އުރުގުއޭގެ ފުޓްބޯޅަ ތަރި އެޑިސަން ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ އުރުގުއޭގެ ތަރި އެޑިސަން ކަވާނީ ގައުމީ ޓީމުން ރިޓަޔަރކުރިކަން އިއުލާންކޮށްފައިވާއިރު، ކަވާނީ ބުނެފައިވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް އަބަދުވެސް ގައުމީ ޓީމާއެކު ހުންނާނެ ކަމަށެވެ. ކަވާނީ އަކީ ދެވަނަ އަށް އެންމެ ގިނަ މެޗު އުރުގުއޭކަށް ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.

އެޑިންސަން ކަވާނީ

އުރުގުއޭ ގައުމީ ޓީމަށް މިހާތަނަށް 136 މެޗު ކުޅެދީފައިވާ ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާއިރު، ކަވާނީ އަކީ ދެވަނަ އަށް އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ވެސް ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ އުރުގުއޭ ގައުމީ ޓީމަށް 58 ގޯލު ކާމިޔާބުކޮށްދީފައެވެ. އުރުގުއޭ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒެވެ.

އުރުގުއޭގެ ތަރި އެޑިސަން ކަވާނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާންކޮށްފައިވާއިރު، ކަވާނީ އެންމެ ފުރަތަމަ އުރުގުއޭ ގައުމީ ޓީމަށް ކުޅެފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮލޮމްބިޔާއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ކަވާނީ ވަނީ އުރުގުއޭއާއެކު 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އެޑިންސަން ކަވާނީ

މިހާރު އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ކުޅެމުންއަންނަ ކަވާނީ ޕީއެސްޖީއަށް 2014-2020 އަށް ކުޅެފައިވާއިރު. އެ ޓީމާއިި އެކު 6 ފަހަރު ފްރާންސް ލީގު ހޯދާފައެވެ. 200 ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައިވާއިރު އެ ކުލަބާއި އެކު ފަސް ފަހަރު މަތިން ފްރެންޗް ކަޕް ވެސް ކާމިޔާބުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކަވާނީ ވަނީ އިޓަލީގެ ނަޕޮލީއަށް ކުޅެ 2011-2012 ސީޒަންގައި އެ ޓީމާއެކު ކޮޕަ އިޓަލިއާ ވެސް ކާމިޔާބުކޮށްފައެވެ.

ކަވާނީ ވަނީ އިނގިރޭސި ކުލަބެއް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. އަދި ސްޕެއިންގެ ކުލަބް އެއް ކަމަށްވާ ވެލެންސިއާއަށް ވެސް ކަވާނީ ކުޅެދީފައިވާއިރު، ކަވާނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ބަދަލު ވެފައިވަނީ 2023 ވަނަ އަހަރުއެވެ.