ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޖުލައި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ.ަ

ޕީއެސްޖީގެ ލެގެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫގެ ދައުވަތަކަށް ރާއްޖެ އަންނަކަން އިއުލާންކޮށްފައިވަނީ އެކަމަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސް އިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ދަތުރެކެއްކަމުގައި އުރީދޫ މޯލްޑިވްސް އިން ފާހަގަކުރެއެވެ.

ޕީއެސްޖީ ލެގެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެ އަންނަކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

އޮގަސްޓީން އަޒުކާ "ޖޭ-ޖޭ" އޮކޯޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލުކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށްކަމުގައި އުރީދޫއިން މައުލޫމާތުދެއްވައެވެ. އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ ކަމަށް ވެސް އުރީދޫ މޯލްޑިވްސް އިން މައުލޫމާތު ދެއްވައެވެ.

މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދޫއިން ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރޭގައި:

އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު: ޖޭ-ޖޭ އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.

މި ކޮންޓެސްޓުގައި 10 ޖޫންއާ ހަމައަށް ބައިވެރިވެވޭއިރު، މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ 5 ފަރާތަށް ޖޭ-ޖޭ އޮކޯޗާއާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންސް: ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ވެސް އުރީދޫއިން ވަނީ އިއުލާންކޮށްފައެވެ. މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ 2 ކޯޗުންނާއި އެކުގައިކަން އެ ކުންފުނިން ހާމަކުރިއެވެ.

ޕީއެސްޖީ ލެގެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެ އަންނަކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

ވިން އަ ޓްރިޕް ޓު ލާމު: ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް އެ ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރިވެވޭނެކަން އުރީދޫއިން އިއުލާންކޮށްފައިވާއިރު، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެކަމަށް އުރީދޫއިން މައުލޫމާތުދެއްވައެވެ. ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭ-ޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.

އުރީދޫ ފަން ރަންލާމު އެޑިޝަން: ޖޭ ޖޭ އޮކޯޗާ މިމަހުގެ ފަސް ވަނަ ދުވަހު ލ ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާނެކަން އުރީދޫއިން އިއުލާންކޮށްފައިވާއިރު، ރަޖިސްޓްރީކުރުމުގެ ފުރުސަތު 10 ޖޫން 2024 ގެ ނިޔަލަށް ކުރިއަށްދާނެކަމުގައި އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.