ސައުދީ ޕްރޯ ލީގުގައި ރޭ އަލް އިއްތިހާދު އާއި އަލްނަސްރު ވާދަކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއި އެކު ސައުދީ ޕްރޯ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ މުގުރާލައިފިއެވެ.

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރު އަދި އަލް އިއްތިހާދު ވާދަކުރި މެޗު އަލް ނަސްރު 2-4 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ އަލް ނަސްރު ޓީމަށް 2 ގޯލު ކާމިޔާބުކޮށްދީފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

މި ސީޒަންގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް 35 ގޯލު ކާމިޔާބުކޮށްދީ ފައެވެ. މިއާއި އެކު ރޮނާލްޑޯ ވެގެންމިދިޔައީ ސައުދީ ޕްރޯ ލީގުގައި އެއް ސީޒަންއެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ.

ސައުދީ ޕްރޯ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު މީގެ ކުރިން އޮތީ މޮރޮކޯގެ ފޯވާޑު އަބްދުއްރައްޒާގު ހަމްދުﷲ އަތުގައެވެ. އެއީ 2018-2019 ސީޒަންގައި އޭނާ ކާމިޔާބުކުރި 34 ގޯލާއި އެކުއެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ސައުދީ އަރަބިއާގެ އަލް ނަސްރް އާއި ގުޅުނުފަހުން މިހާތަނަށް އެ ޓީމަށް ކުޅުނު 69 މެޗުން 64 ގޯލު ވަނީ ކާމިޔާބުކޮށްފައެވެ. ސައުދީ ޕްރޯ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ވަނީ މިފަހަރުގެ ޕޯޗުގަލްގެ ސްކޮޑުންވެސް ވަނީ ޖާގަ ހޯދާފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

ސައުދީ ޕްރޯ ލީގުގައި އެއް ސީޒަން އެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ކްރިސްޓިއާނޯ ރޮނާލޯ މުގުރާލާފައިވާއިރު ރޮނާލްޑޮ ވަނީ އޭނާ ކުޅުނު ހުރިހާ ލީގެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ތަފާތު ހަތަރު ލީގެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމަ އެކަނި ކުޅުންތެރިޔާ އަކީވެސް ރޮނާލްޑޯ އެވެ. ރޮނާލްޑޯ މިހާތަނަށް ކުޅުނު ލީގުތަކަށް ބަލާލާއިރު ސައުދީ ޕްރޯ ލީގުގެ އިތުރުން ސްޕެއިންގެ ރިއާލްމެޑްރިޑް އަށް ކުޅުނު އިރު ސްޕެއިން ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ 3 ފަހަރު މަތިން ވަނީ ރޮނާލްޑޯ ހޯދާފައެވެ. އަދި މީގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގާއި އިޓަލީ ލީގުގައިވެސް ރޮނާލްޑޯ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލް ކެރިއަރ ފެށި ރޮނާލްޑޯ މިހާތަނަށް އޭނާގެ ކެރިއަރުގައި 893 ގޯލު ކާމިޔާބުކޮށްފައިވެއެވެ. އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް 128 ގޯލު ވަނީ ރޮނާލްޑޯ ކާމިޔާބުކޮށްދީފައެވެ.