ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެލިދޫ ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

ނ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޗެމްޕިއަންކަން ވެލިދޫ ސްޕޯޓްސް ކުލަބް އިން ހޯދާފައިވަނީ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި މަނަދޫ ސްޕޯޓްސް ކުލަބް އާއި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް

ފައިނަލް މެޗުގައި ވެލިދޫ ސްޕޯޓްސް ކުލަބް އާއި މަނަދޫ ސްޕޯޓްސް ކުލަބް ވާދަކުރި ފައިނަލް މެޗުގެ ފުރަތަމަ ސެޓު ވެލިދޫ ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވަނީ 14-25 ގެ ނަތީޖާ އަކުންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ސެޓު 20-25 ގެ ނަތީޖާ އަކުން ވެލިދޫ ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ ތިންވަނަ ސެޓު ވެލިދޫ ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވަނީ 19-25 ގެ ނަތީޖާ އަކުންނެވެ.

ފައިނަލް މެޗުގައި ވެލިދޫ ސްޕޯޓްސް ކުލަބް އަދި މަނަދޫ ސްޕޯޓްސް ކުލަބް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލިދޫ ސްޕޯޓްސް ކުލަބް ގެ ޖ.8 މުހައްމަދު އަހުމަދު އެވެ.

ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ނ.އަތޮޅުގެ ހުރިހާ ރަށަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަނަދޫ ސްޕޯޓްސް ކުލަބްގެ ޖ.16 ސޯދިގު މޫސާ އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ވެލިދޫ ސްޕޯޓްސް ކުލަބްގެ ޖ.13 އަބްދުﷲ ޝިހާމް ހުސެއިން، މަނަދޫ ސްޕޯޓްސް ކުލަބްގެ ޖ.16 ސޯދިގް މޫސާ، ވެލިދޫ ސްޕޯޓްސް ކުލަބްގެ ޖ.10 އިބްރާހިމް އަޝްރަފް، މާޅެންދޫ ވޮލީޓީމުގެ ޖ.18 އާރިފް އީސާ، ވެލިދޫ ސްޕޯޓްސް ކުލަބްގެ ޖ.7 އަހުމަދު އާސިމް ގެ އިތުރުން މަނަދޫ ސްޕޯޓްސް ކުލަބްގެ ޖ.9 އަހުމަދު ހާފިޒް އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ވެލިދޫ ސްޕޯޓްސް ކުލަބްގެ ޖ.17 އަބްދުލް މަޖީދު އަބްދުލް ރައްޒާގު ހޮވިފައިވާއިރު މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލިދޫ ސްޕޯޓްސް ކުލަބް ޖ.2 މުހައްމަދު އާނިފް އިބްރާހިމް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެލިދޫ ސްޕޯޓްސް ކުލަބްގެ ކޯޗު އިބްރާހިމް ޝިހާމް ހޮވިފައިވާއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހިވިފައިވަނީ މާޅެންދޫ ވޮލީޓީމެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.