ޖަރުމަނުގެ ބަޔާން މިއުނިކްގެ އާ ކޯޗަކަށް ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ.

މިފަހަރު އިނގިރޭސި ޕްރިމިއަރ ލީގުން ބާންލީ ރެލިގޭޓްވުމާ ގުޅިގެން އެ ޓީމު ދޫކޮށްލުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކްގެ ހެޑް ކޯޗުކަމަށް ކޮމްޕެނީ ހަމަ ޖައްސާފައިވާކަން އެ ދެ ޓީމުންވެސް ވަނީ އިއުލާންކޮށްފައެވެ. ކޮމްޕެނީ ބާޔާން މިއުނިކްއާ ހަވާލުވާން ނިންމާފައިވަނީ 2027ގެ ނިޔަލަށެވެ.

ވިންސެންޓް ކޮމްޕެނީ

މިދިޔަ 11 ސީޒަންގައި ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވާ ބާޔާން މިއުނިކް މިފަހަރުގެ ސީޒަން ނިންމާލާފައިވަނީ އެއްވެސް ތައްޓެއް ނުލިބިއެވެ. އެހެންކަމުން އެ ޓީމުގެ ކޯޗު ކަމުގައި އޭރު ހުރި ތޯމަސް ޓުޗޭލް އެ ޓީމުން ވަކު ކުރުމަށް އެ ޓީމުގެ މެނޭޖުމެންޓު ނިންމާ އެހެން ކޯޗެއް ލިބޭތޯ ކުރި މަސައްކަތް ކާމިޔާބުނުވުމުން ތޯމަސް ޓުޗޭލް ބާޔާން މިއުނިކްގައި ބެހެއްޓުމަށް ފަހުން އެ ޓީމުން ނިންމި ނަމަވެސް ޓުޗޭލް ވަނީ ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާފައެވެ.

ބާޔާން މިއުނިކްގެ ސީއީއޯ ޖެން ކްރިސްޓިއަން ޑްރީސަން ބުނެފައިވާ ގޮތުގައި އެ ޓީމުގެ އެންމެންވެސް މިވަގުތު ބޭނުންވަނީ ކޮމްޕެނީ އެ ޓީމާއި ހަވާލުވުމަށެވެ. އަދި އެއީ އެ ޓީމަށް އެންމެ ރަނގަޅު ކޯޗު ކަމުގައިވެސް ޑްރީސެން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ބާންލީ އިން ބުނެފައިވަނީ އެ ޓީމު އިނގިރޭސި ޕްރިމިއަ ލީގުން ރެލިގޭޓްވުމާއެކު އެ ޓީމުން ބޭނުންވަނީ ކޮމްޕެނީގެ ކޯޗިން ކެރިއަރުގައި އިތުރު ހަރުފަތެއް ކުރިއަށް ޖެހިލުމަށެވެ. އެހެން ކަމުން އެ ޓީމުން ކޮމްޕެނީ ބަޔާން މިއުނިކަށް ދޫކޮށްލާން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.

ޖަރުމަނުގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުން ދިޔަ ބަޔާން މިއުނިކް މި ފަހަރުގެ ސީޒަން ނިންމާލަން ޖަރުމަނު ލީގުގެ ޓޭބަލްގެ ތިން ވަނައިގައެވެ. އަދި މިފަހަރުގެ ޖަރުމަނުގެ އެއްވެސް މުބާރާތެއްގެ ތަށި އެ ޓީމަށް ލިބިފައިނުވާއިރު ޔޫރަޕްގެ މުބާރާތެއްގެ ތަށިވެސް ވަނީ އެ ޓީމަށް ލިބޭގޮތް ނުވެފައެވެ. މިފަހަރުގެ ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވަނީ ބަޔާން ލެވަކޫސަންއެވެ. މިއީ އެ ޓީމުން ޖަރުމަނު ލީގުގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ވިންސެންޓް ކޮމްޕެނީ

ބާޔާން މިއުނިކްގެ ކޯޗުކަމުން ޓުޗޭލް ވަކިވާނެކަން އިއުލާން ކުރުމާއެކު ބަޔާން މިއުނިކް އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ބާޔާން ލެވަކޫސަންގެ މިހާރުގެ ކޯޗު ޒަބީ އެލޯންސޯގެ ކުރިން އެ ޓީމުގެ ކޯޗުކަން ކުރި ޖޫލިއަން ނަގެލްސްމަންސް އާއި އޮސްޓްރިއާގެ މިހާރުގެ ކޯޗު ރަލްފް ރެގްނިކް ހޯދުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މެންޗެސްޓަރ ސިޓީއަށް ކުޅެ 4 ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާ ކޮމްޕެނީ ފުޓްބޯޅަ ކުޅުމުން ރިޓަޔަރ ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ރިޓަޔަރ ކުރުމަށް ފަހު ކޮމްޕެނީ ކޯޗެއްގެ ގޮތުގައި ފުރަތަމަ ހަރަކާތްތެރިވެފައިވަނީ އޭނާގެ އުފަން ގައުމު ބެލްޖިއަމްގެ ޓީމެއް ކަމަށްވާ އެންޑަލެކްޓްގައެވެ. އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރުމަށްފަހު ކޮމްޕެނީ 2022 ވަނަ އަހަރު ވަނީ ބާންލީގެ ކޯޗުކަމާއި ހަވާލުވެފައެވެ. އެއަށްފަހު އެ ޓީމު އިނގިރޭސި ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގައި އިނގިރޭސި ޕްރިމިއަރ ލީގަށް ކޮލިފައިވި ނަމަވެސް މިފަހަރުގެ ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޭބަލްގެ 19 ވަނައިގައި ނިންމާލަންޖެހި އެ ޓީމު ވަނީ އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައެވެ.