އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް މުޅި ޔޫރަޕް ތައްޔާރުވަމުން އަންނައިރު މި މުބާރާތުގައި ވާދަކުރާ ޓީމުތަކުން އަންނަނީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ރަސްކަމަށް އައުމަށް ޔޫރަޕްގެ ޓީމުތަކުން ތައްޔާރުވަމުން އަންނައިރު މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްލޮވޭނިއާ އިންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މީގެ ކުރިން ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި ކުޅެމުން އައިސްފައިވާ ސްލޮވޭނިއާ އެ ވަކި ޓީމެއްގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި މީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2000 ވަނަ އަހަރު ބެލްޖިއަމް އާއި ނެދަލެންޑްސް ގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވި ފަހަރު ޔޫރޯ އަށް ސްލޮވޭނިއާ ކޮލިފައިވިނަމަވެސް އޭގެ ފަހުން ސްލޮވޭނިއާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ. އަދި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމު ކޮލިވުމާއިއެކު އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން އަންނަނީ މިފަހަރު ޖަރުމަނުގައި މި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް އެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުކުރަމުންނެވެ.

 

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްލޮވޭނިއާ ޓީމު ކޮލިފައިވުމުން އެންމެ އުފާ ވާނެ އެއް ކުޅުންތެރިޔަކަށް ހަމަޔަގީނުންވެސް ވާނެ އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އެތްލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރ ޖެން އޮބްލަކް އެވެ. 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ އޮބްލެކް އަށް މީ ވަރުގަދަ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލުކޮށްލަން ލިބިގެންދާނެ ފުރަތަމަ ފަހަރެވެ. އޮބްލެކް އާއި އެކު ދެން ކީޕަރުންގެ ގޮތުގައި މިފަހަރު ގެ ސްލޮވޭނިއާގެ ސްކޮޑުގައި ދެން ހަރަކާތްތެރިވާނީ ވިޑް ބެލެކް ގެ އިތުރުން އިގޯ ވެކިކް އާއި މަޓެވްޒް ވިޑޮވްސެކް އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ސްލޮވޭނިއާ ޓީމުގެ ފަހަތުގައި ޒެން ޖާނިކްނިކް ކަނާތް ފަޅިން ހަރަކާތް ތެރިވާއިރު އެރިކް ޖަންޒާ އެ ޓީމުގެ ފަހަތުގައި ވާތްފަޅިން ހަރަކާތްތެރިވާނެއެވެ. އަދި މީގެ އިތުރުން ޕީޓާ ސްޓްޖެނޮވިކް އާއި އެކު މިހާ ބްލެޒިކް އަދި ޖަކާ ބިޖޯލް ވެސް ސްލޮވޭނިއާގެ ފަހަތުގައި ހަރަކާތްތެރިވާނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެވަނަ ފަހަރަށް ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ސްލޮވޭނިއާގެ ޓީމުގެ މެދު ތެރޭގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުން އަންނާނެ ދެ ކުޅުންތެރިންނަކީ އެޑަމް ގްނެޒްޑާ ސެރިން އާއި ޓިމީ މެކްސް އެލްސްނިކް އެވެ. އަދި މީގެ އިތުރުން މި ދެ ކުޅުންތެރިންނާއި އެކު އެ ޓީމުގެ މެދުތެރޭގައި ބެންޖަމިން ވާބިކް ގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް އެ ޓީމުގައި ބޭނުން ކުރެވޭނެއެވެ. އަދި ސެންޑީ ލޮވްރިކް އާއި ޖަސްމިން ކާޓިކްގެ އިތުރުން ޓޮމީ ހޯވަޓް އާއި ނުނޯ ޒުގެލްޖް ވެސް ސްލޮވޭނިއާގެ މެދު ތެރޭގައި ހަރަކާތްތެރިވާނެއެވެ.

ސްލޮވޭނިއާ

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްލޮވޭނިއާގެ ޓީމުގެ ފޯވާޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އާރްބީ ލެއިބްޒިގް ގެ ކުރިއަށް ކުޅެމުން އަންނަ ބެންޖަމިން ސިސްކޯ އެވެ. ސިސްކޯ އާއި އެކު ދެން އެ ޓީމުގެ ފޯވާޑު ލައިންގައި ހަރަކާތް ތެރިވާނީ އަންޑްރޭޒް ސްޕޮރާރް އާއި ޒެން ޒިންވިޕޮޓްނިކް އެވެ. އަދި މީގެ އިތުރުން ޖެން މްލަކާ އާއި ޒެން ސެލާގެ އިތުރުން ޖޮސިޕް ލިސްސް ވެސް މިފަހަރުގެ ސްލޮވޭނިއާގެ ޓީމުގައި ހަރަކާތްތެރިވާނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާގޮސް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތެއް ލިބުނު ނަމަވެސް އެއީ ސްލޮވޭނިއާގެ ޓިމަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެންމެ ސްލޮވޭނިއާ ޓީމު 2000 ވަނަ އަހަރު ނެދަލެންޑްސް އަދި ބެލްޖިއަމްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް އޮތްފަހަރު އެ ޓީމަށް މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން ޔޫރޯ ބޭއްވި ފަސް ފަހަރުވެސް އެ ޓީމު ޔޫރޯ އަށް ކޮލިފައިވެފައި ނުވާއިރު މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ދެވުން އެއީ އެ ޓީމުގެވެސް މިހާރުގެ އަމާޒުކަމުގައި ވާނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވޭނިއާ ހިމެނެނީ ގްރޫޕް ސީ ގައެވެ. މި ގްރޫޕްްގައި ސްލޮވޭނިއާ އާއި އެކު ދެން ހިމެނެނީ އިނގިރޭސި ވިލާތުގެ އިތުރުން ޑެންމާކް އާއި ސާބިއާ އެވެ. އެހެންކަމުން ސްލޮވޭނިއާ އަށް ގްރޫޕް ފަހަނައަޅާ ދިއުމަކީވެސް ވަރަށް ބޮޑު މަސައްކަތަކަށް ވާނެކަން ޔަގީނެވެ.

އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވޭނިއާގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ޑެންމާކް އާއި ދެކޮޅަށެވެ.