ޖަރުމަނުގައި އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2024ގެ ހުރިހާ މެޗެއް ޕީއެސްއެމް އިން އެޗްޑީކޮށް ލައިވް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެލްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި ޒީނާ ވިދާޅުވީ ޔޫރޯ މުބާރާތް ގެމެސްދިނުމުގެ ހުއްދަ އޮތް ރާއްޖޭގެ ހަމައެކަނި ކުންފުންޏަކީ ޕީއެސްއެމް ކަަަމަށެވެ. އެހެެންކަމުން ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސްޓީވީން އެ މުބާރާތުގެ ހުރިހާ މެޗެއް ލައިވް ކޮށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒީނާ ވިދާޅުވީ އެންމެ ފަހުން ކުޅުނު ޔޫރޯ މުބާރާތް ދެއްކިފައި ނުވުމުން ބެލުންތެރިންގެ ޝަކުވާތައް ލިބުނު ކަމަށާއި އެ ފަހަރު މުބާރާތް ދެއްކިފައި ނުވަނީ އޭޝިއާ ސަރަހައްދަށް މެޗުތައް ގެނެސްދޭ ސޮނީ ކުންފުންޏަށް ދައްކަން އޮތް ދަރަނިތަކެއް ނުދައްކާ ހުރުމުން ކަމަށެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގެ ބްރޮޑްކާސްޓިންގ ރައިޓްސް ހޯދީ އެ ދަރަނިތައް ދައްކާނެ ޕްލޭނެއް އެކުލަވާލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް

އެހެންކަމުން އަންނަ މަހު 14 ގައި ފަށާ ޔޫރޯ މުބާރާތް ދިވެހި ސަޕޯޓަރުންނަށް އެއްވެސް އިތުރު ފީ އަކާއި ނުލާ އެޗްޑީކޮށް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީ އިން ބަލާލެވޭނެ ކަމަަށް ވިދާޅުވިއެވެ.

ޔޫރޯ މުބާރާތް އަންނަ މަހުގެ 14 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު ’ވަގުތު ޔޫރޯ ފޯރި‘ ގެ ނަމުގައި ވަގުތު އިން މުބާރާތުގައި ބައިވެރިވި ޓީމުތަކާއި މުބާރާތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ހަބަރުތައް ތާޒާ ކަމާއި އެކު ކިޔުންތެރިންނާއި ހިސާބަށް ފޯރުކޮށްދެމުން ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު