ބްރެޒިލްގެ ތަރި ރޮޑްރިގޯ ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ އަޑުތައް އޭނާ ދޮގުކޮށްފިއެވެ.

އެމްބާޕޭ ރެއާލަށް ސޮއި ކުރުމާއި އެކީ ރޮޑްރިގޯ އަށް ކުޅެން ލިބޭ ވަގުތު މަދުވާނެތީ އޭނާ ރެއާލް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް މިދޭތެރެއިން ގަދަވިއެވެ. ނަމަވެސް އެކަން ދޮގުކޮށް ރޮޑްރިގޯ ބުނެފައިވަނީ އޭނާ ރެއާލްގައި ހުރީ ވަރަށް އުފަލުން ކަމަށާއި ޓީމު ދޫކޮށްލުމުގެ ވިސްނުމެެް ނެތް ކަމަށެވެ.

ޕްލޭސަރ ޓީވީ އަށް ދިން އިންޓަވިއު އެއްގައި ރޮޑްރިގޯ ބުނީ އޭނާގެ ބޭނުން ރެއާލަށް ހިފޭ ކަމަށާއި ބޭނުން ޓީމަށް ހިފޭހާ ދުވަހަކު ރެއާލްގައި މަޑު ކުރާނެކަމަށެވެ. ނަމަވެސް އޭނާގެ ބޭނުން ޓީމަށް ނުވާ ހިސާބުން އެހެން ގޮތެއް ހޯދާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ރޮޑްރިގޯ ބުނީ މިހާރު މި އަރާ އަޑުތަކަކީ އެކަންކަމާއި ތަފާތު އަޑުތަކެއް ކަމަށެވެ. އެމްބާޕޭ އަންނާތީވެ، ޓީމު ދޫކޮށްލަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަނުގެ ފަހު މެޗުގައި ރެއާލް އަދި ބޮރޫޝިއާ ޑޯޓުމަންޑު އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކުރާނެއެވެ. އެހެންކަމުން ރޮޑްރިގޯގެ ހުރިހާވެސް ވިސްނުމެއް ހުރީ އެ މެޗަށެވެ.

2019 ވަނަ އަހަރުން ފެށިގެން ރެއާލަށް ކުޅެމުން އަންނަ ރޮޑްރިގޯ ވަނީ އެ ޓީމަށް މިހާތަނަށް 215 މެޗު ކުޅެދީފައެވެ. މި 215 މެޗުގައި އޭނާ ވަނީ ރެއާލަށް 54 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިފަހަރުގެ ލަލީގާގެ ޗެމްޕިއަން ހޯދުމުގަޔާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް ދިޔުމުގައި ރޮޑްރިގޯގެ ދައުރު ވަރަށް ބޮޑުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު