އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޑެންމާކު ޓީމުން އެ ޓީމުގެ އެރިކްސަން އަށް އަނެއްކާވެސް ފުރުސަތު ދީފިއެވެ.

2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު އާއި ފިންލޭންޑް ވާދަކުރި މެޗުގައި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކްރިސްޓިއަން އެރިކްސަން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑެންމާކު ޓީމުގައިވެސް ހިމަނައިފިއެވެ. އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކް އާއި ފިންލެންޑް ވާދަކުރި މެޗުގައި އެރިކްސަން ވަނީ މެޗުތެރެއިން ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓިފައެވެ. ފަރުވާއަށްފަހު އަލުން އެނބުރި ކުޅުމާއި ގުޅިފައިވާ އެރިކްސަން މިވަނީ މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ޑެންމާކު ޓީމުންވެސް ޖާގަ ހޯދާފައެވެ.

ކްރިސްޓިއަން އެރިކްސަން

އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެރިކްސަން އަށް ދިމާވި ހިތުގެ މައްސަލައަށްފަހު މިހާރު އެރިކްސަން ކުޅެމުންދަނީ ހިތަށް ހޮޅިކޮޅެއް ލައްވައިގެންނެވެ. އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކް އާއި ފިންލެންޑް ވާދަކުރި މެޗު ވެގެން ދިޔައީ ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލި މެޗަކަށެވެ. މެޗުގައި ކުޅެމުން ދަނިކޮށް ކުއްލިއަކަށް އެރިކްސަން ވެއްޓުމާއިއެކު މުޅި ދަނޑުން ފެނިގެންދިޔަ މައްޒަރުން ގިނަ ބަޔަކަށް ވަރަށް އަސަރުކުރިއެވެ.

މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ޑެންމާކު ޓީމުގެ މެޗު ތެރޭގައި އެންމެ އިސް ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިއަކަށް ވެގެންދާނީ އެރިކްސަން އެވެ. އެ ޓީމުގެ ޕްލޭ މޭކާއެއްގެ ގޮތުގައި މުޅި ޓީމު ލައްވާ ކުޅުވުމުގައި އެރިކްސަން އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ. މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތައް ނިކުންނަ ޑެންމާކު ޓީމުން އެރިކްސަން އާއި އެކު މެންޗެސްޓަރ ޔުނައިޓެޑް އަށް ކުޅެމުންއަންނަ ރަސްމުސް ހޯލަންޑްވެސް ހިމެނެއެވެ.

ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ ކޯޗު ކެސްޕާ ހުލްމަޑްސް ގެ މިފަހަރުގެ ޑެންމާކުގެ ސްކޮޑުން ސެލްޓިކް ގެ މެދުތެރެއަށް ކުޅެމުން އަންނަ މެޓް އޯރިލޭ އަށް ފުރުސަތު ލިބިފައެއްނުވެއެވެ. އެހެން ނަމަވެސް ކްލަބް ބްރޫޖް ގެ މިޑްފިލްޑަރ އަންޑްރޭސް ސްކޮވް އޮލްސެން ވަނީ މިފަހަރުގެ ޑެންމާކުގެ 26 ކުޅުންތެރިންގެ ސްކޮޑުން ފުރުަސަތު ދީފައެވެ.

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ހިމެނެނީ ސީ ގައެވެ. މި ގުރޫޕުގައި ޑެންމާކުއާއި އެކު ދެން ހިމެނެނީ އިނގިރޭސި ވިލާތާއި ސްލޮވޭނިއާގެ އިތުރުން ސާބިއާ އެވެ.