެއްގެވެސް ޔޫރޯ އަށް ކޮލިފައިވަމުންނެވެ. އަދި 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައިވެސް އިޓަލީ ވަނީ ކުޅެފައެވެ.

އިޓަލީ

އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ އިޓަލީ ޓީމަށް ބަލާލާއިރު އެންމެ ފަހުގެ ޔޫރޯ އެ ޓީމަށް ހޯދަދިން ކޯޗު ރޮބާޓޯ މަންޗިނީ ގެ ބަދަލުގައި މިހާރު އެ ޓީމާއި ހަވާލުވެހުރީ ލިސިއާނޯ ސްޕަލެޓީއެވެ. އިޓަލީ ޓީމުން މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ޓީމުގެ ވަގުތީ ސްކޮޑް އިއުލާންކޮށްފައެވެ. ވަގުތީ ލިސްޓްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ކޯޗު ލިސިއާނޯ ސްޕަލެޓީ ވަނީ ހިމަނާފައެވެ. މިފަހަރުގެ ޔޫރޯ އަށް ނިކުންނަ އިޓަލީ ޓީމުގެ ވަގުތީ ލިސްޓް އާންމުކޮށްފައިވާއިރު އިޓަލީ ޓީމުގެ ގޯލު ކީޕަރުންގެ ގޮތުގައި ޕީއެސްޖީ އަށް ކުޅެމުންއަންނަ ޑޮނަރޫމާގެ އިތުރުން ނަޕޮލީގެ އެލެކްސް މެރެޓް އާއި ލާޒިއޯގެ ކީޕަރ އިވާން ޕޮރޮވެޑެލްގެ އިތުރުން ޓޮޓެންހަމްގެ ކީޕަރ ވިކާރިއޯ ވެސް ވަނީ ހިމަނާފައެވެ.

އިޓަލީ އިން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ޓީމުގެ ޑިފެންސް ލައިނަށް ބަލާލާއިރު އެއްކޮށްހެންވެސް ތިބީ އިޓަލީ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. މިގޮތުން އިންޓަ މިލާންގެ އަލެސަންދްރޯ ބަސްޓޯނީ އާއި ހަމަ އެ ޓީމުގެ މަތިއޮ ޑާމިއަން ފާހަގަކޮށްލެވެ. އަދި މިފަހަރުގެ މުބާރާތަށް ނިކުންނަ އިޓަލީ ޓީމުގެ މެދު ތެރެއަށް ބަލާލާއިރު އިންޓަރ މިލާންގެ ނިކޮލޭ ބަރެލާ އާއި އާސެނަލްގެ ޖޯޖީނިއޯ ފާހަގަކޮށްލެވެއެވެ. އަދި މިފަހަރުގެ އިޓަލީ ޓީމުގެ ފޯވާޑު ލައިނުން ކުރީގެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިން ހިމަނާފައިނުވާއިރު، ބޮޑަށް ފާހަގަވެގެންދަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފައިވާތަނެވެ.

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ހިމެނެނީ ގްރޫޕްގެ ބީގައެވެ. ގްރޫޕް ބީގައި އިޓަލީ އާއި އެކު ދެން ހިމެނެނީ ސްޕެއިން އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާ އެވެ. މިފަހަރުގެ މުބާރާތުގައި އިޓަލީގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ އަލްބޭނިއާ އާއި ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިޓަލީ ނިކުންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ސަޕެއިން އާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ މަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.